ޣައްޒާގެ ރައްޔިތުން ނެތި ފަނާވެ ދިޔަސް އެކަމާ ދެކޮޅަށް ތެދުވާނެ ފަރާތެއް ނޯންނާނެ : އިސްރާއީލު

ނަތަންޔާހޫ

ޣައްޒާ (22 މާޗް 2025) : ޣައްޒާގެ ހުރިހާ ރައްޔިތުން މަރުވެ ނެތި ފަނާވެގެންދިޔަސް އެކަމާދެކޮޅަށް ނުކުންނާނެ ފަތާތެއް ނެތްކަމާއި އިސްރާއީލުން ޣައްޒާއަށް ދޭ ހަމަލާތައް ހުއްޓުވޭނެ ފަރާތެއްވެސް ނެތްކަމަށް ބުނެ ފުރާނަ ސަލާމަތް ކުރަން ބޭނުންވާނަމަ ވަގުތު ފާއިތުވުމުގެ ކުރިން ޣައްޒާ ދޫކޮށް ދިޔުމަށް ޣައްޒާގެ ރައްޔިތުންނަށް އިންޒާރުދޭ ލިޔުންތަކެއް ޣައްޒާގެ ސަރަހައްދުތަކުން ފެންނަމުންދާކަމަށް ޚަބަރު ލިބިއްޖެއެވެ.

މިލިޔުންތަކާ ހަވާލާދީ އިސްރާއީލުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން މިއީ އިސްރާއީލު ސިފައިން ޣައްޒާގެ ރައްޔިތުން ސުލްހަވެރި ގޮތުގައި އެ މީހުންގެ ވަޒަނުން ބޭރުކުރުމުގެ މަޝްރޫއުގެ ދަށުން ޣައްޒާގެ ރައްޔިތުންނަށް މެސެޖް ދިނުމުގެ ގޮތުން އިސްރާއީލުގެ ސިފައިން އަޅަމުންދާ ލިޔުންތަކެކެވެ.

ޣައްޒާގެ އާންމުންނާ ހަވާލާދީ ޚަބަރުތައް ބުނާގޮތުން މިއީ އެ މީހުން މިހާރު ތިބި ހައިހޫނުކަމާއި ބަލިމަޑުކަމާއި ގަތުލުއާންމުތަކުގައި އާއިލާގެ މީހުންތައް މަރުވެފައިވާ ޔަތީމް އަދި ގިލަންވެރި ހާލަތުން ނާޖާއިޒު ފައިދާ ނަގައިގެން އެ މީހުން ނަފްސާނީ ގޮތުން އިތުރަށް ބަލިކަށިކޮށްލުމަށް ނިކަމެތި ކޮށްލުމަށް އިސްރާއީލު ހިންގަމުން ގެންދާ އިތުރު އަނިޔާއެކެވެ.

އިސްރާއީލު ސިފައިން ޣައްޒާއަށް އަޅަމުން ގެންދާ މި ލިޔުންތައް ލިޔެފައިވަނީ އަރަބި ބަހުން ކަމަށްވެއެވެ. މި ލިޔުންތަކުގެ އިބާރާތްތަކުގައިވާ ގޮތުން ޣައްޒާގެ ރައްޔިތުންނަށް ދުނިޔޭގެ ބައެއް ގައުމުތަކުން މަތިމަތިން ހަމްދަރުދީ ފާޅުކޮށްލި ނަމަވެސް އެ މީހުންނަށް އަޅާލާނެ ބާރުގަދަ ފަރާތެއް އަދި އިސްރާއީލު ހުއްޓުވޭނެ އެއްވެސް ފަރާތެއް ނެތެވެ.

ޣައްޒާގެ ރައްޔިތުން މަރުވެ ފަނާވެދިޔަޔަސް އެކަމާމެދު ދެރަވެލުން ފިޔަވައި އެ ނޫންކަމެއް ހަމްދަރުދީ ވާ ފަރާތްތަކުންވެސް ނުކުރާނެއެވެ. ޣައްޒާ ހިމާޔަތް ކުރަން އީރާން އަންނާނެކަމަށް ބަލާއިރު ޚުދު އީރާނުވެސް ސަލާމަތް ނުވާނެކަމާއި އަރަބި ގިނަ ގައުމުތައްވަނީ އިސްރާއީލާއެކުގައި ކަމަށް މި ލިޔުމުގައި އިސްރާއީލު ބުނެފައިވާކަމަށް ވެއެވެ.

ފަގީރުކޮށް ޔަތީމްކޮށް އަދި ބަނޑަށް ޖައްސާގައިވާ ޣައްޒާގެ ނިކަމެތި ރައްޔިތުން

މިލިޔުމުގައިވާގޮތުން ޣައްޒާގެ ރައްޔިތުން ނެތި ފަނާވެދިޔަސް ދުނިޔެ އޮންނާނެއެވެ. އެކަމުން ދުނިޔެއަށް ލިބޭނެ ގެއްލުމެއް އަދި އުނިކަމެއްވެސް ނޯންނާނެއެވެ. ދުނިޔޭ ޗާޓު ޣައްޒާއާ ހެދި ބަދަލެއް ނުވާނެއެވެ. އިސާހިތަކު ޣައްޒާގެ ރައްޔިތުންގެ މަތިން ދުނިޔެ ހަނދާން ނެތިގެންދާނެއެވެ.

