އއ. ރަސްދޫގައި މިދިޔަ އަންގާރަ ދުވަހު ހިނގި އަލިފާނުގެ ހާދިސާގައި ވަރަށް ބޮޑަށް ފިހުނު ދެމަފިރިންގެ ތެރެއިން އަންހެން މީހާ ނިޔާވެއްޖެއެވެ.
އެ އަލިފާނުގެ ހާދިސާގައި ޒަޚަމުވެގެން ފަރުވާދޭން، ހާދިސާ ހިނގި ދުވަހު އެ ދެމަފިރިން ވަނީ މާލެ ގެނެސްފައެވެ. އަދި އައިޖީއެމް ހޮސްޕިޓަލުގައި ދެމަފިރިންނަށް ފަރުވާ ދެމުން އައީ ވެންޓިލޭޓަރުގައެވެ.
އެ ދެ މީހުންގެ އުމުރަކީ ވެސް 31 އަހަރެވެ.
އޭގެ ތެރެއިން އަންހެން މީހާ މިރޭ 7:17ހާއިރު ނިޔާވެފައިވާކަން އައިޖީއެމްއެޗްއިން ވަނީ "ސަން"އަށް ކަށަވަރުކޮށްދީފައެވެ.
ފިރިހެން މީހާއަށް އަދިވެސް ދަނީ ވެންޓިލޭޓަރުގައި ފަރުވާ ދެމުންނެވެ.
އަންހެން މީހާ ނިޔާވެފައިވަނީ، އެ ދެމަފިރިންނަށް ފަރުވާދޭން އިންޑިއާއިން ތަޖުރިބާކާރު ޑޮކްޓަރަކު ގެނެސްފައި ވަނިކޮށެވެ.
އައިޖީއެމްއެޗްގެ ސީއީއޯ އިބްރާހިމް އަބްދުލްރައްޒާގް ހަލީމް އިއްޔެ ވަނީ، އިންޑިއާގެ މުމްބާއީ ހޮސްޕިޓަލުގައި މަސައްކަތްކުރާ ޚާއްސަ ޑޮކްޓަރެއް ގެނެސްގެން އެ ދެމަފިރިންނަށް ފަރުވާދޭން ފަށާފައިވާ ކަމަށް ވިދާޅުވެފައެވެ. އޭނާ ވިދާޅުވި ގޮތުގައި އެ ޑޮކްޓަރަކީ އެނދުމާއި ޕްލާސްޓިކް ސާޖަރީގެ ފަރުވާދިނުމުގައި 24 އަހަރުގެ ތަޖުރިބާ ލިބިފައިވާ ޑޮކްޓަރެކެވެ.
އެ ހާދިސާއާ ގުޅޭ ގޮތުން މީގެ ކުރިން 'ސަން'އާ ވާހަކަދެއްކި ރަސްދޫ މީހަކު ބުނީ، އަލިފާނުގެ ހާދިސާ ހިނގީ އެ ދެމަފިރިން ދިރިއުޅުނު ގޭގެ ކޮޓަރިއެއްގައި ކަމަށެވެ. އެ ހާދިސާގައި ދެމަފިރިން އެއްކޮށް ކަހަލަ ގޮތަކަށް ފިހިފައިވާ ކަމަށް އޭނާ ބުންޏެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މި ހާދިސާގައި އެ ދެމަފިރިންގެ ފަސް އަހަރުގެ ދަރިފުޅަށް އެއްވެސް އަނިޔާއެއް ލިބިފައެއް ނުވެއެވެ.