އީދަށް ލައިޓް ފޮނުވާ ރަށްތަކުގެ ލިސްޓުން އޮމަދޫ ''އުނިކުރުމުން'' ކައުންސިލްގެ ތުހުމަތުތަކެއް

ރާއްޖޭގެ ރަށެއްގައި މިނިސްޓްރީގެ ފަރާތުން އީދު ބޮކި ދިއްލާފައި: އީދަށް ލައިޓް ފޮނުވާ ރަށްތަކުގެ ލިސްޓުން އޮމަދޫ ''އުނިކުރުމުން'' އެ ކައުންސިލުން ވަނީ ތުހުމަތުތަކެއް ކޮށްފައި -- ފޮޓޯ/ ލޯކަލް ގަވަމެންޓް މިނިސްޓްރީ

ފިތުރު އީދުގެ މުނާސަބަތުގައި ޒީނަތްތެރިކުރުމަށް ހަރުކުރާ ލައިޓް ފޮނުވުމަށް، ލޯކަލް ގަވަމެންޓް މިނިސްޓްރީން އެކުލަވާލި ލިސްޓުގައި އދ. އޮމަދޫ ހިމެނުމަށްފަހު އުނިކުރި ކަމަށް ބުނެ، އެ ކައުންސިލުން މިރޭ ނުރުހުން ފާޅުކޮށްފިއެވެ.

ފިތުރު އީދު ފާހަގަކުރުމަށް ލޯކަލް ގަވަމެންޓް މިނިސްޓްރީން އިސް ނަގައިގެން ކުރިއަށްގެންދާ ހަރަކާތެއްގެ ދަށުން މިރޭ ވަނީ މާލެއާއި ރަށްރަށުގައި ލައިޓްތައް ދިއްލަން ފަށައިފައެވެ.

އެ ލައިޓްތަކާ ގުޅޭ ގޮތުން އޮމަދޫ ކައުންސިލުން ނެރުނު ބަޔާނެއްގައިވަނީ، ފިތުރު އީދުގެ މުނާސަބަތުގައި ދިއްލުމުގެ ނަމުގައި ރާއްޖެތެރޭގެ އެކި ރަށްތައް ދިއްލުމަށް ލައިޓް ފޮނުވަން ކަނޑައަޅާފައިވާ ރަށްތަކުގެ ލިސްޓުގައި އޮމަދޫ ވެސް ހިމަނައި އެކަން ލޯކަލް ގަވަމެންޓް މިނިސްޓްރީން މިމަހުގެ ހަ ވަނަ ދުވަހު އަންގައިފައިވާ ކަމަށެވެ.

އެހެންވެ، ކައުންސިލުން އެ ކަންކަމަށް ވާންޖެހޭ ތައްޔާރީތައް ފުރިހަމައަށްވެ، އެ ތަކެތި ހަރުކުރާނެ ތަންތަން ކަނޑައަޅައި، އާންމުންގެ ސަމާލުކަމަށް ވެސް އެކަން ގެނައި ކަމަށް އެ ބަޔާނުގައިވެއެވެ.

ނަމަވެސް މިއަދު ހަވީރު 17:38ގައި އެ ކައުންސިލަށް މިނިސްޓްރީން ފޮނުވި ސިޓީއެއްގައިވަނީ، ލައިޓް ފޮނުވާ ރަށްތަކުގެ ތެރޭގައި އެ ރަށް ހިމެނިފައިވަނީ އޮޅުމަކުން ކަމަށް ބުނެފައި ކަމަށް އެ ކައުންސިލުން ބުންޏެވެ.

"ނަމަވެސް މި ކައުންސިލަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު ބުރަވެވެނީ ސިޔާސީ ގޮތުން ނުފޫޒު ހުރި ފަރާތްތަކުން ބާރުވެރިކަމުގެ އޮއިވަރުގައި ޖެހި ލައިޓުތައް ގެންދިޔުމަށް ކަނޑައެޅިފައިވާ ލިސްޓަށް ބަދަލު ގެނެސް، މި ރަށުގެ ނަން ލިސްޓުން އުނިކޮށް އެހެން ރަށަކަށް އެ ލައިޓްތައް ބަދަލުކޮށްފައިވާ ކަމެވެ." އެ ބަޔާނުގައިވެއެވެ.

އެ ކައުންސިލުންވަނީ، އެއީ ސަރުކާރުން އޮމަދޫގެ ރައްޔިތުން ލަދުގަންނަވާލުމަށް ހިންގި ކަމެއް ކަމަށް ދެކޭ ކަމަށް ބުނެފައެވެ. އަދި ރަށުގެ ބަނދަރުގެ މަސައްކަތް ވެސް ކުރިއަށް ނުގޮސް ހުއްޓިފައިވަނީ ސިޔާސީ ގޮތުން ހުރި އެފަދަ ކެހިވެރި ރޭވުންތަކެއްގެ ސަބަބުން ކަމަށް އެ ކައުންސިލުން ތުހުމަތު ކުރިއެވެ.

"..ވީހާވެސް އަވަހަކަށް މި ރަށަށް ދިނުމަށް ކަނޑައެޅިފައިވާ ލައިޓުތައް ފޮނުވައި މި ރަށުގެ ބަނދަރު ހެދުމުގެ މަސައްކަތް ފެށުމަށް ގޮވާލަމެވެ." ބަޔާނުގައިވެއެވެ.

ކައުންސިލުން ވަނީ ސަރުކާރުގެ އަމަލު ހަރުކަށި އިބާރާތުން ކުށްވެރިކޮށް، އެފަދަ ކަންކަން ތަކުރާރު ނުކުރުމަށް ގޮވާލާފައެވެ.

އެ ބަޔާނުގައި ކައުންސިލް ރައީސް އިބްރާހީމް އާދިލާއި ނައިބު ރައީސް ޝަޒިއްޔާ އިސްމާއީލާއި ތިން މެންބަރުން ކަމަށްވާ މުހައްމަދު ރިޒާއާއި މުހައްމަދު އިސްމާއީލާއި އާމިނަތު ރާޝިދާ ސޮއިކުރައްވާފައިވެއެވެ.

އެ ބަޔާނާ ގުޅޭ ގޮތުން މިހާތަނަށް ލޯކަލް ގަވަމެންޓް މިނިސްޓްރީގެ ބަހެއް ލިބިފައިނުވެއެވެ.

އީދު ދުވަސްތަކުގައި ގިނަ ރަށްތަކުގައި ކުލަބޮކިތައް ދިއްލައި، ކުލަގަދަކޮށް އީދު ފާހަގަކުރުމަކީ ރައީސް ޑރ. މުޙައްމަދު މުއިއްޒު އިސްކަންދެއްވާ ކަމެއް ކަމުގައި ފާހަގަކުރައްވާފައިވާ ކަމެކެވެ.

ގުޅޭ ޓެގު
comment ކޮމެންޓް