ކްރިމިނަލް ކޯޓާއި ޑުރަގު ކޯޓުގެ ޖާގައިގެ ދަތިކަމަށް ހައްލު ހޯދުމަށް ހުޅުމާލޭގައި ތައްޔާރުކުރަމުންދާ އިމާރާތް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ބައްލަވާލައްވައިފިއެވެ.
ކްރިމިނަލް ކޯޓާއި ޑުރަގު ކޯޓަށް ވެސް ޖާގައިގެ ދަތިކަން ދިމާވެ، އަޑުއެހުންތައް ބާއްވަން ދަތިތަކާ ދިމާވެއެވެ.
ހުޅުމާލޭގައި ވަގުތީ ގޮތުން އަޅާ އިމާރާތަކީ، ކޯޓުތައް ހިންގަން އަޅާ ސުޕީރިއާ ކޯޓު ކޮމްޕްލެކްސް އިމާރާތްކުރެވެންދެން ކޯޓުތަކުގެ ޖާގައިގެ ދަތިކަމަށް ހައްލެއް ހޯދައިދިނުމަށް އަޅާ އިމާރާތެކެވެ.
ރައީސް އޮފީހުން ބުނީ ރައީސްގެ މިއަދުގެ ޒިޔާރަތުގައި، ކޯޓު އިމާރާތުގެ ޕްލޭންތައް އެ މަނިކުފާނު ބައްލަވާލައްވައި، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ އިސް ބައެއް ބޭފުޅުންނާ ބައްދަލުކުރެއްވި ކަމަށެވެ. އަދި އިމާރާތުގެ މަސައްކަތްތަކުގައި މިހާތަނަށް ލިބިފައިވާ ކުރިއެރުންތައް، އިންފްރާންސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބުގެ އަރިހުން އޮޅުންފިލުއްވި ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

ކްރިމިނަލް ކޯޓު ވަގުތީ ގޮތުން ހިންގަން އަޅާ އިމާރާތް ރައީސް ބައްލަވާލެއްވުން -- ފޮޓޯ/ ރައީސް އޮފީސް
އެ އިމާރާތް ބެއްލެވުމަށް ރައީސާއެކު ބައެއް ވަޒީރުންނާއި ޝަރުއީ ދާއިރާގެ އިސްބޭފުޅުންނާއި ސަރުކާރުގެ އިސްވެރިން ވަޑައިގަތެވެ.
މި އަހަރު ރައީސް ދެއްވި ރިޔާސީ ބަޔާނުގައިވަނީ، ރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ، މައްސަލަތަކުގެ އަޑުއެހުންތައް ލަސްވެ، ހުކުމަކާ ހަމައަށް ވާސިލުނުވެ ދިގުލައިގެން ދިޔުންކަމުގައި ފާހަގަކުރައްވާފައެވެ. އެހެންވެ، ކޯޓުތަކަށް ދިމާވެފައި އޮތް ޖާގައިގެ ދަތިކަމަށް ހައްލު ހޯއްދަވައިދެއްވުމުގެ ގޮތުން، ހުޅުމާލޭގައި ސުޕީރިއާ ކޯޓު ކޮމްޕްލެކްސް އެޅުމުގެ މަސައްކަތް، މި އަހަރު ފައްޓަވާނެ ކަމުގައި ރައީސް ވިދާޅުވެފައިވެއެވެ.
މީގެ ކުރިން ރައީސް ވަނީ، ކްރިމިނަލް ކޯޓުގެ ވަގުތީ އިމާރާތުގެ މަސައްކަތް އަންނަ މަހާ ހިސާބަށް ނިމޭނެ ކަމަށް ވިދާޅުވެފައެވެ.
comment އިއްސެ
4 day 17 hour ago
ރައީސްއެވެ. މައިކްރޯ މެނޭޖް ނުކުރަށްވާށެވެ. ކުޑައެއް ބޮޑެއް ނެތި ތިޔަ ގެންދަވަނީ ބަލަމުންނެވެ. ތިއީ ހެޑް އޮފް ސްޓޭޓެވެ. ރައީސްގެ ތި މެނޭޖްމަންޓް ސްޓައިލަށް 1960 އިން ފެށިގެން ގައުމުތަކުން ވަނީ ނޫނެކޭ ބުނެފައެވެ. ރ ޔާމީނު މެގަ ޕްރޮޖެކްޓްތައް ފައްޓަވާ ނިންމެވިއެވެ. ނަތީޖާ ނެރުއްވިއެވެ. ގަވަނެންސްގެ ކޮލިޓީކަމާއި ހަރުދަނާ ލީޑަޝިޕްގެ ސަބަބުންނެވެ. އަޅުގަނޑު ގަބޫލުކުރީ މަނިކުފާނު އެ ކެބިނެޓުގަ އިންނެވުމުން އެފަދަ ހަރުދަނާ ވައްޓަފާޅިއެއް ގެންގުޅުއްވާނެ ކަމަށެވެ. ނަވަމެސް، ވަރަށް ހިތާމަކުރަމެވެ. ގައުމުގެ މިސްރާބު އަދި މިދަނީ ގޯހުން ގޯސްވާ ގޮތަށެވެ.