ވޮޝިންޓަން (25 މާޗް 2025) : ޣައްޒާގައި ހިނގަމުންދާ މީހުން މެރުމުގެ އަމަލުތައް އިޚްތިޔާރު ކުރީ ހަމާސް ޖަމާއަތުން ކަމަށާއި އިސްރާއީލު މަސައްކަތް ކުރަނީ އަމިއްލަ ނަފްސުގެ ދިފާއުގައި ކަމަށް ވައިޓް ހައުސްގެ ތަރުޖަމާން ކެރޮލިން ލީވިޓް ވިދާޅުވެއްޖެއެވެ.
ސްކައި ނިއުސްއަށް ދެއްވި ބަޔާނެއްގައި ތަރުޖަމާން ކެރޮލިން ވިދާޅުވީ ޣައްޒާގައި ހިނގަމުންދަނީ ހަމާސްއިން އިޚްތިޔާރުކުރި އަމަލުތަކެއްކަމުގައެވެ. އެެހެންކަމުން އެކަމުގެ ޒިންމާ ވެސް ނަގަންޖެހޭނީ ހަމާސް އިންކަމުގައެވެ.
ކެރޮލިން ވިދާޅުވިގޮތުގައި ހުރިހާ ކަމެއްގެ ފެށުމަކީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު ހަތެއްގައި ހަމާސްއިން އިސްރާއީލަށް ދިން ކުއްލި ހަމަލާތަކެވެ. އޭގެ ކުރިން އިސްރާއީލުން ފަލަސްތީނުގެ ބިންތައް ހިފައި ފަލަސްތީނު މީހުން މަރަމުން ގެންދިޔަ މައްސަލައަކީ ނެތް މައްސަލައަކަށް ހައްދަވަމުން ކެރޮލިން ވިދާޅުވީ ބޭނުން ގޮތަކަށް ބޭނުން ކަމެއްކޮށްގެން އަމިއްލަ ނަފްސުގެ ދިފާއު ކުރުމުގެ ހައްގު އިސްރާއީލަށް އޮންނާނެއެވެ.
އޮކްޓޯބަރު ހަތެއްގެ ކުރިންވެސް ޣައްޒާއާއި ހުޅަނގު އައްސޭރި ހިމެނޭގޮތަށް އިސްރާއީލުން ފަލަސްތީނުގެ ބިންތައް ހިފައި އދ. ގެ ގަރާރުތަކަށް ގޮންޖަހައި ކޮންމެ ދުވަހަކު ޣައްޒާއަށް ބޮންއަޅައި މީހުން ޝަހީދުކޮށް މަސްޖިދުލްއަގްސާއަށް ގޯނާކުރަމުން ގެންދިޔަ މައްސަލައަށް ކެރޮލިން އެއްވެސް ވަރަކަށް އިޝާރާތެއް ނުކުރައްވައެވެ.
އޭނާގެ ވާހަކަތައް ހުރީ ފަލަސްތީނުގެ މައްސަލަ ފެށުނީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު ހަތެއްގައި ކަން ދޭހަވާ ގޮތަށެވެ. އިސްރާއީލުން ފަލަސްތީނުގެ ބިންތައް ގަދަބާރުން ހިފައިގެން އޮންނަ މައްސަލައަކީ ނެތް ކަމެއް ފަދައެވެ. އިސްރާއީލާ ދެކޮޅަށް މިނިވަން ކަމުގެ ޖިހާދު ކުރުމަކީ ފަލަސްތީނަށް ލިބިގެންވާ ހައްގެއްކަމަށް ވެސް ވިދާޅެއް ނުވެއެވެ.
ކެރޮލިން ވިދާޅުވިގޮތުގައި އިސްރާއީލުން ޣައްޒާގައި ހިންގާ ހުރިހާ އަމަލުތަކަށް އެމެރިކާގެ ސަޕޯޓާއި އެއްބާރުލުން އެބައޮތެވެ. އަދި އިސްރާއީލު ކުރާ ކޮންމެ ކަމަކަށް ރައީސް ޑޮނަލްޑް ޓްރަމްޕްގެ ރުހުން ވެސް އެބައޮތެވެ.
