ސަރުކާރުގެ ލޯނު ސްކީމްގެ ދަށުން ސްޕެއިންގައި ޕައިލެޓްކަން ކިޔަވާ ކުދިންނަށް ދިމާވެފައިވާ ދަތިތަކާ ގުޅޭ ގޮތުން ހަޔާ އެޑިއުކޭޝަން މިނިސްޓްރީއަށް ފޮނުވާފައިވާ ސިޓީއަށް، އެ މިނިސްޓްރީން މަހެއްހާ ދުވަސް ފަހުން ޖަވާބު ދީފިއެވެ.
ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރަށް އެޑްރެސްކޮށް މިދިޔަ މަހުގެ 22ގައި، ބާސެލޯނާގައި ކިޔަވާ ދަރިވަރުން ފޮނުވައިފައިވާ ސިޓީގައި ފާހަގަކޮށްފައި ވަނީ މައިގަނޑު ގޮތެއްގައި ތިން މައްސަލައެކެވެ.
އެއީ ވިސާ ހޯދުމުގައި ދިމާވާ ދަތިތަކާއި އެކަމަށް އިތުރަށް ދާ ޚަރަދުގެ މައްސަލައާއި ދަރިވަރުންނަށް އެކަށީގެންވާ އަދަދެއްގެ ސްޓައިޕެންޑެއް ނުލިބި އަމިއްލައަށް ޚަރަދު ކުރަން ޖެހޭ މައްސަލައާއި ކޯހުގައި ހޭދަވާ މުއްދަތު، ލޯނު ދޭ މުއްދަތަށް ވުރެ އިތުރުވާ މައްސަލައެވެ.
އެ ސިޓީގެ ޖަވާބެއް، މިދިޔަ އަންގާރަ ދުވަހު މިނިސްޓްރީން ވަނީ ފޮނުވައިފައެވެ.
އޭގައި ވަނީ، އެ މިނިސްޓްރީން މިހާރު އަމަލުކުރަމުންދާ އުސޫލުތަކުގެ ތެރެއިން މަތީ ތައުލީމާއި ތަމްރީނަށް ދޭ ލޯނުގެ އެހީގެ ދަށުން ލޯނު ދިނުމަށް ކަނޑައަޅާފައިވާ ގައުމުތަކުގައި ކިޔަވާ ދަރިވަރުންނަށް ލޯނު ދެނީ އެ ގައުމެއްގައި ކިޔެވުމަށް ދޭން އެކި ކަންކަމަށް ކަނޑައަޅައި، އިއުލާނުކޮށްފައިވާ ޚަރަދުތަކަށް ބިނާކޮށް ޕްރޮގްރާމް ފުރިހަމަ ކުރަން ބޭނުންވާ އަދަދެއް ކަމަށެވެ.
މިގޮތުން، ކަނޑައެޅިފައިވާ މުއްދަތުގައި ކަނޑައަޅާފައިވާ މުއްދަތުގައި ދަރިވަރުގެ އިޚްތިޔާރުން ބޭރުން ސަބަބެއް ދިމާވެ، ފުރަތަމަ ލޯނުން ޕްރޮގްރާމް ފުރިހަމަނުކުރެވޭ ދަރިވަރުންނަށް އިތުރު ފައިސާގެ އެހީ ދޭން ޖެހޭ ހާލަތުގައި ދެނީ "ޓޮޕްއަޕް" ލޯނު ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
މިނިސްޓްރީން ވަނީ އެ ލޯނަށް އެދި ހުށަހެޅޭނެ ސަބަބުތަކެއް ސިޓީގައި ބަޔާންކޮށްފައެވެ. އެއީ،
- ޕްރޮގްރާމް ފުރިހަމަ ކުރަމުންދާ މަރުކަޒުން އެ ޕްރޮގްރާމެއް ކުރިއަށް ގެންދިޔުން ހުއްޓާލުން
- ދަރިވަރަށް ކުރިމަތިވާ ބައްޔެއްގެ ސަބަބުން ޕްރޮގްރާމް ކުރިއަށް ގެންދިޔުން ވަގުތީ ގޮތުން މެދުކަނޑާލުން
- ޕްރޮގްރާމް ފުރިހަމަ ކުރަމުންދާ މަރުކަޒުން އެ ޕްރޮގްރާމަށް އެންރޯލްވީއިރު، އެއްބަސްވެފައިވެފައިވާ ޕްރޮގްރާމުގެ މުއްތަށާއި ޚަރަދުތަކަށް މަރުކަޒުން ބަދަލުތަކެއް ގެނައުން
ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނީ، އެ ލޯނަށް ހުށަހެޅޭނީ އެ ކަންކަމަށް ހިނގާނެ ޚަރަދުތައް ހޯދުމަށް ކަމަށާއި އެ ލޯނު ދޫކުރާނީ އިއުލާނުކޮށްގެން އެޕްލިކޭޝަން ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އުސޫލުން ހޮވޭ ފަރާތްތަކަށް ކަމަށެވެ. އެހެންވެ، ލޯނު ފުރުސަތަށް އިއުލާނުކުރުމުގެ އެޕްލައިކުރެވޭނެ ކަމަށް އެ ސިޓީގައި ބުނެފައިވެއެވެ.
