ޝަމްއާންގެ އަނބިކަނބަލުންގެ ފޯނު ހިފަހައްޓައި، ދެ މީހަކު ފުރުން މަނާކޮށްފި

ޝަމްއާން ވަހީދު: ޝަމްއާންގެ އަނބިކަނބަލުންގެ ފޯނު ހިފަހައްޓައި، ދެ މީހަކު ފުރުން މަނާކޮށްފި -- ފޮޓޯ: އިމިގްރޭޝަން

ކޮރަޕްޝަންގެ ތުހުމަތުކޮށް, މޯލްޑިވްސް އިމިގްރޭޝަންގެ ކޮންޓްރޯލާ ކަމުން ވަކިކުރި ޝަމްއާން ވަހީދުގެ އަނބިކަނބަލުންގެ ފޯނު ހިފަހައްޓައި، ދެ މީހަކު ފުރުން މަނާކޮށްފިއެވެ.

ފުލުހުން ބުނީ، ޝަމްއާން ހައްޔަރުކުރީ މޯލްޑިވްސް އިމިގްރޭޝަންގެ ބައެއް މުވައްޒަފުން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ބިދޭސީންގެ އަތުން ނާޖާއިޒް މަންފާ ހޯދަމުން އަންނަކަމުގެ މައްސަލައިގެ ތުހުމަތުގައި ކަމަށެވެ.

ކޯޓަށް ހާޒިރުކުރުމުން ޝަމްއާންގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް އިއްޔެ ވަނީ ޖަހައިފައެވެ.

މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ފުލުހުން މިއަދު ބުނީ، އިމިގްރޭޝަންގެ ބައެއް މުވައްޒަފުން މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށް، ބިދޭސީ މަސައްކަތްތެރިންގެ އަތުން ނާޖާއިޒު މަންފާ ހޯދަމުންދާ ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ދެ މީހެއް ފުރުން މަނާކޮށްފައިވާނެ ކަމަށެވެ. އޭގެ އިތުރުން ޝަމްއާންގެ އާއިލާ މީހެއްގެ ފޯނު ކޯޓު އަމުރެއްގެ ދަށުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ވެސް ބުންޏެވެ.

"ސަން" އަށް އެނގިފައިވާ ގޮތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ޝަމްއާންގެ އަނބިކަނބަލުންގެ ފޯނެވެ.

ފުރުން މަނާ ކުރި ދެ މީހުންގެ ތަފުސީލު އަދި ހާމަކޮށްފައެއް ނުވެއެވެ.

https://sun.mv/203990

މި މައްސަލައިގައި ޝަމްއާންގެ މައްޗަށް ބޮޑު ތުހުމަތެއް ކުރެއެވެ. އޭނާގެ ގެ ވެސް މި މައްސަަލައިގެ ތުހުމަތުގައި ބަލަައިފާސްކުރިއިރު، ގިނަ އަދަދެއްގެ ނަގުދު ފައިސާ އެ ގެއިން ފެނުނުކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި މައްސަލައިގެ އިތުރު ތަފްސީލު ހާމަކޮށް ފުލުހުން ކުރިން ނެރުނު ބަޔާނެއްގައިވަނީ ތަހުގީގުން މިހާތަނަށް ބެލިބެލުމުން ހާމަވި ކަންކަން ހިއްސާކޮށްފައެވެ. އެ ކަންކަމުގެ ތެރޭގައި ހިމެނެނީ:

  • ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީން ޑިޓެއިންކުރަން އާންމުކޮށް ހަރަކާތްތެރިވާ ޓާސްކް ފޯސް އަދި ރިސްކު މެނޭޖްމަންޓު ސެކްޝަން ނޫން، އެެހެެން ސެކްޝަންތަކެއްގައި އުޅޭ މުވައްޒަފުންތަކެއް، މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށް ބިދޭސީ މަސައްކަތްތެރިން އުޅޭ ގެއެއް ބަލައި ފާސްކުރިކަން.
  • ބަލައިފާސްކުރި ގެއިން ޑިޓެންޝަނަށް ގެންދިޔަ ބިދޭސީން އަތުގައި ގިނަ އަދަދެއްގެ ނަގުދު ފައިސާ ހުރިކަން
  • އެ މީހުން ޑިޓެންޝަނަށް ގެންދިޔަތާ އެއް ދުވަސްފަހުން ޝަމްއާންގެ އަމުރަށް 530،000 ރުފިޔާއާއެކު ޑިޓެންޝަނުގައި ހުރި ބިދޭސީއަކު ދަންވަރުގެ ވަގުތެއްގައި މިނިވަންކުރި ކަން
  • އެ ގެ ބަލައި ފާސްކުރަން އަމަލީގޮތުން އުޅުނު އިމިގްރޭޝަން މުވައްޒަފުން، މިނިވަންކުރި ބިދޭސީމީހާއާ މަގުމަތިން ބައްދަލުކޮށް، ބިދޭސީ އަތުގައި ހުރި ފައިސާތައް ހޯދިކަން
  • އެ ފައިސާތައް ހިފައިގެން ޝަމްއާން ދިރިއުޅޭ އިމާރަތަށް ވަތްކަން

މި މައްސަލައިގައި ތުހުމަތުކުރެވޭ ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނި ނަމަވެސް، އެމީހުންގެ ވަނަވަރު ހާމަކޮށްފައެއްނުވެއެވެ.

އެކަމާ ގުޅުވައި ސުވާލުކުރުމުން ފުލުހުންގެ އޮފިޝަލް 'ސަން'އަށް ވިދާޅުވީ، އެމީހުންގެ ބަންދާ މެދޮ ގޮތެއް ނިންމަށް ކޯޓަށް ހާޒިރުކުރި ކަމަށެވެ. އެގޮތުން، އޭގެތެރެއިން ދެ މީހަކު 10 ދުވަހަށް ބަންދުކޮށް، އެކަކު ތިން ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

comment ކޮމެންޓް