ހަމާސްގެ އަތްދަށުގައިވާ އިސްރާއީލުގެ އަސީރުން މިނިވަން ނުކޮށްފިނަމަ ނަރަކައިގެ ދޮރުތައް ހުޅުވާލާނެކަމުގެ އިންޒާރު ރައީސް ޓްރަމްޕް ހަމާސްއަށް ދެއްވި ކަމަށާއި ޣައްޒާއިން ފެންނަނީ ޓްރަމްޕްގެ އިންޒާރަށް ބޯނުލެނބުމުގެ ނަތީޖާ ކަމަށް ވެސް ކެރޮލިން ވިދާޅުވިއެވެ.
އިސްރާއީލު ގެންދަނީ ހަމާސް އާ ހަނގުރާމަ ކުރުމުގެ ނަމުގައި ޣައްޒާގެ އާންމުންނާ ދެކޮޅަށް ގަތުލުއާންމުތައް ހިންގައި ކޮންމެ ދުވަހަކު އެތައް ސަތޭކަ ބަޔަކު ޝަހީދުކޮށް އަދި ޒަޚަމްކުރަމުންނެވެ.
އިސްރާއީލު ވަނީ މިހާތަނަށް ބައިލައްކައަށް ވުރެ ގިނަ މީހުން ޝަހީދުކޮށް ދެލައްކައަށް ވުރެ ގިނަމީހުން ޒަޚަމްކޮށް ޣައްޒާގެ އާންމުންގެ ގެދޮރާއި ހޮސްޕިޓަލްތައް ފުނޑާލާފައެވެ.
މި ޖަރީމާތަކާ ގުޅިގެން ބައިނަލްއަގްވާމީ ޖިނާއީ ކޯޓުން ވަނީ އިސްރާއީލުން ޣައްްޒާގައި ހިންގަނީ ފަލަސްތީނު ރައްޔިތުންގެ ނަސްލު ނައްތާލުމުގެ ޖަރީމާއެއްކަމަށް ތުހުމަތުކޮށް އިސްރާއީލުގެ ބޮޑުވަޒީރު ހައްޔަރު ކުރުމުގެ އަމުރެއް ނެރެފައެވެ. ޖިނާއީ ކޯޓުގެ އަމުރު ބުނާގޮތުން ހަނގުރާމައިގެ ހާލަތުގައި ވެސް އާންމުން މެރުމާއި ހޮސްޕިޓަލްތަކަށް ހަމަލާ ދިނުމަކީ ހަނގުރާމައިގެ ޖަރީމާއެވެ.
ބައިނަލްއަގްވާމީ ކޯޓުގެ އަމުރާއެކު އެމެރިކާ ވަނީ އިސްރާއީލުގެ ދިފާއުގައި ބައިނަލްއަގްވާމީ ކޯޓަށް ބިރު ދައްކަން ފަށާފައެވެ. އަދި އެ ކޯޓުގެ ފަނޑިޔާރުންނާއި ޕްރޮސެކިއުޓަރާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅައި އެބޭފުޅުން އެމެރިކާއަށް ވަނުން މަނާކޮށްފައެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ޣައްޒާގެ ރައްޔިތުން އެ މީހުންގެ ވަޒަނުން ބޭރުކޮށްލުމަށް ގޮވާލައްވައި އެކަން ކުރިޔަށް ގެންދިޔުމަށް ޕްލޭނެއް ތައްޔާރުކޮށް އެ ޕްލޭން ތަންފީޒު ކުރުމަށް ގޮވާލައްވާފައެވެ. މިއާއެކު އިސްްރާއީލު ވަނީ ޣައްޒާއިން ޣައްޒާގެ ރައްޔިތުން ބޭރުކުރުމަށް ޚާއްސަކޮށްގެން ވަކި އިދާރާ އެއް އުފައްދާފައެވެ. ބައިނަލްއަގްވާމީ ގާނޫނު ބުނާގޮތުން ރައްޔިތަކު ގަދަބާރުން އެ މީހުންގެ ވަޒަނުން ބޭރުކުރުމަށް މަސައްކަތް ކުރުމަކީ ޖެނޮސައިޑް ނުވަތަ ނަސްލު ނައްތާލުމުގެ ޖަރީމާއެކެވެ.