ފައިނަލް ޑެސްޓިނޭޝަން ޓްރެއިލަރުން އާ ބިރެއް

ގިނަ ބައެއްގެ ތެރޭގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ "ގޯ" ބިރުވެރި ފިލްމު ފްރެންޗައިޒް "ފައިނަލް ޑެސްޓިނޭޝަން"ގެ އެންމެ ފަހުގެ ޓްރެއިލަރުން އާ ބިރެއް އުފައްދައިފިއެވެ.

ފާޑުފާޑުގެ ބިރުވެރި ގޮތްގޮތަށް ކެރެކްޓަރުން މަރުވާ ފައިނަލް ޑެސްޓިނޭޝަންގެ ފިލްމެއް އެންމެ ފަހުން ރިލީޒްކޮށްފައިވަނީ 2011 ވަނަ އަހަރެވެ. މި ފިލްމުތަކުގައި އެކި ކަހަލަ ގޮތްގޮތަށް ތަފާތު މަރުތައް ދައްކާފައިވާއިރު އެތައް ބަޔަކަށް މި ފިލްމުތަކުން ވަނީ އާ ބިރުތަކެއް ފެނިގެން ގޮސްފައެވެ. އޭގެތެރޭގައި ލަކުޑި އުފުލައިގެން އެއްވެސް އުޅަނދެއް ދުއްވާނަމަ އޭގެ ފަހަތުން ނުދުއްވުމަށް ވަނީ ބިރެއް އުފެދިފައެވެ.

އަލަށް ނެރުނު ޓްރެއިލާއިން އާ ބިރެކެވެ. އާ ޓްރެއިލަރުން ފެނިގެންދަނީ ގަނޑުފެންތަކަކާއެކު ފުޅިތޮށިކޮޅެއް އެއްވެ ބޯއެއްޗެއްގެ ތަށްޓަށް ހުރިހާ އެއްޗެއް އެއްކޮށްލާ ތަނެވެ.

މި މަންޒަރަކީ އާ ފިލްމާ ކިހާ ގުޅުމެއް ހުރި މަންޒަރެއް ކަމެއް އެނގޭނީ ފިލްމު ނެރުމުންނެވެ. ޖެހިޖެހިގެން ގާތްގާތުގައި ފައިނަލް ޑެސްޓިނޭޝަންގެ ފަސް ބައި ނެރެ، ބޮޑު ބްރޭކަކަށް ފަހު ދެން ނެރުމަށް ހަމަޖެހިފައިވަނީ ފައިނަލް ޑެސްޓިނޭޝަން ހައެކެވެ.

ދިގު ބްރޭކަކަށް ފަހު ފިލްމު ފްރެންޗައިޒްގެ އާ ބައެއް ނެރުމަށް ހަމަޖެހިފައިވާތީ ކުރީގެ ފޭނުން ތިބީ ކެތްމަދުވެފައެވެ. މި އަހަރު ނެރުމަށް ހަމަޖެހިފައިވާ ފައިނަލް ޑެސްޓިނޭޝަންގެ އާ ފިލްމަށް ކިޔާނީ "ބްލަޑްލައިން"އެވެ.

ބްލަޑްލައިންގެ ކާސްޓަކީ ބްރެކް ބާސިންގާއާއި ޓޯނީ ޓޮޑާއި ރިޗާޑް ހާމަނާއި ކުއިންޓެސާ ސްވިންޑެލްއެވެ. އޮރިޖިލް ފިލްމުތަކުގެ އެއްވެސް ކާސްޓެއް މި ފިލްމުން ފެނުމަކީ އެކަށީގެންވާ ކަމެއް ނޫން ކަމަށް ޕްރޮޑަކްޝަނުން ބުނެއެވެ.

މި ފިލްމު ޑައިރެކްޓުކޮށްފައިވަނީ ޒެކް ލިޕޮވްސްކީއާއި އެޑަމް ބީ ސްޓައިންއެވެ. އެކީގައި ފިލްމު އުފެއްދުމަށް މަގުބޫލު ދެ މީހުންނަކީ ފިލްމު ޑައިރެކްޝަނަށް ވަތްތާ މާ ގިނަ ދުވަސްތަކެއްވެފައިވާ ބައެއް ނޫނެވެ.

މި ފިލްމު ސިނަމާތަކުގައި ދައްކަން ހަމަޖެހިފައިވާއިރު ފިލްމު ޕްރިމިއާ ކުރާނީ މެއި މަހުގެ 16 ގައެވެ.

comment ކޮމެންޓް