ވީމާ، ޣައްޒާގެ ރައްޔިތުންނަށް އޮތް އެންމެ ރަނގަނޅު ގޮތަކީ ޣައްޒާ ދޫކޮށް އެހެންތަންތަނަށް ހިޖުރަ ކުރުމެވެ. މިކަމާމެދު ފުންކޮށް ވިސްނައި ޣައްޒާ ދޫކޮށް ދިޔުމެވެ.

އިސްރާއީލުގެ ދިފާއީ ވަޒީރު އިސްހާގް ކާޓްސް މީގެ ދެދުވަސް ކުރިން ވަނީ ޣައްޒާގެ ރައްޔިތުންނަށް އޮތް ހަމައެކަނި ގޮތަކީ ހަމާސްގެ އަތްދަށުގައިވާ އިސްރާއީލުގެ އަސީރުން މިނިވަންކުރުމުގައި އިސްރާއީލަށް އެހީތެރިވެދިނުމާއި ހަމާސް ޖަމާއަތުގެ އަތުން ހަތިޔާރު ނިގުޅައިގަތުމާ އަދި އެ ޖަމާއަތް ނައްތާލުމުގައި އިސްރާއީލަށް އެހީތެރިވެ ދިނުންކަމަށް ބުނެ ވާހަކަ ދައްކާފައެވެ.

މިކަން ކޮށްދީފިނަމަ ސަލާމަތް ތެރިކަމާއެކު ޣައްޒާއިން ބޭރުވުމުގެ ފުރުސަތު ޣައްޒާގެ ރައްޔިތުންނަށް ދެވިދާނެކަމަށް ބުނެ ކާޓްސް ވަނީ އިސްރާއީލު ސިއިންގެ ރޭޑިއޯ މެދުވެރިކޮށް ޣައްޒާގެ ރައްޔިތުންނަށް ޚާއްސަކޮށްގެން ބަޔާނެއް ދީފައެވެ.

އިސްރާއީލުން ޝަހީދުކޮށްލާފައިވާ ޣައްޒާގެ އާންމުން

އިސްރާއީލު ސިފައިންގެ ރޭޑިއޯ މެދުވެރިކޮށް ޣައްޒާގެ ރައްޔިތުންނަށް ދިން މި މެސެޖެއްގައި ކާޓްސް ބުނެފައިވަނީ ޣައްޒާގެ އެއްވެސް ރައްޔިތަކު ޣައްޒާގައި އެ މީހުންނަށް މުސްތަގްބަލް އޮތްކަމަށް ގަބޫލުކޮށްގެން ނުވާނެ ކަމުގައެވެ. އަދި ފުރުސަތު ދިނަސް ދެވެނީ ހަމައެކަނި ޣައްޒާއިން ބޭރުވުމުގެ ފުރުސަތު އެކަނި ކަމުގައެވެ. އެހެންކަމުން މިކަމާމެދު ފުންކޮށް ވިސްނުމަށް އޭނާ ވަނީ ޣައްޒާގެ ރައްޔިތުން ޣައްޒާއިން އަވަހަށް ބޭރުވުމަށް ގޮވާލާފައެވެ.

އަނެއްކޮޅުން އިސްރާއީލު ސިފައިން އިއްޔެ ވަނީ ޣައްޒާގައި މަސައްކަތްކުރާ ހަތަރު ފަސް ހޮސްޕިޓަލުގެ ތެރެއިން އެއް ހޮސްޕިޓަލްކަމަށްވާ "ތުރުކީ ހޮސްޕިޓަލް" އަށް ބޮޑުބަޑިން ހަމަލާދީ އެހޮސްޕިޓަލްގެ ބޮޑުބައެއް ހަލާކުކޮށްލާފައެވެ. މި ހޮސްޕިޓަލަށް އިސްރާއީލުން ހަމަލާދިނީ އިސްރާއީލުގެ ގަތުލުއާންމުތަކުގައި ޒަޚަމްވެފައިވާ ސަތޭކައަށް ވުރެ ގިނަ މީހުންނަށް ފަރުވާ ދިނުމުގެ ކަންތައް އެ ހޮސްޕިޓަލްގައި ކުރިޔަށް ގެންދާތީ އެކަމަށް ހުރަސްއެޅުމުގެ ގޮތުން ކަމަށް އެތަނުގެ ޑޮކްޓަރުން ބުނެއެވެ.

އިސްރާއީލުގެ ހަމަލާތަކާއެކު "ތުރުކީ ހޮސްޕިޓަލް" ގެ ޚިދުމަތްތައް ވަނީ ހުއްޓުމަކަށް އައިސްފައި ކަމަށް ޣައްޒާގެ ސިއްހަތާބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ.

comment ކޮމެންޓް