ރޭ ބޭއްވި މި އަހަރުގެ އޮސްކާ އެވޯޑް ހަފުލާގައި 'ކޭ-ޕޮޕް ޑީމަން ހަންޓާސް' ގެ ޓީމުން ޝުކުރު އަދާކުރުމަށް ދެއްކި ވާހަކަ މެދުކަނޑާލުމުން ސަޕޯޓަރުންގެ ނުރުހުން އަމާޒުވެއްޖެއެވެ.
އާއްމުންގެ މެދުގައި އެންމެ މަގުބޫލު އެވޯޑު ޝޯ ކަމަށްވާ އެކަޑަމީ އެވޯޑްސް (އޮސްކާ)ގައި 'ކޭ-ޕޮޕް ޑީމަން ހަންޓާސް'އަށް ބޮޑު ކާމިޔާބީއެއް ލިބުނު ނަމަވެސް، އެވޯޑާ ހަވާލުވުމަށްފަހު އެ ފިލްމުގެ ޓީމުން ދައްކަމުންދިޔަ ވާހަކަ ކުއްލިއަކަށް މެދުކަނޑާލުމުން އެ އުފާވެރިކަން ވަނީ ހިތްހަމަނުޖެހުމަށް ބަދަލުވެފައެވެ.
ގިނަ ބަޔަކު ސިފަކުރި ގޮތުގައި މިއީ އެ ފިލްމުގެ ފަންނާނުންނާއި ކުރޫއަށް ކުރި ވަރަށް ބޮޑު އިހުތިރާމް ކުޑަ އަމަލެކެވެ. މި ފިލްމުގެ އޮރިޖިނަލް ލަވަ 'ގޯލްޑަން' އަށް ވަނީ އެންމެ މޮޅު ލަވައިގެ އެވޯޑް ރޭ ލިބިފައެވެ. އެވޯޑާ ހަވާލުވުމަށް އެ ލަވަ ކިޔައިދިން އެއް ފަންނާނު ކަމަށްވާ އީޖޭއޭ އާއި ފިލްމުގެ ޓީމު ސްޓޭޖަށް އެރިއެވެ. ނަމަވެސް، ވާހަކަދައްކާ ފަރާތްތަކުން ވާހަކަ ކުރުކޮށްލުމަށް އިޝާރާތް ކުރުމުގެ ގޮތުން އާންމުކޮށް ޖަހާ މިއުޒިކް ކުއްލިއަކަށް ޖަހައި، އެ މީހުންގެ ވާހަކަ ވަނީ މެދުކަނޑާލާފައެވެ.

'ކޭ-ޕޮޕް ޑީމަން ހަންޓާސް'ގެ ސަޕޯޓަރުން އޮސްކާ އެވޯޑު އިންތިޒާމުކުރި މީހުންނަށް ފާޑުކިޔާފައި--ފޮޓޯ/ޓެލެގްރާފްއިންޑިއާ
"އެކަޑަމީއަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން. އަހަރެން ބޮޑުވަމުން އައިއިރު ކޭ-ޕޮޕް ދެކެ ލޯބިވާތީ މީހުން މަލާމާތްކުރި. އެކަމަކު މިއަދު އެންމެން އެ ކިޔަނީ އަހަރެމެންގެ ލަވަ، އެއީ ވެސް ކޮރެއާ ބަހުން. މިކަމާ އަހަރެން ވަރަށް ފަހުރުވެރިވޭ،" އީޖޭއޭ އޭނާގެ ވާހަކައިގައި ބުނެފައިވެއެވެ.
އޭގެ ފަހުން ޕްރޮޑިއުސަރު ލީ ޔޫ-ހާން ވާހަކަދެއްކުމަށް ކުރިއަށް ޖެހިލި ނަމަވެސް، އޭނާއަށް އެއްޗެއް ނުބުނެވި އުޅެނިކޮށް އޯކެސްޓްރާ މިއުޒިކް ޖަހައި އޭނާގެ ވާހަކަ ހުއްޓުވިއެވެ.
މިކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ދަނީ އޮސްކާ އިންތިޒާމުކުރި ފަރާތްތަކަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. އެކްސްގައި މީހަކު ލިޔެފައިވާ ގޮތުގައި، މިދިޔަ އަހަރު އެޑްރިއަން ބްރޯޑީއަށް ވާހަކަދެއްކުމަށް 5 މިނެޓާއި 40 ސިކުންތު ދިންއިރު، 'ކޭ-ޕޮޕް ޑީމަން ހަންޓާސް'ގެ ޓީމު ވާހަކަދައްކަނިކޮށް މައިކް ކަނޑާލައި، މިއުޒިކް ޖަހައި، ސްޓޭޖުގެ އަލިތައް ވެސް ވަނީ ނިއްވާލާފައެވެ.
އަދި ބައެއް ސަޕޯޓަރުން ބުނާ ގޮތުގައި މިއީ އިއްތިފާގުން ހިނގި ކަމެއް ނޫން ކަމަށާއި، މިއީ ގަސްތުގައި ކޮރެއާ ފަންނާނުންނަށް އިހުތިރާމް ކުޑަކުރުމަށް ކުރި ކަމެކެވެ. މީގެ އިތުރުން، އޮސްކާއިން އެ ޓީމުގެ ކިބައިން ރަސްމީކޮށް މައާފަށް އެދުމަށް ވެސް ގިނަ ބަޔަކު ދަނީ ގޮވާލަމުންނެވެ.
'ކޭ-ޕޮޕް ޑީމަން ހަންޓާސް'އަށް ވަނީ އެންމެ މޮޅު އެނިމޭޓެޑް ފީޗާ ފިލްމުގެ އެވޯޑް ވެސް ލިބިފައެވެ. މި ފިލްމު މި އެވޯޑް ހޯދީ 'އާކޯ'، 'އެލިއޯ' އަދި 'ޒޫޓޯޕިއާ 2' ފަދަ ވަރުގަދަ ފިލްމުތަކާ ވާދަކޮށްގެންނެވެ.
މި ފިލްމުގެ 'ގޯލްޑަން' ލަވަ ޔޫޓިއުބްގައި އެއް ބިލިއަން ވިއުސް ހޯދާފައިވާއިރު، މިއީ 2025 ވަނަ އަހަރުގެ އެންމެ ގިނައިން ވިކުނު ސައުންޑްޓްރެކް ވެސް މެއެވެ. މީގެ އިތުރުން، މި ލަވަ ވަނީ 'ސޯންގް އޮފް ދަ އިޔާ' ހިމެނޭހެން ފަސް ގްރެމީ އެވޯޑަށް ވެސް ނޮމިނޭޓް ވެފައެވެ.