ސަންޖޭއާއި މޯނީގެ ފިލްމުގައި ޒުވާން ބަތަލާ ޕަލަކް

ފިލްމު "ދަ ބޫތުނީ"ގެ ޕޯސްޓަރު--ފޮޓޯ/ބޮލީވުޑްހަންގާމާ

ބޮލީވުޑްގެ ފިލްމީތަރިން ކަމަށްވާ ސަންޖޭ ދަތު އަދި މޯނީ ރޯއި މުހިއްމު ރޯލެއް ކުޅޭ ފިލްމު "ދަ ބޫތުނީ"ގެ ވަރަށް ޚާއްސަ ރޯލަކުން ޒުވާން ފިލްމީ ތަރި ޕަލަކް ތިވާރީ ފެންނާނެކަން ކަށަވަރުވެއްޖެއެވެ.

މި ފިލްމުގެ މުހިއްމު ރޯލަކުން ފެންނަ ތިން ތަރިންގެ ޕޯސްޓަރާ އެކު ފިލްމު ސިނަމާތަކަށް ގެންނަ ތާރީޚު ވެސް މިހާރު ވަނީ އިއުލާނުކޮށްފައެވެ. ހެއްވާ މަޖާ ހާދިސާތަކެއް ހިމެނޭ މި ހޮރޯ ކޮމެޑީ ފިލްމުން މޯނީއާ ޕަލަކްގެ އިތުރުން ސަނީ ސިންގް އަދި އާސިފު ޚާން ވެސް ފެންނާނެއެވެ.

މަޝްހޫރު ޓީވީ ސިލްސިލާ "ކަސޯޓީ ޒިންދަގީ ކޭ"ގެ ބަތަލާ ޝްވޭތާ ތިވާރީގެ ދަރިފުޅު ޕަލަކް ތިވާރީގެ މިއީ ދެވަނަ ބޮލީވުޑް ފިލްމެވެ. ޕަލަކް ފިލްމު އިންޑަސްޓްރީއަށް ތަޢާރަފުވެފައިވަނީ 2023ވަނަ އަހަރު ރިލީޒްކުރި ސަލްމާން ޚާންގެ ފިލްމު "ކިސީ ކާ ބާއި، ކިސީ ކީ ޖާން"އިންނެވެ.

ފިލްމު "ދަ ބޫތުނީ"ގެ ބަތަލާ ޕަލަކް ތިވާރީ--ފޮޓޯ/ޕިންކްވިލާ

ފިލްމު "ދަ ބޫތުނީ"ގެ ޕޯސްޓަރު ރިލީޒްކުރުމާ އެކު ފިލްމުގައި މޯނީ ކުޅޭ ރޯލަށް ވަރަށް ގިނަ ބަޔަކު ވަނީ ތައުރީފުކޮށްފައެވެ. ފިލްމުގައި މޯނީ ކުޅެން ހަމަޖެހިފައިވަނީ މޮހައްބަތު ކިޔާ ކެރެކްޓާއެކެވެ.

ފިލްމު "ދަ ބޫތުނީ"އަށް ފަހު މޯނީ ދެން އެންމެ އަވަހަށް މަސައްކަތް ފަށަން ހަމަޖެހިފައިވަނީ ފިލްމު "ޚުދާ ހާފިޒު"ގެ ޑައިރެކްޓަރު "ސަލަކާރު"ގެ ނަމުގައި އުފައްދާ ފިލްމުގެ މަސައްކަތެވެ. މި ފިލްމާ ގުޅޭ މާ ގިނަ ތަފުސީލުތައް ވަރަށް އަވަހަށް މީޑިއާތަކާ އެކު ހިއްސާކުރަން ވަނީ ނިންމާފައެވެ.

މޯނީ އެންމެ ފަހުން ބެލުންތެރިންނަށް ފެނިފައިވަނީ ޑިޒްނީ ޕްލަސް ހޮޓްސްޓާއިން ގެނެސްދިން ދަރުމެޓިކް އެންޓަޓެއިންމަންޓްގެ ޑްރާމާ ސީރީޒް "ޝޯޓައިމް"އިންނެވެ. ފިލްމު "ދަ ބޫތުނީ" ސިނަމާތަކަށް ގެންނަ ތާރީޚަކީ އަންނަ އޭޕްރީލް މަހުގެ 18ވަނަ ދުވަހެވެ.

comment ކޮމެންޓް