މިހާތަނަށް ރާއްޖޭގައި އެޅުވި އެންމެ ކާމިޔާބު ބިރުވެރި ފިލްމުތަކުގެ ތެރޭގައި ހިމެނޭ "4426" ބައިސްކޯފަށް ލާން ތައްޔާރުވެއްޖެއެވެ.
މަގުބޫލު ފިލްމު ޕްރޮޑިއުސަރު ފާތިމަތު ނަހުލާ 2016 ވަނަ އަހަރުގައި އޮލިމްޕަހަށް ނެރުނު ބިރުވެރި ފިލްމު 4426 އަކީ އެ ރިލީޒްކުރުމާއެކު ބޮޑެތި ރެކޯޑުތަކެއް މުގުރާލި ފިލްމެކެވެ. ކާމިޔާބު އެތައް ހައުސްފުލް ޝޯތަކަކަށް ފަހު އެންމެފަހުން ފިލްމު އިތުރު ޝޯތަކެއް ފަހުން ވެސް ދައްކާފައިވެއެވެ.
މިހާރު ތައްޔާރުވަމުން އަންނަނީ ރާއްޖޭގެ އެންމެ ބޮޑު އެއް ސްޓްރީމިން ސާވިސް ކަމަށްވާ ބައިސްކޯފަށް 4426 ލާށެވެ. އެއާއެކު ގޭގައި ތިބެގެން ފިލްމު ސްޓްރީމްކޮށްލުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
ފިލްމުގެ ޕްރޮޑަކްޝަން ކްރިސްޓަލް ޕްރޮޑަކްޝަނުން ހާމަކޮށްފައިވާ ގޮތުގައި މިއަހަރުގެ އީދު ދުވަހާ ގުޅުވައިގެން ފިލްމު ބައިސްކޯފަށް ދޫކޮށްލުމަށް ވަނީ ނިންމާފައެވެ. އެގޮތުން އީދު ދުވަހުން ފެށިގެން ބައިސްކޯފުން 4426 ސްޓްރީމް ކޮށްލަން ލިބޭނެއެވެ.
ފާތިމަތު ނަހުލާގެ ކާމިޔާބު ފިލްމު، 4426 އަކީ ނަހުލާގެ ވާހަކައަކަށް އޭނާ އާއި އަހުމަދު ޝިނާން ޑައިރެކްޓު ކޮށްފައުވާ ފިލްމެކެވެ. މި ފިލްމުގެ ތަރިންގެ ތެރޭގައި ޔޫސުފް ޝަފީއު (ޔޫއްޕެ) މަރިޔަމް އައްޒަ، ޝީލާ ނަޖީބު އަދި އިސްމާއިލް ޖުމައިހު (ޖުމާ) ފަދަ ތަރިން ހިމެނެއެވެ.
މި ފިލްމުގައި ދައްކައިދެނީ ގެއެއްގެ ތެރޭ ބަންދުވެ، ދިމާވާ ރޫހާނީ ކަންތައްގަނޑެކެވެ.
މި ފިލްމު ރިލީީޒްކުރި ފަހުން މީގެ ކުރީން މީޑިއާނެޓްގެ ސްޓްރީމިން ސާވިސް އަށްވެސް ވަނީ މިފިލްމު ވަކި މުއްދަތަކަށް ލާފައެވެ. ނަމަވެސް އޭގެ ދުވަސް ހަމަވުމާ ގުޅިގެން ފިލްމު ދެން އެންމެ އަވަހަށް ފެންނާނީ އީދަށްފަހުގައެވެ. މި ފިލްމު ބެލުމަށް ގިނަ ބަޔަކު ބޭނުން ކަމަށް އެކި އަހަރުތަކުގެ މަތީން ވަނީ އެދެމުން ގޮސްފައެވެ.