ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއަޅައި މާރާމާރީ ހިންގި މައްސަލައެއްގައި އަންހެނަކު ހައްޔަރުކޮށް، އޭނާގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ކްރިމިނަލް ކޯޓުން ޖަހައިދީފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ގދ. ވާދޫ، ދަޑިކޮށީގެ، އުމުރުން 46 އަހަރުގެ އާމިނަތު ޢަލީދީދީއެވެ.
ކްރިމިނަލް ކޯޓުން ނެރެފައިވާ ބަންދު އަމުރުގައިވާ ގޮތުން އޭނާ ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައި ވަނީ މި މަހުގެ 26 ފެށިގެން އަންނަ މަހުގެ 11 ގެ ނިޔަލަށެވެ.
ކޯޓު އަމުރުގައި ބަޔާންކޮށްފައިވާ ގޮތުގައި، އޭނާގެ މައްޗަށް ކުރެވޭ ތުހުމަތަށް ބާރުދޭ ކޮންމެވެސް މިންވަރެއްގެ ހެކި ފުލުހުންގެ ފަރާތުން ވަނީ ކޯޓަށް ހުށަހަޅާފައެވެ.
އޭގެ ތެރޭގައި ކުށުގެ ވެއްޓަށް ދިޔަ ފުލުހުންގެ ހާދިސާ ރިޕޯޓު ހިމެނެއެވެ. އަދި އޭނާ ހައްޔަރުކޮށްފައި ވަނީ ޤާނޫނީ އިޖުރާއަތާ އެއްގޮތަށް ކަމަށް ވެސް ކޯޓުން ވަނީ ކަނޑައަޅާފައެވެ.
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 59 ވަނަ މާއްދާ އަދި 60 ވަނަ މާއްދާއަށް ރިއާޔަތްކޮށް، ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ފެންނާތީ އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ ނިންމާފައެވެ.
މީގެއިތުރުން، ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 13 ވަނަ މާއްދާގެ (ނ) ގެ 1، 3 އަދި 4 ވަނަ ނަންބަރުގައި ބަޔާންކުރާ ޙާލަތްތައް ފުރިހަމަވާ ކަމަށް ވެސް ކޯޓު އަމުރުގައިވެއެވެ.
ކޯޓު އަމުރުގައި ފާހަގަކޮށްފައިވާ ގޮތުގައި، އޭނާއަކީ ނަފްސާނީ ބައްޔަކަށް ބޭސްފަރުވާ ކުރަމުންދާ މީހެއް ކަމަށް އޭނާގެ ފަރާތުން ކޯޓުގައި ބުނި ނަމަވެސް، އެކަމާ ގުޅޭ އެއްވެސް ލިޔުމެއް ކޯޓަށް ހުށަހަޅާފައެއް ނުވެއެވެ.
ފާހަގަކުރެވޭ ގޮތުގައި ކ. މާފުށީގައި ފުލުހުންގެ ވާޖިބަށް ހުރަސްއަޅައި މާރާމާރީ ހިންގި މައްސަލައަކާއި ގުޅިގެން ހައްޔަރުކުރި ހަ މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ހޯމަ ދުވަހު ވަނީ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފައެވެ.
މި ހާދިސާ ހިނގާފައި ވަނީ މާފުށީގައި މަސްތުވާތަކެތި ގެންގުޅެ، ބޭނުންކުރާކަމުގެ ތުހުމަތުގައި މިދިޔަ މަހުގެ 11 ވަނަ ދުވަހުގެ މެންދުރު 13:00 އެހާކަންހާއިރު މީހަކު ބަލައިފާސްކުރަމުން ދަނިކޮށެވެ.
އެ ވަގުތު ފުލުހުންގެ ވާޖިބު އަދާކުރުމަށް ހުރަސްއަޅައި، ފުލުހުންނަށް ހަމަލާދީ މާރާމާރީ ހިންގި ކަމުގެ ތުހުމަތުގައި ހަ މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
ފާގަހަކުރެވޭ ގޮތުގައި ރާއްޖޭގައި މަސްތުވާތަކެތީގެ ވަބާގައި ޒުވާނުންނާއި ކުޑަކުދިން ޖެހޭ މިންވަރު އަންނަނީ އިތުރުވަމުންނެވެ. އެގޮތުން ކަނޑުމަގުންނާއި ވައިގެ މަގުން ގިނަ އަދަދަކަށް މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރާކަމަށް ކަމާ ގުޅުންހުރި އިދާރާތަކުން ބުނެއެވެ. .
މަސްތުވާތަކެތީގެ ވިޔަފާރިއާއެކު ގޭންގުތަކުގެ ބާރު ފުޅާވެ، ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމާއި ފުލުހުންގެ އޮޕަރޭޝަންތަކަށް ހުރަސްއަޅައި ހަމަލާދިނުން ވަނީ އިތުރުވެފައެވެ. އަދި ކޯޓު މަރުހަލާތައް ދިގުލައިގެން ދިއުމަކީ ކުށްކުރާ މީހުންނަށް އެކަން ކުރަން މަގުފަހިވާނެ ކަމެއް ކަމަށް ވެސް ކަމުގެ މާހިރުން ދެކެއެވެ.
މި މައްސަލަތައް ހައްލުކުރުމަށްޓަކައި ފުލުހުންނާއި ކަމާއިބެހޭ އިދާރާތަކުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.