ބޮލީވުޑްގެ އެކްޓަރު ސުނިލް ޝެޓީއަށް ކާފަ ދަރިޔަކު ލިބުމާ ގުޅިގެން އެއީ އެ އާއިލާއަށް މި ވަގުތު ލިބިފައިވާ އެންމެ ބޮޑު އުފާކަމަށް އެކްޓަރު ބުނެފިއެވެ.

ސުނިލް ޝެޓީގެ ދެ ކުދިންގެ ތެރެއިން ދޮށީ ދަރިފުޅު އަތިޔާ ޝެޓީއާއި ފިރިމީހާ ކޭއެލް ރާހުލް ވަނީ ދެމަފިރިންނަށް އަންހެން ދަރިޔަކު ލިބިފައިވާކަން ސޯޝަލް މީޑިއާ މެދުވެރިކޮށް އިއުލާނުކޮށްފައެވެ. އަތިޔާއާއި ރާހުލް އިންސްޓަގްރާމްގައި ކުރި ޕޯސްޓަށް ރައްދު ދެމުން ސުނިލް ވަނީ އެކަމާ އުފާފާޅުކުރާކަން ހާމަކޮށްފައެވެ.
އަތިޔާ ވިހޭކަން ހާމަކުރުމާ އެކު ފިލްމު އިންޑަސްޓްރީގެ ވަރަށް ގިނަ ބަޔަކު ވަނީ ކުރީގެ ބަތަލާއަށާއި އިންޑިއާގެ މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ ކޭއެލް ރާހުލްއަށް މަރުހަބާ ކިޔާފައެވެ. ހަމައެއާއެކު ސުނިލް ކާފައަކަށް ވުމުގެ އުފަލުގައި ބައިވެރިވާ ކަމަށް ބުނެ ވަރަށް ގިނަ ފިލްމީ ތަރިން ވަނީ އެކްޓަރަށް ވެސް މަރުހަބާ ކިޔާފައެވެ.
ނުވަދިހައިގެ އަހަރުތަކުގައި ބޮލީވުޑްގައި ވިދާލި އެކްޓަރު ކާފައަކަށްވީ ނަމަވެސް އަދިވެސް ފެންނަނީ ވަރަށް ޒުވާންކޮށް ކަމަށާއި އުމުރުން ދުވަސްވާކަމުގެ އެއްވެސް އަލާމާތެއް ސުނިލްގެ ކިބައިން ނުފެންނަ ކަމަށް އެކްޓަރުގެ ސަޕޯޓަރުން ވަނީ ބުނެފައެވެ.

އަތިޔާ ފިރިމީހާ ކޭއެލް ރާހުލްއާ އެކު--ފޮޓޯ/ޕިންކްވިލާ
ސުނިލްގެ ކައިވެންޏަށް ލިބިފައިވާ ދެ ކުދިން ވެސް ފިލްމު އިންޑަސްޓްރީއާ ގުޅިފައިވާއިރު އަތިޔާ ފިލްމު އިންޑަސްޓްރީއަށް ތައާރަފުވެފައިވަނީ، 2015 ވަނަ އަހަރު ރިލީޒްކުރި ފިލްމު "ހީރޯ"އިންނެވެ. އޭގެ ފަހުން އަތިޔާ ފެނިފައިވަނީ އެންމެ ތިން ފިލްމުންނެވެ.
ފިލްމު އިންޑަސްޓްރީގައި އަތިޔާއަށް މާ ބޮޑު ކާމިޔާބީއެއް ހާސިލުނުކުރެވި ފިލްމީ ކެރިއަރު ހުއްޓުމުކަށް އައިފަހުން އަތިޔާ ގިނައިން ފެނިފައި ވަނީ ފެޝަން ޝޯތަކުންނާއި އެކި ކަހަލަ އެންޑޯސްމަންޓްތަކުނެވެ.
އަތިޔާއާއި ރާހުލް ކައިވެނިކުރީ ގިނަ ދުވަސްތަކެއް ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު 2023ވަނަ އަހަރެވެ. އަތިޔާއާއި ރާހުލް ފާހަގަކުރެވިފައި ވަނީ މީޑިއާތަކާއި ވަރަށް ބީރައްޓެހި މީހުންގެ ގޮތުގައެވެ. ޚާއްސަކޮށް އިންޑިއާގެ ކްރިކެޓް ކުޅުންތެރިންނަށް މީޑިއާގެ ސަމާލުކަން ލިބޭތީ އަމިއްލަ ދިރިއުޅުމުގެ ކަންކަން ސޯޝަލް މީޑިއާގައި ވެސް ހިއްސާކުރުމަކީ އަތިޔާއާއި ރާހުލް އެހާ ކުރާ ހިތްވާ ކަމެއް ނޫނެވެ.