އެ ސިޓީ ހިއްސާކޮށް، އެކްސްގައި ދަރިވަރަކު ކުރި ޕޯސްޓެއްގައިވަނީ މިނިސްޓްރީން ދިން ޖަވާބުގައި ދަރިވަރުންގެ ކަންބޮޑުވުންތަކަށް ޖަވާބެއް ދީފައި ނެތް ކަމަށެވެ. އަދި ހައިދަރާ ބައްދަލުކުރަން ދަރިވަރުން އެދުނު ނަމަވެސް، އެކަމާ ގުޅޭ އެއްވެސް ވާހަކައެއް ސިޓީގައި ނެތްކަން އޭނާ ފާހަގަކޮށްފައިވެއެވެ.
ދަރިވަރުން ފޮނުވި ސިޓީގައި ވަނީ، ކޯހުގައި ބައިވެރިވި ދަރިވަރުންގެ ސްޓޫޑެންޓް ވިސާ ލިބެންޖެހޭ މުއްދަތަކީ 18 މަސް ދުވަސް ނަމަވެސް ބައެއް ދަރިވަރުންނަށް ވިސާ ލިބިފައި ވަނީ 12 މަސް ދުވަހަށް ކަމަށް ވަނީ ބުނެފައެވެ. އެހެންކަމުން ވިސާ އާކުރުމަށާއި ގާނޫނީ އެހީތެރިކަން ހޯދުމާއި ފީތައް ދެއްކުމާއި އެ ކަންކަމަށް ދަރިވަރުންގެ އަތުން 2000 ޑޮލަރު ހަރަދުވެގެން ދިޔަކަން ވަނީ ފާހަގަކޮށްފައެވެ.
އެ ދަރިވަރުންގެ ސިޓީގައިވާ ގޮތުން ބާސެލޯނާގައި އެވަރެޖްކޮށް ސްޓޫޑެންޓް އެކޮމެޑޭޝަންގެ އަގަކީ ވެސް މަދުވެގެން 1300 ޑޮލަރެވެ. އަދި އެ ގައުމުގައި ކެއިން ބުއިމުގެ ޚަރަދު މިހާރު ބޮޑުވަމުން އަންނަކަން ފާހަގަކޮށްފައިވެއެވެ.
މީގެ އިތުރުން ލޯނުގެ އަދަދު އެކައުންޓަށް ޖަމާވަނީ ދިވެހި ރުފިޔާއިން ކަމަށް ވުމުން އިންޓަނޭޝަނަލް ފީތަކާއި އެ ދުވަހެއްގެ ޔޫރޯ ރޭޓުގެ މައްޗަށް ބިނާވެގެން ލިބޭ ޔޫރޯގެ އަދަދު ވަރަށް މަދުކަން ދަރިވަރުން ވަނީ ފާހަގަކޮށްފައެވެ. އެހެންކަމުން ކުލި ދެއްކުންފަދަ ޒަރޫރީ ޚަރަދުތައް ފޫބެއްދުމަށް ދަތިވެ، ކާބޯތަކެއްޗާއި ދަތުރުފަތުރުގެ ވަސީލަތްތަކުގެ ޚަރަދު ބަލަހައްޓަން ދަތިވެފައިވާކަން ވަނީ ފާހަގަކޮށްފައެވެ. އަދި ކޮންމެ 12 މަހަކުން މެޑިކަލް ސެޓްފިކެޓް އާކުރަންޖެހޭއިރު އެކަމަށްވެސް ކުދީންގެ އަތުން ގާތްގަނޑަކަށް 800 އެއްހައި ޑޮލަރު ހޭދަވާކަަން ވަނީ ފާހަގަކޮށްފައެވެ.