ސްޓޫޑެންޓް ލޯން 'އިސްލާމިކް'ކޮށް، ލޯނަށްވުރެ އިތުރަށް ފައިސާ އަނބުރާ ނުހޯދާ ގޮތަށް އިންތިޒާމުތައް ހަމަޖައްސަން ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ނިންމަވައިފިއެވެ.
ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖެއާއި ރާއްޖެއިން ބޭރުގައި މަތީ ތައުލީމާއި ތަމްރީން ހޯދަން ދޫކުރާ އަދި ދޫ ކޮށްފައިވާ ލޯނު ތަކަކީ، އިސްލާމީ ހަމަތަކަށް ފެތޭ، "ޝަރީއާ ކޮމްޕްލަޔަންޓް" ލޯނުތަކަކަށް ހެދުމަށް ކަމާބެހޭ ފަރާތްތަކަށް މިއަދު އަންގަވައިފައިވާ ކަމަށެވެ.
އެ މަސައްކަތުގެ ދަށުން ތަންފީޒު ކުރަން ރައީސް އެންގެވި ފިޔަވަޅުތަކުގެ ތެރޭގައި، ލޯނާއެކު ހިމެނިފައިވާ އެއް ޕަސެންޓް އެޑްމިނިސްޓްރޭޓިވް ފީގެ ގޮތުގައި ނަގަމުންދާ އަދަދު އެއްކޮށް އުނިކޮށް، ލޯނުގެ ގޮތުގައި ދޫކުރާ ފައިސާގެ އިތުރުން އެއްވެސް މިންވަރެއް އިތުރަށް ޗާޖު ނުކުރަން ނިންމުން ހިމެނެއެވެ.
ހަމައެއާއެކު، ކުރިން ލޯނު ނަގައިފައިވާ މީހުން ދައްކަން ހުންނަ ފައިސާއިން ވެސް، އެޑްމިނިސްޓްރޭޓިވް ފީ އުނިކޮށް އެ ދަރިވަރުންގެ ލޯނު އަދަދުތައް އަލުން އެޖަސްޓްކުރުމަށް ރައީސް އެންގެވިއެވެ.
ރައީސް އެ ނިންމެވުން އިއުލާންކުރެއްވީ، ސްޓޫޑެންޓް ލޯން ސްކީމްގައި ރާއްޖެއިން ބޭރުން ކިޔަވަމުންދާ ދަރިވަރުންނަށް ފައިސާ ލިބުމުގައި ދަތިތައް ދިމާވާ ކަމުގެ ކަންބޮޑުވުންތައް އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ.
މިދިޔަ އަހަރާއި މި އަހަރު ވެސް އެފަދަ ކަންބޮޑުވުންތައް އިތުރުވެފައިވާއިރު، ސްޕެއިންގައި ޕައިލެޓުކަން ކިޔަވާ ދަރިވަރުންތަކެއް އެހީއަށް އެދި ހަޔާ އެޑިއުކޭޝަން މިނިސްޓްރީއަށް މިދިޔަ މަހު ސިޓީއެއް ވެސް ފޮނުވާފައިވެއެވެ. އެ ސިޓީގައިވަނީ، ސަރުކާރުން ޓޮޕް އަޕް ލޯނަށް ހުޅުވާނުލާ ކަމުގެ ކަންބޮޑުވުމާއި ކޯހުގެ މުއްދަތަށްވާ ވަރަށް ފައިސާ ހަމަޖެހިފައި ނުވާ ކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ.
އެ ސިޓީ މަހެއްހާ ދުވަސް ފަހުން ސޯޝަލް މީޑިއާގައި އާންމުވުމުން، މިނިސްޓްރީން ދިން ޖަވާބުގައި ބުނެފައިވަނީ ޓޮޕް އަޕް ލޯނަށް ޝަރުތު ހަމަވާ ގޮތްތަކާއި އެ ލޯނަށް ހުޅުވާލުމުން އަންގާނެ ކަމަށެވެ. އެ ޖަވާބާ ގުޅިގެން ވެސް މިނިސްޓްރީއަށް ވަނީ ފާޑު ކިޔުން އަމާޒުވެފައެވެ.
ސްޓޫޑެންޓު ލޯނު އަނބުރާ ދެއްކުމުގެ ދިމާވާ ދަތިތަކަށް ލުއިތައް ދިނުމަށް ޓަކައި މިދިޔަ ސަރުކާރުގައި ވެސް ބަދަލުތަކެއް ގެނެސްފައިވެއެވެ. އެގޮތުން އެޑްމިނިސްޓްރޭޓިވް ފީ ފަސް ޕަސެންޓުން އެއް ޕަސެންޓަށް ދަށްކުރީ ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގައެވެ.
މީގެ އިތުރުން ލޯނު އަނބުރާ ދެއްކުން 20 އަހަރަށް އިތުރުކޮށްދީ، ކުރިން ބޮޑު ރޭޓުގައި ފައިސާ އަނބުރާ ދައްކާފައިވާ ދަރިވަރުންގެ ލޯނުން އެބައި އުނިކޮށްދީފައިވެއެވެ.
comment ނާދިރާ
3 day 13 hour ago
ބަލަ ގެދޮރުގެ ލޯނުތައްވިސް މޮއޮތީ ކާފަރު ދީނުގަ. ވީމާ އެންމެ މުހިންމު އެއް އަސާސީ ބޯހިޔާވަހިކަންވެސް އިސްލާމް ކުރަންޖެހޭ.
comment ފައު
3 day 6 hour ago
ދެން ހުރި ލޯން ތައް އޯކޭ ދޯ ކާފަރުކޮށް ހުއްޓަސް؟
reply ހަޔަސިންތް
3 day 21 hour ago
އެެއީ ބިކުރުވެރި ލޯން އެހެންވީމަ އިސްލާންކުރަން އެއުޅެނީ
comment ފައު
4 day 17 hour ago
ސުޓޫޑެންޓު ލޯނު ނޫން އެހެނއ ހުރިހާ ލޯނެއް ވަރިހަމަތޯ 'ނޮން އިސްލާމިކު' ވިޔަސް. ކީއްވެތޯ ރާއްޖޭގެ މުޅި ބޭންކިން ސިސްޓަމް އިސްލާމިކު ނުކުރެވެންވީ.؟ މިހާރުވެސް މިތާގަ އެތަށް އަހަރެއްވެއްޖެ އިސްލާމިކް ބޭންކެއް ފުރިހަމަ ޚިދުމަތްތަކާއިއެކު ހިނގާތާ. ވީމާ ވަކި ލޯނުތަކެއް އިސްލާމް ކޮއްފަ ދެން ތިބި ލޯނުތަށް އިސްލާމު ނުކޮއް ތިބެނީ އެއީ އިސްލާމް ދީނުގަ އެކަން އެގޮތަށް ކުރަން ހުއްދަ ކުރައްވާފައޮތީތޯ.؟