އިމިގްރޭޝަން ކޮރަޕްޝަން މައްސަލަ: ހައްޔަރުކުރި އެންމެންގެ ވަނަވަރު ހާމަކޮށްފި

މޯލްޑިވްސް އިމިގްރޭޝަންގެ ބައެއް މުވައްޒަފުން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ބިދޭސީންގެ އަތުން ނާޖާއިޒް މަންފާ ހޯދި މައްސަލައިގައި، ހިމެނޭ އެންމެންގެ ވަނަވަރު މިރޭ ފުލުހުން ހާމަކޮށްފިއެވެ.

އިމިގްރޭޝަންގެ ކޮރަޕްޝަން މައްސަލައިގައި ހައްޔަރުކުރި މީހުންގެ ވަނަވަރު ހާމަކޮށްފައިވާއިރު، ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު ޝަމްއާން ވަހީދު ހިމެނޭހެން ފަސް މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އެ ފަސް މީހުންނަކީ:

  1. މުޙައްމަދު ޝަމްއާން ވަހީދު، 36 އަހަރު، ގ. ލިޓޯނިޔާ
  2. މުޙައްމަދު އަލްސަން އިސްމާއިލް، 21 އަހަރު، މޫނިމާގެ، ތ. ބުރުނި
  3. އިބްރާހިމް އަޙްމަދު، 37 އަހަރު، ގ. ހެޕީސައިޑް
  4. ހަސަން ސަހެޝާން، 47 އަހަރު، ގ. ހެޕީސައިޑް
  5. އަހްމަދު ލައްސާނު، 40 އަހަރު، މ. ހަޒާރީވިލާ

ފުލުހުން މިހާތަނަށް އާންމުކޮށްފައިވާ ގޮތުގައި، މީގެ ތެރެއިން ދެ މީހަކު 10 ދުވަހަށް ބަންދުކޮށް، އެކަކު ތިން ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. މި ތިން މީހުން ހައްޔަރުކުރީ ބުރާސްފަތި ދުވަހުގެ ރެއެވެ.

މީގެ އިތުރުން ޝަމްއާންގެ ބަންދަށް 15 ދުވަސް ޖަހައިފައިވެއެވެ. ޝަމްއާން ހައްޔަރުކުރީ މިދިޔަ ހުކުރު ދުވަހުގެރޭ ފުލުހަށް ހާޒިރުވި ތަނުންނެވެ.

މި މައްސަލައިގައި އާދިއްތަ ދުވަހު މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ފުލުހުން މިއަދު ބުނީ، މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ދެ މީހެއް ފުރުން މަނާކޮށްފައިވާނެ ކަމަށެވެ. އޭގެ އިތުރުން ޝަމްއާންގެ އާއިލާ މީހެއްގެ ފޯނު ކޯޓު އަމުރެއްގެ ދަށުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ވެސް ބުންޏެވެ.

"ސަން" އަށް އެނގިފައިވާ ގޮތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ޝަމްއާންގެ އަނބިކަނބަލުންގެ ފޯނެވެ.

ފުރުން މަނާ ކުރި ދެ މީހުންގެ ތަފުސީލު އަދި ހާމަކޮށްފައެއް ނުވެއެވެ.

comment ކޮމެންޓް