ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޑިޕާޗާ ހޯލުން ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނެރެން އުޅުމުގެ ތުހުމަތުގައި 23 އަހަރުގެ ޒުވާނަކު ހައްޔަރުކޮށް އޭނަގެ ބަންދަށް މިއަދު 10 ދުވަސް ޖަހައިފިއެވެ.
އެނގިފައިވާ ގޮތުގައި އެއީ ސިފައިންގެ މީހެކެވެ. އޭނާ ޑިއުޓީ އަދާކުރަނީ އެއާޕޯޓުގައެވެ.
ހުއްދަ ނެތި ގިނަ އަދަދެއްގެ ޑިއުޓީ ފްރީ ސިނގިރޭޓު އެތެރެކުރަން އުޅުމުގެ ތުހުމަތުގައި ކަސްޓަމްސްއިން ހުށަހަޅައިގެން، ފުލުހުން އަންނަނީ މައްސަލައެއް ތަހުގީގުކުރަމުންނެވެ. އެ މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން އިއްޔެ ވަނީ ޒުވާނަކު ހައްޔަރުކޮށްފައެވެ.
އެގޮތުން، ހައްޔަރުކޮށްފައިވަނީ ނ. ވެލިދޫ ގަސްކަރަގެ މުޙައްމަދު އައިހަމެވެ. އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުުކުރުމުން 10 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
މީގެ އިތުރުން، އެ މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން މިދިޔަ އަންގާރަ ދުވަހު ވަނީ ދެ މީހަކު ހައްޔަރުކޮށްފައެވެ. އެއީ:
- މ. ސިލްވާނެސްޓް، އަހުމަދު އަފްސަލް
- ދަފުތަރު ނަންބަރު ރސ. 14358، ޔޫސުފް ނަޒީރު (ފުލުހެއް)
އެކަމަކު، އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން އިއްޔެ ކޯޓަށް ހާޒިރުކުރުމުން ދެ މީހުން ވެސް ޝަރުތުތަކަކާ އެކު ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ، އެ މައްސަލައިގައި ހައްޔަރުކުރި ސާޖަންޓް ޔޫސުފް ނަޒީރު ވަނީ، މުސާރަ ނުލިބޭ ގޮތަށް ސަސްޕެންޑުކޮށްފައި ކަމަށެވެ.
ގިނަ އަދަދެއްގެ ސިނގިރޭޓު އެތެރެކުރަން އުޅުނު ކަމަށް ބުނި ނަމަވެސް ސީދާ ވަކި އަދަދެއް ފުލުހުން ބުނެފައެއް ނުވެއެވެ.
ފުލުހުން އަންނަނީ މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.
މި ސަރުކާރުން ދުންފަތާ ދެކޮޅަށް އަންނަނީ ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. ސިނގިރޭޓުން ނަގައި ޑިއުޓީއާއި ފީތައް ވެސް ބޮޑުކޮށްފައިވާއިރު ސިނގިރޭޓުގެ އަގު ވަނީ ދެގުނަ ބޮޑުކޮށްފައެވެ. އަދި، ވޭޕް ވެސް މި ސަރުކާރުން ވަނީ މަނާކޮށްފައެވެ.
އެކަމަކު، ސިނގިރޭޓުގެ އަގު ބޮޑުވުމާ އެކު 'ވަގަށް' އެތެރެކޮށްގެން ސިނގިރޭޓު ވިއްކާކަމުގެ ކަންބޮޑުވުން އޮތީ ބޮޑުވެފައެވެ.