ޑިސްކައުންޓް ލައިގެން ވެސް ބިލުތައް ބޮޑީ ހޫނު މޫސުމާ ދިމާވީމަ: ސްޓެލްކޯ

ކަރަންޓު ބިލާއި ފެން ބިލުތަކެއް: ޑިސްކައުންޓް ލައިގެން ވެސް ބިލުތައް ބޮޑީ ހޫނު މޫސުމާ ދިމާވީމަ ކަމަށް ސްޓެލްކޯއިން ބުނެފި --- ސަން ފޮޓޯ

މި ރޯދަ މަހު ޑިސްކައުންޓް ލައިގެން ވެސް ކަރަންޓު ބިލުތައް ބޮޑީ ހޫނު މޫސުމާ ދިމާވެ، ކަރަންޓު ބޭނުންކުރި މިންވަރު އިތުރުވުމުން ކަމަށް ސްޓެލްކޯއިން މިއަދު ބުނެފިއެވެ.

ސަރުކާރުން ވަނީ ފެން ބިލާއި ކަރަންޓު ބިލުން ވެސް ރޯދަ މަހު 10 އިންސައްތައިގެ ޑިސްކައުންޓެއް ދީފައެވެ.

ނަމަވެސް ކަރަންޓު ބިލުތައް ބޮޑުވެ، އެކަމުގެ ޝަކުވާ އާންމުން ދަނީ ސޯޝަލް މީޑިއާގައި ހިއްސާކުރަމުންނެވެ. ބައެއް ގޭބީސީތަކުން ޑިސްކައުންޓް ލައިގެން ވެސް ކަރަންޓު ބޭނުންކުރި މިންވަރު ދެ ގުނަވެ، އެކަމުގެ ޝަކުވާތައް ކޮށްފައިވެއެވެ.

އެކަމާ ގުޅިގެން "ސަން" އަށް މައުލޫމާތު ދެއްވައި ސްޓެލްކޯގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، އާއްމު ގޮތެއްގައި ކޮންމެ ރޯދަ މަހަކު ވެސް ކަރަންޓު ބޭނުންކުރާ މިންވަރު އިތުރު ވާނެ ކަމަށެވެ. ވަކިން ޚާއްސަކޮށް ހޫނު މޫސުމާ އެކުއެކީހެން ރޯދަ މަސް އައުމުން ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވާނެކަން އޭނާ ފާހަގަކުރެއްވިއެވެ.

މިދިޔަ ރޯދަ މަހު ވެސް އެ މައްސަލަ ދިމާވިކަން ފާހަގަކުރައްވައި މީޑިއާ އޮފިޝަލް ވިދާޅުވީ، މިދިޔަ ރޯދަ މަހާ އަޅާ ބަލާއިރު މި ރޯދަ މަހުގެ ބިލުތައް ދަށްކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ރޯދަމަހުގެ ފަހު ދުވަހަށްވީ ނިމުނު ހޮނިހިރު ދުވަހު މާލޭ ސަރަހައްދުގައި ކަރަންޓު ބޭނުންކުރި މިންވަރު އިތުރުވެފައިވެއެވެ. އެގޮތުން ރޯދަމަހުގެ ފަހު ދުވަހު އެންމެ ގިނައިން ކަރަންޓު ބޭނުންކުރި ވަގުތުގައި 103،801 ކިލޯވޯޓުގެ ކަރަންޓު ވަނީ ބޭނުންކޮށްފައެވެ.

މި ރަމަޟާންމަހު ވެސް ކަރަންޓާއި ފެން ބިލުން ޑިސްކައުންޓު ދީފައިވާއިރު ކަރަންޓަށްދޭ ޑިސްކައުންޓަށް ގާތްގަނޑަކަށް 160 މިލިއަން ރުފިޔާ ހޭދަ ކުރަންޖެހޭނެ ކަމަށް ސްޓެލްކޯއިން މީގެ ކުރިން ވަނީ އަންދާޒާ ކޮށްފައެވެ.

https://sun.mv/203282

ހަމައެއާއެކު ރޯދައަށް ވަކި ބިލެއް ތައްޔާރުކުރުމަށް ކުރާ މަސައްކަތުގެ ސަބަބުން ފެބުރުވަރީ މަހުގެ ބިލު ވަނީ މާ ކުރިން ފޮނުވައިފައެވެ. އެހެންވެ، ޖަނަވަރީ މަހުގެ ބިލާއި ފެބުރުވަރީ މަހުގެ ބިލް މާ ގާތްގާތުގައި އައި ކަމުގެ ކަންބޮޑުވުން ވެސް މީގެ ކުރިން ބައެއް މީހުން ވަނީ ފާޅުކޮށްފައެވެ.

އެކަމާ ގުޅިގެން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވީ ގާތްގާތުގައި ދެ ބިލެއް ފޮނުވާ ވާހަކައަކީ މީޑިއާތައް މެދުވެރިކޮށް މީގެ ކުރިން ވަރަށް ހާމަކަން ބޮޑު ގޮތެއްގައި ދައްކާފައި އޮތް ވާހަކައެއް ކަމަށާއި އެއީ ކަސްޓަމަރުންގެ ފައިދާއަށްޓަކަށް ނިންމި ނިންމުމެއް ކަމަށެވެ. ފަހުމީ ވިދާޅުވީ އެ ބިލް ފޮނުވުމުގެ މަގުސަދުތަކުގެ ތެރޭގައި، ރޯދަމަހުގެ ބިލަކީ ސީދާ އެ މަހު ބޭނުންކުރާ ކަރަންޓަށް ބަލައި ތައްޔާރުކުރާ ބިލެއްކަން ކަށަވަރުކުރުން ހިމެނޭ ކަމަށެވެ.

މީގެ އިތުރުން ރޯދަމަހު ކަރަންޓާއި ފެން ބިލު ބޮޑުވުމުގެ މައްސަލައަށް ހައްލެއް ހޯދައި ދިނުމަކީ ރައީސްގެ ވައުދުފުޅެއްކަން ވެސް ފާހަގަކުރެވެއެވެ.

comment ކޮމެންޓް