ޑިޒްނީގެ "ކެޕްޓަން އެމެރިކާ" ފްރެންޗައިޒްގެ އެންމެ ފަހުގެ ފިލްމު ހީކުރި ވަރަށް ވުރެ ބޮޑު ކާމިޔާބީއެއް ލިބި 500 މިލިއަން ޑޮލަރުގެ އާމްދަނީއާ ގާތްކޮށްފިއެވެ.
ކެޕްޓަން އެމެރިކާގެ އެންމެ ފަހުގެ ފިލްމު ކަމަށްވާ "ބްރޭވް ނިއު ވޯލްޑް" އަކީ ފްރެންޗައިޒްގެ ބޮޑު ބަދަލެއް ގެނެސް ނެރުނު ފުރަތަމަ ފިލްމެވެ. އެގޮތުން މި ފިލްމަކީ ކެޕްޓަން އެމެރިކާ ބަދަލުވެ އޭނާގެ އަމިއްލަ ފިލްމެއް ނެރޭ ފުރަތަމަ ފަހަރެވެ. އެގޮތުން ކްރިސް އެވަން ކުޅެމުން އައި ކެޕްޓަން އެމެރިކާގެ ރޯލު އެންތަނީ މެކީއަށް ހަވާލު ކުރުމަށްފަހު އެ ރޯލާއެކު ފަށާ މިއީ ފުރަތަމަ ފިލްމެވެ.
އަލަށް ނެރުނު ކެޕްޓަން އެމެރިކާ ފިލްމަކީ ބޮކްސް އޮފީހުގައި މާ ބޮޑު ކާމިޔާބީއެއް ހޯދާނެ ފިލްމެއް ކަމަކަށް ގިނަ ބަޔަކު ހީކޮށްފައެއް ނުވެއެވެ. ނަމަވެސް މި ފިލްމު ވަނީ ހީކުރި ވަރަށް ވުރެ ބޮޑު އާމްދަނީއެއް ހޯދާފައެވެ. ފިލްމު އެޅުވިތާ މަހަކަށްވުރެ ގިނަ ދުވަސް ވެފައިވާއިރު މި ފިލްމުގެ އާމްދަނީ 400 މިލިއަން ޑޮލަރު ފަހަނަ އަޅައި ގޮސްފައިވަނީ މިދިޔަ ހަފުތާ ބަންދުގައެވެ. އަދި ފިލްމު ދައްކަން ނިމެންވާއިރަށް 500 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބޭނެ ކަމަށް ބެލެވެއެވެ.
ފިލްމުގެ އާމްދަނީ ރަނގަޅުވި ނަމަވެސް މިއީ މާވެލްގެ ފިލްމުގެ ތަކާ ބަލާއިރު އެހާ ރަނގަޅު އާމްދަނީއެއް ނޫނެވެ. ގިނަ ފްލޮޕްތަކަކަށް ފަހު މި ފިލްމުގެ އާމްދަނީ ރަނގަޅު ވުމަކީ ޑިޒްނީގެ ކުރިމަގަށް ރަނގަޅު ސިގްނަލަކަށް ވެދާނެ ކަމަށް އެނަލިސްޓުން ބުނެއެވެ،
އާމްދަނީއަށް ބަލާއިރު ފިލްމު ރަނގަޅު ނަމަވެސް ކްރިޓީކުންގެ ތެރޭގައި ފިލްމު ރަނގަޅެއް ނޫނެވެ. ސިނެމާ ސްކޯއިން ފިލްމު ރިވިއު ކޮށްފައިވާއިރު މި ފިލްމަށް ވަނީ "ބީ ނެގެޓިވް" އެއް ލިބިފައެވެ. މިއީ މިހާތަނަށް މާވެލްގެ ފިލްމަކަށް ލިބިފައިވާ އެންމެ ދަށް ރިވިއު ރޭޓިން އެވެ