ނެޓްފްލިކްސްއިން 83 ބިލިއަން ޑޮލަރަށް ވޯނާ ބްރަދާސްއާއި އެޗްބީއޯ ގަންނަނީ

ދުނިޔޭގެ އެންމެ ގިނަ ބަޔަކު ބޭނުންކުރާ ސްޓްރީމިންގް ޕްލެޓްފޯމް އަކީ ނެޓްފްލިކްސް--ފޮޓޯ/ވެރައިޓީ

ދުނިޔޭގެ ގިނަ ބައެއްގެ މެދުގައި މަގުބޫލު ސްޓްރީމިންގް ޕްލެޓްފޯމް ނެޓްފްލިކްސްއިން ހޮލީވުޑްގެ ފިލްމުތަކާއި ސީރީސްތައް އުފައްދާ އެންމެ ވަރުގަދަ ދެ ކުންފުނި ވޯނާ ބްރަދާސްއާއި އެޗްބީއޯ ގަންނަން އެއްބަސްވެއްޖެއެވެ.

މިކަން އިއުލާނުކޮށްފައިވަނީ ވޯނާ ބްރަދާސްއާއި އެޗްބީއޯ ނެރުނު ބަޔާނެއްގައެވެ. އެ ބަޔާނުގައިވާ ގޮތުން ނެޓްފްލިކްސްއިން 82.7 ބިލިއަން ޑޮލަރަށް ވޯނާ ބްރަދާސްއާއި އެޗްބީއޯ ގަންނަން ނިންމި ނިންމުމަކީ ދުނިޔޭގެ މުނިފޫހިފިލުވުމުގެ ދާއިރާއަށް ބޮޑު އިންގިލާބެއް ގެނެސްދޭނެ ނިންމުމެކެވެ.

ނެޓްފްލިކްސްއިން ވަނީ ވޯނާ ބްރަދާސްގެ ފިލްމާއި ޓީވީ ސްޓޫޑިއޯތަކާއި އެޗްބީއޯއާއި އެޗްބީއޯ މެކްސް ވެސް ގަންނަން ނިންމާފައެވެ.

ނެޓްފްލިކްސްއިން ވޯނާ ބްރަދާސްއާއި އެޗްބީއޯ ބޮޑު އަގުގައި ގަންނަން ނިންމިއިރު ހޮލީވުޑްގެ މަޝްހޫރު ދެ ކުންފުނި ކަމަށްވާ ޕެރެމައުންޓް ސްކައިޑާންސްއާއި ކޮމްކާސްޓްއިން ވެސް ވަނީ އެ ދެ ކުންފުނި ގަންނަން ބިޑް ހުށަހަޅާފައެވެ.

ވޯނާ ބްރަދަސް އާއި އެޗްބީއޯ ނެޓްފްލިކްސްއިން ގަތުމުގެ ސަބަބުން އެ ކުންފުނީގެ ކޮންޓެންޓްތަކަށް އިތުރު މުއްސަނދިކަމެއް ގެނެސްދޭނެ ކަމަށް ރިޕޯޓުތަކުން ވަނީ ބުނެފައި--ފޮޓޯ/ވެރައިޓީ

ނެޓްފްލިކްސްއިން ވޯނާ ބްރަދާސްއާއި އެޗްބީއޯ ގަންނަން އެއްބަސްވި ނަމަވެސް އެ ދެ ކުންފުނީގެ ފިލްމުތައް އަދި ދައްކާނީ ސިނަމާތަކުގައި ކަމަށް ނެޓްފްލިކްސްއިން ވަނީ ބުނެފައެވެ.

ވާނާ ބްރޯސްގެ ފިލްމުތައް 2029ވަނަ އަހަރާ ހަމައަށް ތިއޭޓަރުތަކުގައި ދެއްކުމަށް މިހާރު ވެސް ތާވަލު ކުރެވިފައިވާއިރު މި ވަގުތަށް އެޗްބީއޯ މެކްސް އޮންނާނީ ވަކި ސްޓްރީމިން ޕްލެޓްފޯމެއްގެ ގޮތުގައި ކަމަށް ނެޓްފްލިކްސްއިން ވަނީ ބުނެފައެވެ. އެހެންނަމަވެސް, މުސްތަގްބަލްގައި އެޗްބީއޯއާއި އެޗްބީއޯ މެކްސްގެ ގިނަ ކޮންޓެންޓްތަކެއް ނެޓްފްލިކްސް މެދުވެރިކޮށް ގެނެސްދޭނެކަން އެ ކުންފުނިން ވަނީ އިއުލާނުކޮށްފައެވެ.

މި އެއްބަސްވުމުގެ ސަބަބުން ނެޓްފްލިކްސްގެ ޚަރަދުން 2-3 ބިލިއަން އަހަރެއްގެ މައްޗަށް ކުޑަކުރެވޭނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް ނެޓްފްލިކްސްގެ ކޯ - ސީއީއޯ ޓެޑް ސަރަންޑޮސް ވަނީ ވިދާޅުވެފައެވެ. ހަމައެއާއެކު ދެވަނަ އަހަރުން ފެށިގެން އެ ކުންފުނީގެ ކޮންމެ ހިއްސާއަކަށް ލިބޭ ފައިދާގެ އަގު އެތައް ގުނައެއް ބޮޑުވާނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް ކޯ-ސީއީއޯ ވަނީ ވިދާޅުވެފައެވެ.

ވޯނާ ބްރަދާސްގެ މަޝްހޫރު އުފެއްދުންތަކުގެ ތެރޭ "ދަ ބިގް ބޭންގް ތިއަރީ"، "ފްރެންޑްސް"، "ދަ ސޮޕްރޭނޯސް" އަދި ބޮޑު މަގުބޫލުކަމެއް ލިބުނު ސީރީސް "ގޭމް އޮފް ތްރޯންސް" ހިމެނެއެވެ.

މި އެއްބަސްވުމާ ގުޅިގެން މުނިފޫހިފިލުވުމުގެ ދާއިރާގައި ނެޓްފްލިކްސްގެ ނުފޫޒު މާވަރުގަދަވާނެ ކަމަށް ބުނެ އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންތަކެއް ވަނީ އެ ޤައުމުގެ ރައީސަށް ސިޓީއެއް ވެސް ހުށަހަޅުއްވާފައެވެ.

comment ކޮމެންޓް