'ފެމިލީ މޭން 3' ނޮވެންބަރު މަހު

'ދަ ފެމިލީ މޭން'ގެ މަންޒަރެއް--ފޮޓޯ/ޕިންކްވިލާ

އެމޭޒަން ޕްރައިމްގެ މަގުބޫލު ވެބް ސީރީޒް "ދަ ފެމިލީ މޭން 3" މި އަހަރުގެ ނޮވެންބަރު މަހު ސްޓްރީމްކުރަން ފަށާނެކަމަށް އެކްޓަރު މަނޯޖް ބަޖްޕައީ ބުނެފިއެވެ.

މީޑިއާއާ އެކު ކުރިއަށްދިޔަ އިންޓަވިއުއެއްގައި އެ ސީރީސްގެ ލީޑް އެކްޓަރު މަނޯޖު ބުނެފައިވަނީ ނޮވެންބަރު މަހު "ދަ ފެމިލީ މޭން 3" ސްޓްރީމްކުރާނެ ވަކި ތާރީޚެއް އަދި ނުނިންމާ ކަމަށެވެ.

މި ވެބް ސީރީޒް ނޮވެމްބަރު މަހު ސްޓްރީމްކުރާނެ ކަމަށް އެކްޓަރު ބުނެފައިވާއިރު އެމޭޒަންއިން މީގެ ކުރިން ވަނީ "ދަ ފެމިލީ މޭން 3" މި އަހަރު ބެލުންތެރިންނާ ހަމައަށް ގެނެސްދޭނެކަން އިއުލާނުކޮށްފައެވެ.

ބެލުންތެރިންގެ ގިނަ ބަޔަކު އެންމެ ބޮޑަށް އިންތިޒާރުކުރާ އެމޭޒަންގެ މި ވެބް ސީރީޒް މިފަހަރު ގެނެސްދޭނީ ކުރީގެ ދެ ސީޒަނަށް ވުރެ މާ ވަރުގަދަކޮށް ކަމަށާއި ތިންވަނަ ސީޒަންއިން އެކްޓަރު ޖައިދީޕް އަހްލަވާތު ފެންނާނެ ކަމަށް މަނޯޖް ވަނީ ބުނެފައެވެ.

"ދަ ފެމިލީ މޭން"ގެ މަންޒަރެއްގައި އެކްޓަރު މަނޯޖް އަދި ބޮލީވުޑް އެކްޓަރު ޖައިދީޕް--ފޮޓޯ/މިޑްޑޭ

ކުޅަދާނަ އެކްޓަރު ޖައިދީޕް "ދަ ފެމިލީ ސީޒަން 3"އަށް ގެންނަން މަޝްވަރާ ކުރެވުނީ މީގެ ދެ އަހަރުކުރިން ކަމަށާއި ޖައިދީޕާ އެކު މަސައްކަތް ކުރުމުގެ ފުރުސަތު ލިބުމަކީ ކުރިން ވެސް ވަރަށް ބޮޑަށް ބޭނުންވި ފުރުސަތެއް ކަމަށް މަނޯޖް ބުނެފައިވެއެވެ.

ޖައިދީޕް މި ސީރީޒްގައި ކުޅޭ ކެރެކްޓާއާ ބެހޭ މައުލޫމާތު އަދި ހިއްސާކުރަން ބޭނުންނުވާ ކަމަށާއި ނަމަވެސް އެކްޓަރު ފެންނާނީ ވަރަށް ތަފާތު ބެލުންތެރިން އުއްމީދު ވެސް ނުކުރާ ކަހަލަ ރޯލަކުން ކަމަށް މަނޯޖް ވަނީ ބުނެފައެވެ.

ޖައިދީޕަކީ މަޝްހޫރު ފިލްމު "ގޭންގްސް އޮފް ވަސޭޕޫރު"، "ތްރީ އިފް އަސް"، "ޕާތަލް ލޮކް" އަދި "މަހާރާޖް" ފަދަ ފިލްމުތަކުން ބެލުންތެރިންގެ ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ އެކްޓަރެކެވެ.

އެމޭޒަން ޕްރައިމްއިން 2019ވަނަ އަހަރުން ފެށިގެން ގެނެސްދެމުން އަންނަ "ދަ ފެމިލީ މޭން" އަކީ މަޝްހޫރު ޑައިރެކްޓަރުން ކަމަށްވާ ރާޖް އެންޑް ޑީކޭ ލިޔެ ތައްޔާރު ކޮށްފައިވާ ސްކްރިޕްޓަކަށް އުފައްދަމުން އަންނަ ސީރީޒެކެވެ.

comment ކޮމެންޓް