ހއ. އަތޮޅުގެ ހުރިހާ ރަށެއްގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ސެލްފް ސާވިސް ބޭންކިން އޭޓީއެމް ގާއިމުކޮށް، ޚިދުމަތް ދޭން ފަށައިފިއެވެ.
މިއަދު ބީއެމްއެލްއިން އަލަށް އޭޓީއެމްގެ ޚިދުމަތް ފެށީ އެއަތޮޅު އުތީމާއި ތުރާކުނާއި އުލިގަމާއި މުޅަދުއާއި މާރަންދޫއާއި ތަކަންދޫ އަދި މުރައިދޫގައެވެ.
އެބެންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަރީފް ވިދާޅުވީ، އެ އަތޮޅުގައި އޭޓީއެމްތައް ގާއިމުކުރެވުމުން ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަކަށް ބޭންކިން ޚިދުމަތް ފުޅާކުރުމުގެ ދަތުރުގައި ވަރަށް ބޮޑު ކުރިއެރުމެއް ލިބިފައިވާ ކަމަށެވެ.
"މިއީ އަޅުގަނޑުމެން ވަރަށް އުފާކުރާ ކަމެއް. ދިރިއުޅޭ ރަށުގައި 24 ގަޑިއިރު އަސާސީ ބޭންކިންގ ޚިދުމަތްތައް ލިބޭނެ ވަސީލަތް ގާއިމުވުމާއެކު ހއ. އަތޮޅުގެ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް، މިއަދަކީ އިންގިލާބީ ބަދަލެއް ގެނުވާނެ ދުވަހެއް،" ޝަރީފް ވިދާޅުވިއެވެ.
ހއ. އަތޮޅުގައި ގާއިމުކުރެވުނު އޭޓީއެމްތަކުގެ ޚިދުމަތާއެކު، ރާއްޖޭގެ އެންމެ ބޮޑު މާލީ އިދާރާގެ ގޮތުގައި ބީއެމްއެލް އިން ދެމުންދާ ޚިދުމަތްތަކަށް އިތުރު ފުރިހަމަކަމެއް ލިބޭނެ ކަމަށް އެ ބެންކުން ބުނެއެވެ.
އެގޮތުން، މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 39 ބްރާންޗް، 107 ސެލްފްސަރވިސް ބޭންކިންގ ސެންޓަރު، 165 އޭޓީއެމް، އޭޖެންޓު ބޭންކިން ހިދުމަތު ބީއެމްއެލްއިން ފޯރުކޮށްދެއެވެ.
އޭގެއިތުރުން، އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާއެކު އެ ބެންކުގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް ބީއެމްއެލް އިން ވަނީ ބުނެފައެވެ.