ރަސްދޫގެ ގެއެއްގައި ރޯވެ ދެމަފިރިއަކު ވަރަށް ބޮޑަށް ފިހިއްޖެ

އއ. ރަސްދޫ: ރަސްދޫގެ ގެއެއްގައި ރޯވެ ދެމަފިރިއަކު ވަރަށް ބޮޑަށް ފިހިއްޖެ -- ފޮޓޯ/ އައްޔުމަން ޝަރީފް

އއ. ރަސްދޫގައި ރޭ ހިނގި އަލިފާނުގެ ހާދިސާއެއްގައި ދެމަފިރިއަކު ވަރަށް ބޮޑަށް ފިހިއްޖެއެވެ.

އެ ދެމަފިރިންގެ ހާލު ސީރިއަސްވެ، ވަގުތުން ވަނީ މާލެއަށް ގެނެސްފައެވެ.

"ސަން" އަށް މައުލޫމާތުދެއްވައި އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ރަސްދޫގައި ހިނގައިދިޔަ އަލިފާނުގެ ހާދިސާގައި ފިހުނު ދެމަފިރިއަކު އެ ހޮސްޕިޓަލަށް ގެނެސް މިހާރު ފަރުވާދެމުންދާ ކަމަށެވެ.

އަދި އެ ދެމަފިރިންގެ ހާލު ސީރިއަސް ކަމަށާއި ފަރުވާދެމުންދަނީ އެމަޖެންސީގައި ކަަމަށް އޭނާ މައުލޫމާތުދެއްވިއެވެ.

އެ ހާދިސާއާ ގުޅިގެން ފުލުހުން "ސަން" އަށް ބުނީ ރޭ ދަންވަރު 23:15 ހާއިރު ރަސްދޫގެ ގެއެއްގައި އަލިފާން ރޯވި މައްސަލަ ފުލުހުންނަށް ރިޕޯޓުކުރި ކަމަށެވެ. އަދި ދެ މީހަކު ޒަޚަމްވެ، ފަރުވާ ދިނުމަށްޓަކައި މާލެއަށް ގެނައި ކަމަށް ފުލުހުން ވެސް ވަނީ ބުނެފައެވެ.

ފުލުހުން ބުނީ އެ ހާދިސާ އިތުރަށް ތަހުގީގުކުރަމުންދާ ކަމަށެވެ.

ހާދިސާ ހިނގައި ދިޔަ ގޮތާ ގުޅޭގޮތުން އެ ރަށުން "ސަން" އާ ވާހަކަދެއްކި މީހަކު ބުނީ، އަލިފާނުގެ ހާދިސާ ހިނގައި ދިޔައީ އެ ދެމަފިރިން ދިރިއުޅުނު ގޭގެ ކޮޓަރިއެއްގައި ކަމަށެވެ. އަދި އެ ހާދިސާގައި ދެމަފިރިން އެއްކޮށް ކަހަލަ ގޮތަކަށް ފިހިފައިވާ ކަމަށް އޭނާ ބުންޏެވެ.

comment ކޮމެންޓް