ސްޓެލްކޯއިން ގާތްގާތުގައި ދެ ކަރަންޓު ބިލެއް ފޮނުވަނީ، ރޯދަމަހުގެ ޑިސްކައުންޓް ފުރިހަމައަށް ދޭން ކަމަށާއި އެންމެ ފަހުން ފޮނުވި ބިލު ދައްކަން އިތުރު މުއްދަތު ދޭނެ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޙުސައިން ފަހުމީ މިރޭ ވިދާޅުވެއްޖެއެވެ.
ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ މިދިޔަ އަހަރެކޭ އެއްގޮތަށް، މި އަހަރުގެ ރޯދަމަހު ވެސް ކަރަންޓު ބިލުން ޑިސްކައުންޓު ދެއްވާނެ ކަމަށް ވިދާޅުވެފައެވެ.
އެހެންވެ، ސްޓެލްކޯއިން މީގެ ކުރިން ވަނީ ރޯދަމަހަށް ވަކި ކަރަންޓު ބިލެއް ހަދައި، އެ ބިލުން 10 ޕަސެންޓު ޑިސްކައުންޓު ދޭނެ ކަމަށް ބުނެފައެވެ.
ރޯދައަށް ވަކި ބިލެއް ތައްޔާރުކުރުމަށް ކުރާ މަސައްކަތުގެ ސަބަބުން ފެބުރުވަރީ މަހުގެ ބިލް ވަނީ ކުރިން ފޮނުވައިފައެވެ. އެހެންވެ، ޖަނަވަރީ މަހުގެ ބިލާއި ފެބުރުވަރީ މަހުގެ ބިލް މާ ގާތްގާތުގައި އައި ކަމުގެ ކަންބޮޑުވުން ބައެއް މީހުން ވަނީ ފާޅުކޮށްފައެވެ.
އެކަމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފަހުމީ ވިދާޅުވީ، ސްޓެލްކޯއަކީ 75 އަހަރުގެ ގައުމީ ޚިދުމަތުގެ ރެކޯޑް އޮތް ކުންފުންޏެއް ކަމަށާއި އެ ކުންފުނިން އެއްވެސް ކަމެއް ރައްޔިތުންނަށް އޮޅުވާލުމުގެ ނިޔަތުގައި ނުކުރާނެ ކަމުގެ ފުރިހަމަ ޔަގީންއަރުވާ ކަމަށެވެ.
އޭނާ ވިދާޅުވީ ގާތްގާތުގައި ދެ ބިލެއް ފޮނުވާ ވާހަކައަކީ މީޑިއާތައް މެދުވެރިކޮށް މީގެ ކުރިން ވަރަށް ހާމަކަން ބޮޑު ގޮތެއްގައި ދައްކާފައި އޮތް ވާހަކައެއް ކަމަށާއި އެއީ ކަސްޓަމަރުންގެ ފައިދާއަށްޓަކަށް ނިންމި ނިންމުމެއް ކަމަށެވެ.
"އަދި އެއީ އެއް ޔޫސޭޖަކަށް ކުރާ ބިލެއްވެސް ނޫން. ބިލްތަކުގެ ރީޑިން ނެގި ތާރީޚުތައް ބިލުން ފެންނަން ހުންނާނެ. މި ފޮނުވާފައިވާ ބިލަކީ މީގެ ކުރިން ސްޓެލްކޯގެ ބިލިން ސައިކަލްގައި ހިމެނޭ ރީިޑިން ނެގުމަށްފަހު ބިލް ޑެލިވާ ކުރުމުގައި އުޅޭ 20 ނުވަތަ 25 ދުވަހުގެ ޑިލޭގެ ބެކްލޮގް ފިލުވާލުމަށް ފޮނުވާ ބިލެއް،" ފަހުމީ ވިދާޅުވިއެވެ.
އައު ބިލް ފޮނުވިއިރު، ކަސްޓަމަރުންނަށް ކުރިމަތިވެދާނެ މާލީ ދަތިކަން ފިލުވުމަށްޓަކައި ޖޫރިމަނާ ނާރާގޮތަށް އެ ބިލް ދެއްކުމަށް 30 ދުވަހުގެ މުހުލަތެއް ވެސް ދީފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
ފަހުމީ ވިދާޅުވީ އެ ބިލް ފޮނުވުމުގެ މަގުސަދުތަކުގެ ތެރޭގައި، ރޯދަމަހުގެ ބިލަކީ ސީދާ މި މަހު ބޭނުންކުރާ ކަރަންޓަށް ބަލައި ތައްޔާރުކުރާ ބިލެއްކަން ކަށަވަރުކުރުން ހިމެނޭ ކަމަށެވެ.
"މީގެ ކުރިން މި ދެންނެވި ބެކްލޮގާ އެކު އެ ބިލް ފޮނުވާނަމަ ޑިސްކައުންޓް ދެވިގެންދާނީ ރޯދަމަހުގެ ޔޫސޭޖްގެ އެއްބަޔަށް. އެހެންކަމުން އެ ޑިސްކައުންޓުގެ ފައިދާ އެންމެ ފުރިހަމަ ގޮތުގައި ކަސްޓަމަރުންނަށް ހޯދައި ދިނުމަކީ މީގެ އެއް މަގުސަދު،" އޭނާ ވިދާޅުވިއެވެ.
އެ ބެކްލޮގް ފިލުވާލެވުމާއެކު އެޕްރީލް މަހުން ފެށިގެން އެ މަހެއްގެ ފަހު ހަފުތާގައި ރީޑިން ނެގުމަށްފަހު، ޖެހިގެން އަންނަ ދުވަހު އެ ބިލް ފޮނުވޭނެކަން ފަހުމީ ފާހަގަކުރެއްވިއެވެ. އޭގެ ސަބަބުން ކަސްޓަމަރުންނަށް އެ ބިލްގައިވާ ރީޑިންއާއި މީޓަރާ އަޅައިކިޔުމުގެ ފުރުސަތު ލިބި، ކަސްޓަމަރުންގެ އިތުބާރު ސްޓެލްކޯއަށް ބޮޑުވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ރޯދަމަހު ކަރަންޓާއި ފެން ބިލު ބޮޑުވުމުގެ މައްސަލައަށް ހައްލެއް ހޯދައި ދިނުމަކީ ރައީސްގެ ވައުދުފުޅެކެވެ. އެގޮތުން ކަރަންޓާ އެއްގޮތަށް، ފެން ބިލުން ވެސް މިދިޔަ އަހަރެކޭ އެއްގޮތަށް ޑިސްކައުންޓު ދޭނެކަން ރައީސް އިއުލާން ކުރެއްވީ މިދިޔަ މަހުގެ 23ގައެވެ.