ދިވެހިރާއްޖޭގެ އިމާރާތްކުރުމުގެ ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކަށް ކުރިމަތިވާ ހާދިސާތަކާއި އަނިޔާތައް އިތުރުވަމުންދާ ދިއުމަކީ ގާނޫނު ތަންފީޒުކުރާ ފަރާތްތަކުން އެކަށީގެންވާ މިންވަރަށް ފާރަވެރިނުވުމުގެ ނަތީޖާ ކަމަށް މޯލްޑިވްސް ނެޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ) އިން ބުނެފިއެވެ.
އެ ޖަމިއްޔާއިން ފާހަގަކުރި ގޮތުގައި އިމާރާތްކުރުމުގެ ގާނޫނުގެ ދަށުން ގާނޫނު ތަންފީޒުކުރަން ތިބޭ ފަރާތްތަކުން ކަންކަން ހިނގާ ނުހިނގާ ގޮތް ނުވަތަ ބަލަންޖެހޭ ކަންކަން ގަވައިދުން ބަލަމުން ނުދިއުމަކީ މިއަދު އޮތް އެންމެ ބޮޑު އެއް ކަންބޮޑުވުމެވެ.
މަސީގެ ސެކްރަޓަރީ ޖެނެރަލް އަދުނާން ޙަލީމް "ސަން" އަށް ވިދާޅުވީ، އިމާރާތްކުރުމުގެ ދާއިރާގައި މަސައްކަތްކުރާ މީހުންނަށް އެކިވަރުގެ އަނިޔާތައް ލިބުމާއި، ބައެއް ހާދިސާތަކުގައި މީހުންގެ ފުރާނަ ގެއްލުމަކީ އެ ދާއިރާއަށް ކުރިމަތިވަމުން އަންނަ ބޮޑު ގޮންޖެހުމެއް ކަމަށެވެ. އަދި މިފަދަ ހިތާމަވެރި ހާދިސާތައް ހިނގަން މެދުވެރިވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެންމެ ފުރިހަމައަށް ނޭޅުމުގެ ސަބަބުން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އަދުނާން ވިދާޅުވި ގޮތުގައި މަސީން އަބަދު ވެސް އެންމެ ބޮޑު އިސްކަމެއް ދެނީ ހެދިފައިވާ ގަވައިދުތަކާއި އުސޫލުތަކުގެ ތެރެއިން މަސައްކަތްތެރިންނަށް ރައްކާތެރި މާހައުލެއް ގާއިމުކޮށްދިނުމަށެވެ.
އެގޮތުން ރާއްޖޭގެ އިމާރާތްކުރާ ތަންތަނުގައި ހުންނަންޖެހޭ ސިއްހީ އަދި ސަލާމަތީ މިންގަނޑުތައް ހިމެނޭ ފުރިހަމަ އުސޫލެއް މަސީން މީގެ އެތަކެއް އަހަރު ކުރިން އެކުލަވާލާފައިވާކަން އޭނާ ހަނދާންކޮށްދެއްވިއެވެ.
މަސައްކަތު މާހައުލުގައި ދިމާވާ މައްސަލަތަކަށް އަލިއަޅުއްވާލައްވަމުން އަދުނާން ވިދާޅުވީ، ޚާއްސަކޮށް ބިދޭސީ މަސައްކަތްތެރިން ސަލާމަތީ މިންގަނޑުތަކަށް އަމަލުނުކުރާ ކަމުގެ ޝަކުވާ ވަރަށް ގިނައިން ލިބޭ ކަމަށެވެ.
"ވަރަށް ގިނައިން ލިބޭ ޝަކުވާއެއް މީ، ހެލްމެޓް އަޅަން ބުންޏަސް ނާޅާ، އަދި ސޭފްޓީ ރޫލްތައް ފޮލޯ ނުކުރާ ކަމުގެ ޝަކުވާތައް ލިބޭ،" އަދުނާން ވިދާޅުވިއެވެ.
މީގެ އިތުރުން، އިމާރާތްކުރުމުގެ ގާނޫނު ތަންފީޒުކުރަން ތިބޭ ފަރާތްތަކުން އެކަންކަން ގަވައިދުން ބަލައި ޗެކް ނުކުރުމަކީ މި މައްސަލަ ހައްލުނުވެ އޮތް ސަބަބެއްގެ ގޮތުގައި މަސީން ދެކެއެވެ.
މިކަމަށް ހޭލުންތެރިކުރުމަށް ހިންގާ ޕްރޮގްރާމްތަކުގައި ކަމާބެހޭ ފަރާތްތައް ބައިވެރިކޮށް، މައުލޫމާތު ހިއްސާކުރަމުންދާ ކަމަށް ވެސް އެ ޖަމިއްޔާއިން ބުނެއެވެ.
އިމާރާތްކުރުމުގެ ދާއިރާގައި ހިނގާ ހާދިސާތައް މަދުކުރުމަށް ޓަކައި، ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ވަރުގަދަކޮށް، ސައިޓުތަކުގެ ސަލާމަތީ ކަންކަން ގަވައިދުން މޮނިޓަރުކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއްގެ ގޮތުގައި މަސީން ވަނީ ފާހަގަކޮށްފައެވެ.