މީސްމީޑިއާ މެދުވެރިކޮށް އަންނަ ފާޑުކިޔުންތައް އެހާ ސީރިއަސްކޮށް ނުނެގުމަށް ބަތަލާ މަނޫޝީ ޗިލަ ނަސޭހަތްތެރިވެއްޖެއެވެ.
އިންޑިއާގެ ނޫސް މަޖައްލާ ހިންދުސްތާން ޓައިމްސްއަށް ދާދިފަހުން ދިން އިންޓަވިއުއެއްގައި ރީތީގެ ރާނީގެ ތާޖު އިންޑިއާއަށް ހޯދައިދިން ބަތަލާ ބުނެފައިވަނީ މީސްމީޑިއާ މެދުވެރިކޮށް ވަރަށް ގިނަ ނެގެޓިވް ފާޑުކިޔުންތައް ފިލްމީ ތަރިންނަށް ލިބޭކަމަށް ގަބޫލުކުރާ ކަމަށެވެ.
ނަމަވެސް, އެ ހުރިހާ ނެގެޓިވް ފާޑުކިޔުންތަކާ އެކު ދިރިއުޅުމުގެ ކަންކަން ނިންމުމުގެ ބަދަލުގައި ލިބޭ ޕޮޒިޓިވް ފާޑުކިޔުންތަކަށް ބޮޑަށް ފޯކަސް ކުރުން މާ ރަނގަޅު ކަމަށް މަނޫޝީ ވަނީ ބުނެފައެވެ.
މަނޫޝީއަކީ ވަރަށް ތައުލީމީ އާއިލާއަކުން ގްލެމާގެ ދުނިޔެއަށް ތައާރަފުވި މީހެއްކަމުން އެންމެ ފުރަތަމަ މުނިފޫހިފިލުވުމުގެ ދާއިރާގެ ކަންކަން ރަނގަޅަށް ނޭނގޭ ކަމަށާއި އެކަންކަމަށް މީހާ ހޭލުންތެރިވުމަށް ދުވަސްތަކެއް ނެނގިކަމަށް ބަތަލާ ވަނީ ބުނެފައެވެ.

މަނޫޝީ އެކްޓަރު އަކްޝޭ ކުމާރުއާ އެކު--ފޮޓޯ/އިންޑިއަންއެކްސްޕްރެސް
އެގޮތުން، ގެލްމާގެ ދުނިޔެއާ ގުޅުމަށް ފަހު ދުވަސްކޮޅަކަށް މީސްމީޑިއާއާ ދުރުހެލިވި ކަމަށް ބަތަލާ ވަނީ ބުނެފައެވެ. މީސްމީޑިއާގައި މީހުން ދައްކާ ނެގެޓިވިޓީ ހަގީގަތުގައި އެ މީހުން އަސްލު ދިރިއުޅުމުގައި ނުދައްކާކަން އެ ދުވަސްވަކޮޅު ވަރަށް ބޮޑަށް ފާހަގަކުރެވުނު ކަމަށް މަނޫޝީ ވަނީ ބުނެފައެވެ.
މަނޫޝީއަކީ ފިލްމީ ދާއިރާގެ އިތުރުން ފެޝަން ދުނިޔޭގައި ވެސް އެހާމެ ނަން މަޝްހޫރު ފަންނާނެކެވެ. ފެޝަނަށް އޮންނަ ލޯތްބެއްގެ ބޮޑުކަމުން އެއީ މަނޫޝީގެ ދިރިއުޅުމުގެ ވަރަށް ބޮޑު ބައެއް ހިއްސާކުރާ ދާއިރާއެއް ކަމަށް 2017ވަނަ އަހަރު މިސް ވޯލްޑްގެ ތާޖު އިންޑިއާއަށް ކާމިޔާބުކޮށްދިން ބަތަލާ ވަނީ ބުނެފައެވެ.
ރީތިކޮށް ހެދުން އަޅައި ފޮޓޯ ޝޫޓުތަކަށް ދިއުމަކީ އެއްވެސް އިރެއްގައި އަންނަ ޕްރެޝައެއް ނޫން ކަމަށާއި ނަމަވެސް އެއީ ވަރަށް ކުރާހިތުން ކުރާ މަސައްކަތެއް ކަމަށް ބަތަލާ ވަނީ ބުނެފައެވެ. ފިލްމީ މަސައްކަތަށް ފަހު ނަލަހެދިލައިގެން ފޮޓޯ ޝޫޓެއް ނިންމާލުމަކީ އޭނާ އެންމެ ހިތްހަމަޖެހޭ އެއް ކަންތައް ކަމަށް މަނޫޝީ ވަނީ ހިންދުންސްތާން ޓައިމްސްއަށް ދިން އިންޓަވިއުގައި ބުނެފައެވެ.
ވައިއާރްއެފްގެ ފިލްމު "ސަމްރާތު ޕްރިތުވީރާޖް"އިން ފިލްމު އިންޑަސްޓްރީއަށް ތައާރަފުވި ބަތަލާގެ އެންމެ ފަހުން ރިލީޒްކުރި ފިލްމަކީ މިދިޔަ އަހަރު ރިލީޒްކުރި ފިލްމު "ބަޅޭ މިޔާ ޗޯޓޭ މިޔާ"އެވެ. މަނޫޝީ ދެން އެންމެ އަވަހަށް ބެލުންތެރިންނަށް ފެންނާނީ މިހާރު މަސައްކަތް ފަށާފައިވާ ފިލްމު "ތެހެރާން"އިންނެވެ. މަނޫޝީއާ އެކު ފިލްމުގެ ލީޑް އެކްޓަރުގެ ރޯލުން ފެންނާނީ ޖޯން އަބްރަހަމެވެ.