ކުރިއަށް އޮތް ފިޠުރު ޢީދާ ދިމާކޮށް ބެލުންތެރިންނަށް ގެނެސްދޭން ނިންމާފައި އޮތް ބޮލީވުޑް އެކްޓަރު ސަލްމާން ޚާންގެ ފިލްމު "ސިކަންދަރު"ގެ ޓްރެއިލާ އާއްމުކޮށްފިއެވެ.
ސަލްމާން ޚާން ޑަބަލް ރޯލް ކުޅެފައިވާ ވަރުގަދަ މި އެކްޝަން ފިލްމު ސިނަމާތަކަށް ގެންނަން ނިންމާފައިވަނީ މި މަހުގެ 30 ވަނަ ދުވަހެވެ.
ބެލުންތެރިންގެ ބޮޑު މަގުބޫލުކަމެއް ހޯދި ފިލްމު "ގަޖްނީ"ގެ ޑައިރެކްޓަރު އޭއާރު މުރުގަދޯސްގެ "ސިކަންދަރު"ގެ ބަތަލާއަކީ ސައުތު ސިނަމާ ފަތަޙަކުރުމަށް ފަހު ބޮލީވުޑްގެ ފިލްމުތައް ކުޅެން ފަށާފައިވާ ރަޝްމިކާ މަންދަންނާއެވެ.

ސަލްމާން ޚާން، ބަތަލާ ރަޝްމިކާ ފިލްމު "ސިކަންދަރު"ގެ ޕްރޮޑިއުސަރު އަދި ޑައިރެކްޓަރާ އެކު--ފޮޓޯ/ޕިންކްވިލާ
ރަޝްމިކާގެ އިތުރުން މި ފިލްމުގެ ވަރަށް މުހިއްމު ރޯލަކުން ސައުތު ބަތަލާ ކާޖަލް އަގަރްވާލް ބެލުންތެރިންނަށް ފެންނާނެއެވެ.
މުރުގާދޯސްގެ އެހެން ފިލްމުތަކެކޭ އެއްގޮތަށް ފިލްމު "ސިކަންދަރު"އަކީ ވެސް ބެލުންތެރިން ޝައުގުވެރިވާނެ ކަހަލަ އެކްޝަން ތުރިލާ ފިލްމެއް ކަމަށާއި މި ފިލްމުން ބެލުންތެރިން މާޔޫސްނުވާނެ ކަމަށް ކުޅަދާނަ ޑައިރެކްޓަރު ވަނީ ބުނެފައެވެ.
ސާޖިދު ނަދިއަދުވާލާ ޕްރޮޑިއުސްކޮށް ސާޖިދު އަދި ސަލްމާންގެ އަމިއްލަ ފިލްމު ކުންފުނި ގުޅިގެން ގެނެސްދޭ މި ފިލްމުގެ ވިލެންގެ ރޯލްއިން ބެލުންތެރިންނަށް ފެންނާނީ ބޮކސް އޮފީހުގެ ރިކޯޑުތައް މުގުރާލި ފިލްމު "ބާހޫބަލީ"ގެ ކަޓައްޕާ ރޯލުން ފެނުނު އެކްޓަރު ސަތިއަރާޖެވެ.
މި ފިލްމަކީ އެކްޝަން ތުރިލާއެއް ނަމަވެސް ފިލްމު "ގަޖްނީ"ގައި ފެނުނު ފަދަ ލޯބީގެ ތަފާތު ވާހަކައެއް ބެލުންތެރިންނަށް ފެންނާނެ ކަމަށާއި މިއީ ސަލްމާންގެ އެހެން ފިލްމުތަކާ މުޅިން ތަފާތު ފިލްމެއް ކަމަށް ޑައިރެކްޓަރު މުރުގަދޯސް ވަނީ ބުނެފައެވެ.
ސަލްމާން ޚާންގެ އެކްޝަން ފިލްމެއް އެންމެ ފަހުން ބެލުންތެރިންނަށް ފެނިފައިވަނީ 2023ވަނަ އަހަރެވެ. އެއީ ވައިއާރްއެފްގެ ސްޕައި ޔުނިވާސްއިން ގެނެސްދިން "ޓައިގާ 3"އެވެ.