ސިނަމާތަކަށް ދޫކުރުމުގެ ގަޑިއިރުތަކެއް ކުރިން ސަލްމާންގެ ފިލްމު ލީކުކޮށްފި

އިއްޔެ ސިނަމާތަކުގައި ރިލީޒްކުރި ބޮލީވުޑް އެކްޓަރު ސަލްމާން ޚާންގެ ފިލްމު "ސިކަންދަރު" ރިލީޒްކުރުމުގެ ގަޑިއިރުތަކެއް ކުރިން އޮންލައިންކޮށް ލީކުވެއްޖެއެވެ.

ޖުމްލަ 24 މިލިއަން އެމެރިކާ ޑޮލަރުގެ ބަޖެޓަކުން އުފެއްދި "ސިކަންދަރު" އޮންލައިންކޮށް ލީކުކޮށްލުމާ ގުޅިގެން ކަމާގުޅޭ އިދާރާތަކުގެ އެހީގައި 600އެއްހާ ވެބްސައިޓުން ފިލްމުގެ ޕައިރޭޓެޑް ވާޝަން މިހާރު ވަނީ ނަގާފައި ކަމަށް ރިޕޯޓުތައް ބުނެއެވެ.

މިކަމާ ގުޅިގެން އިންޑިއާގެ ފިލްމު ޓްރޭޑް އެނަލިސްޓް ކޯމަލް ނަހުތާ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ ފިލްމެއް ރިލީޒްކުރުމުގެ ކުރިން އެ ފިލްމެއް ލީކުކޮށްލުމަކީ ފިލްމު ޕްރޮޑިއުސަރަކަށް ފެންނާނެ އެންމެ ބިރުވެރި ހުވަފެން ކަމަށެވެ.

އެކަން ފިލްމު "ސިކަންދަރު"ގެ ޕްރޮޑިއުސަރު ސާޖިދު ނަދިއަދުވާލާ ތަޖުރިބާކޮށްފި ކަމަށާއި އޮންލައިން ވެބްސައިޓުތަކުން ފިލްމު ފޮހެލެވުނު ކަމަށްވިޔަސް ވަރަށް ބޮޑު ގެއްލުމެއް ސާޖިދަށާއި ސަލްމާންއަށް ލިބިއްޖެކަމަށް ގަބޫލުކުރާ ކަމުގައި އެނަލިސްޓު ކޯމަލް ނަހުތާ ވަނީ ބުނެފައެވެ.

ސަލްމާން ޚާން އަދި ރަޝްމިކާ ފިލްމު "ސިކަންދަރު"ގެ މަންޒަރެއްގައި--ފޮޓޯ/މިޑްޑޭ

މި އަހަރު އެންމެ ގިނަބަޔަކު އިންތިޒާރުކުރި ފިލްމު "ސިކަންދަރު" އޮންލައިންކޮށް ލީކުވުމާ ގުޅިގެން ސަލްމާން އާއި ސާޖިދުގެ ފަރާތުން މިހާތަނަށް މިކަމާ ގުޅޭގޮތުން ރަސްމީ ބަޔާނެއް އަދި ނުނެރެއެވެ.

ނަމަވެސް އިންޑިއާގެ ފިލްމީ ޚަބަރުތައް ބުނާގޮތުން ސަލްމާން ވަނީ، "ސިކަންދަރު"ގެ ލީކުވި ވާޝަން އޮންލައިންކޮށް ލިބުނު ނަމަވެސް އެއްވެސް މީހަކު އެހެން ބަޔަކާ އެ ފިލްމު ހިއްސާ ނުކުރުމަށް އެދިފައެވެ.

ސަލްމާނަށް ސަޕޯޓުކުރާ ބައެއް ސަޕޯޓަރުން ވަނީ ފިލްމު ޔޫޓިއުބު ނުވަތަ އެހެނިހެން އޮންލައިން ޕްލެޓްފޯމެއް މެދުވެރިކޮށް ލިބޭނަމަ އެ ލިބުނު ލީކް ކްލިޕްތަކާ ގުޅޭ މައުލޫމާތު ކަމާބެހޭ އިދާރައަށް ރިޕޯޓުކުރުމަށް ވެސް ބެލުންތެރިންގެ ކިބައިން އެދިފައެވެ.

ޑައިރެކްޓަރު އޭއާރު މުރުގަދޯސްގެ ފިލްމު "ސިކަންދަރު"އަކީ ދޮޅުއަހަރެއްހާ ދުވަސްފަހުން ސަލްމާން ސިލްވަ ސްކްރީނުން ފެނުނު ފުރަތަމަ އެކްޝަން ފިލްމެވެ.

މި އަހަރުގެ ފިޠުރު ޢީދުގެ މުނާސަބަތާ ދިމާކޮށް ރިލީޒްކުރި ސަލްމާންގެ މި އެކްޝަން ފިލްމު ލީކުކޮށްލުމާ ގުޅިގެން ފިލްމު ގެނެސްދިން ޕްރޮޑަކްޝަން ހައުސް އަދި ބޮކްސް އޮފީހުގެ ކަލެކްޝަނަށް ވަރަށް ބޮޑު ގެއްލުމެއް ލިބޭނެ ކަމަށް ބެލެވޭ ކަމުގައި ރިޕޯޓުތައް ބުނެއެވެ.

ސަލްމާންއާ އެކު ފިލްމުގެ ބަތަލާގެ ރޯލް ކުޅެފައި ވަނީ ސައުތު ސިނަމާގެ މަގުބޫލު ބަތަލާ ރަޝްމިކާ މަންދަންނާއެވެ. ރަޝްމިކާގެ އިތުރުން ކާޖަލް އަގަރްވާލް އަދި ސަތިޔަރާޖް، ޕްރަތީކް ބައްބަރު އަދި ޝަރުމަން ޖޯޝީ މި ފިލްމުގެ މުހިއްމު ރޯލް ކުޅެފައިވެއެވެ.

comment ކޮމެންޓް