ރޯދަ ހަދިޔާގެ ގޮތުގައި ގޭބިސީތަކަށް ސަރުކާރުން ހަދިޔާކުރި މަސްދަޅުކޭސް، 111،231 ގޭބީސީއަކުން ގެންގޮސްފައިވާ ކަމަށާއި، އެ މަސްދަޅުކޭސްތަކަށް 81 މިލިއަން ރުފިޔާ ޚަރަދުވެފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން މިއަދު ބުނެފިއެވެ.
ދިވެހި ކޮންމެ ރައްޔިތަކަށް ރޯދަ ހަދިޔާއެއްގެ ގޮތުގައި މަސްދަޅު ކޭސް ދެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވީ ސަރުކާރަށް އަހަރެއް ފުރުން ފާހަގަކުރުމަށް މިދިޔަ އަހަރުގެ ނޮވެންބަރު މަހު ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
އެ ނިންމެވުމާ އެއްގޮތަށް މި ރޯދަ މަހު، ރޯދަ ހަދިޔާގެ ގޮތުގައި 111،231 ގޭބީސީއަކަށް މަސްދަޅުކޭސް ބަހާފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން "ސަން" އަށް ބުންޏެވެ. އަދި އެއިން ކޮންމެ މަސްދަޅު ކޭހަކަށް 730 ރުފިޔާ އަރާ ކަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ.
އެހެންކަމުން ބަހާފައިވާ މަސްދަޅުކޭސްތަކަށް ކުރި ޖުމްލަ ޚަރަދަކީ 81،198،630 ރުފިޔާއެވެ.

ރޯދަ ހަދިޔާގެ ގޮތުގައި ބަހާ މަސްދަޅު ކޭސްތައް --
މަސް ދަޅަކީ ވަކިން ޚާއްސަކޮށް ރޯދަމަހު ބޭނުންކުރާ އަގުބޮޑު އެއްޗެއްކަން ފާހަގަކުރައްވާ ރައީސް މީގެކުރިން ވިދާޅުވީ، 48 ދަޅުގެ ކޭހެއް ކޮންމެ ގެއަކަށް ހަދިޔާކުރި ކަމަށެވެ. އެކަން ހަމަޖެހިގެން ވަރަށް ރަނގަޅަށް ކުރިއަށްދިޔަ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މިދިޔަ ރަމަޟާން މަހު ސަރުކާރުން ވަނީ ކަރަންޓާއި ފެން ބިލުތަކުން ރައްޔިތުންނަށް ޑިސްކައުންޓެއް ދީފައެވެ. ސަރުކާރުން ވަނީ މިދިޔަ ރަމަޟޯން މަހު 82،000 ގޭބިސީއަކަށް 1.6 މިލިއަން ކިލޯގެ ކާޑުގެ ބާވަތްތައް ރޯދަމަހާ ދިމާކޮށް ހިލޭ ފޯރުކޮށްދީފައެވެ.
ރޯދަ މަހުގެ ފަހު ދިހައެއް ވެސް ސަރުކާރުން ވަނީ ބަންދުކޮށްފައެވެ. އެ ގޮތުން މިދިޔަ މަހު 20 އިން ފެށިގެން މިމަހު ފަސް ވަނަ ދުވަހާ ހަމައަށް ސަރުކާރު ވަނީ ބަންދުކޮށްފައެވެ.