އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުން ކަރަންޓު ކެނޑޭ މައްސަލަ ހައްލުކުރުމަށް 1.8 މެގަވޮޓްގެ އިތުރު ޖަނަރޭޓަރެއް އެ ސިޓީއަށް ގެންގޮސް އޮޕަރޭޝަން ފެށިތާ ދެ ދުވަސް ފަހުން އަނެއްކާވެސް އައްޑޫން ކަރަންޓު ކެނޑެން ފަށައިފިއެވެ.
އައްޑޫއަށް ކަރަންޓުގެ ޚިދުމަތް ދެނީ ފެނަކައިންނެވެ.
މި ސަރުކާރުގެ ދައުރު ފެށުނީއްސުރެ އައްޑޫގެ ގުޅިފައިވާ ރަށްތަކުން ކަރަންޓު ކެނޑޭ މައްސަލައިގެ ޝަކުވާ އަންނަނީ ކުރަމުންނެވެ. ދޮޅު އަހަރުވީއިރު ވެސް މައްސަލައަށް ދާއިމީ ހައްލެއް ނުހޯދެއެވެ.
ރޯދަމަހުގެ ފުރަތަމަ ދުވަހު ކަރަންޓު މައްސަލަ ހައްލުވާނެކަމަށް ފެނަކައިން އައްޑޫ ރައްޔިތުން ގާތު ބުނި ނަމަވެސް އެ ކަން ރޯދަމަހުގެ ފަހު ދިހަ ފެށުނުއިރު ވެސް ހައްލުނުވާކަމަށް ބުނެ ރައްޔިތުންގެ ފާޑުކިޔުމާއި ނުރުހުން ސަރުކާރަށާއި ފެނަކައަށް އަމާޒުވިއެވެ.
އައްޑޫއަށް ކުރިމަތިވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް މިދިޔަ މަހުގެ 13ވަނަ ދުވަހު އައްޑޫއަށް އެއް މެގަވޮޓުގެ ޖެނެރޭޓަރު ސެޓެއް ގެންދިޔައެވެ. އެއަށްފަހު މިދިޔަ މަހުގެ 25ވަނަ ދުވަހު ވަނީ 1.8 މެގަވޮޓްގެ އިތުރު ޖަނަރޭޓަރެއް އައްޑޫއަށް ފޮނުވައިފައެވެ. އެ ޖަނަރޭޓަރު އޮޕަރޭޝަނަށް ގެނެސްފައި ވަނީ މިދިޔަ ހޯމަ ދުވަހުއެވެ.
"ސަން"އަށް މައުލޫމާތުދެއްވައި ސިޓީ ކައުންސިލްގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މިއަދު ވެސް އައްޑޫގެ އެކި ހިސާބުތަކުން ކަރަންޓު ކެނޑުނު ކަމަށެވެ. އެގޮތުން ހިތަދޫ، ނޭޗާ ޕާކު ސަރަޙައްދުންނާއި، މަރަދޫ ފޭދޫން ވެސް މިއަދު ކަރަންޓު ކެނޑުނު ކަމަށް އޭނާ ވަނީ މައުލޫމާތު ދީފައެވެ.
ފެނަކައިން ބުނީ ކަރަންޓު ކެނޑިފައި ވަނީ އިންޖީނަކަށް ދިމާވި މައްސަލައަކާ ގުޅިގެންކަމަށެވެ.
އެ ސިޓީން "ސަން" އާ ވާހަކަދެއްކި މީހަކު ބުނީ އުނދަގުލާއެކު އެތައް ތަކުލީފެއް އުފުލަން ޖެހުނު ނަމަވެސް މިހާރު ރައްޔިތުން ތިބީ އެ ހާލަތަށް ހޭނިފައި ކަމަށެވެ. ރޯދަމަސް އެއްކޮށް ނިމުނުއިރު ވެސް އެކަން ހައްލުނުވެ ދިޔުމުން ދެން އިތުރަށް ކުރާނެ ޝަކުވާއެއް ނެތް ކަމަށް އެ މީހާ މާޔޫސްކަމާއެކު ބުންޏެވެ.
އައްޑޫއަކީ ރާއްޖޭގެ ދެވަނައަށް އެންމެ ބޮޑު އާބާދީއެވެ.
ފެނަކައިންނާއި އައްޑޫ ސިޓީ ކައުންސިލުން ވެސް މީގެ ކުރިން ބުނި ގޮތުގައި އައްޑޫގެ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ބޭނުންވަނީ 15 ކިލޯވޯޓްގެ ޖަނަރޭޓަރެވެ.
ގިނަ ބަޔަކު ދެކޭ ގޮތުގައި އައްޑޫގެ ކަރަންޓު މައްސަލަ ހައްލުވާނީ އެތަނުގައި އަލަށް ގާއިމުކުރާ ޕަވާ ހައުސް ނިމުމުންނެވެ. ނަމަވެސް އެ ތަނުގެ މަސައްކަތް ވެސް މި ސަރުކާރުން ޗައިނާގެ ކުންފުންޏަކާ ހަވާލުކުރުމަށްފަހު އަދިވެސް މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައެއް ނުވެއެވެ.
އައްޑޫ ސިޓީ ކައުންސިލާއި އެ ސިޓީއަށް ނިސްބަތްވެ ވަޑައިގަންނަވާ މަޖިލިސް މެންބަރުން ވެސް ދަނީ މި މައްސަލައިގައި ކަންބޮޑުވުން ފާޅުކޮށް، ފެނަކައިގެ އިހުމާލު އޮތްކަމުގެ ތުހުމަތު ކުރައްވަމުންނެވެ.
އެގޮތުން، އެ ސިޓީގެ ރަށްތަކުން އަސާސީ އާންމު ދިރިއުޅުމަށް ދަތިވާ ވަރަށް ކަރަންޓު ކެނޑޭތީ، މިދިޔަ މަހުގެ 10ވަނަ ދުވަހު ހިތަދޫ ދެކުނު ދާއިރާގެ އެމްޑީޕީގެ މެންބަރު އިބްރާހީމް ނާޒިލް މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހެޅުއްވިއެވެ. އެ މައްސަލަ ބަލައިގަތުމަށް އެމްޑީޕީގެ 12 މެންބަރުންނާއި ޕީއެންސީއަށް ނިސްބަތްވާ ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން ވޯޓު ދެއްވި ނަމަވެސް، ޕީއެންސީގެ ސުޕަ މެޖޯރިޓީން ވަނީ އެ މައްސަލަ ބޭރުކޮށްލާފައެވެ.