ޝަމްއާންގެ ބަންދަށް 15 ދުވަސް ޖަހައިފި

ޝަމްއާން: އޭނާގެ ބަންދަށް ވަނީ ޖަހާފައި --- ފޮޓޯ/ އިމިގްރޭޝަން

ކޮރަޕްޝަންގެ ތުހުމަތުކޮށް މޯލްޑިވްސް އިމިގްރޭޝަންގެ ކޮންޓްރޯލަރުކަމުން ވަކިކުރި ޝަމްއާން ވަހީދުގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް މިއަދު ޖަހައިފިއެވެ.

ރޭ އޭނާ ވަނީ މަޖީދީ މަގުގައި ހުންނަ ފުލުހުންގެ ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންއަށް ހާޒިރުކުރުމާ އެއްކޮށް ހައްޔަރުކޮށްފައެވެ.

ފުލުހުން ބުނީ، ޝަމްއާން ހައްޔަރުކުރީ މޯލްޑިވްސް އިމިގްރޭޝަންގެ ބައެއް މުވައްޒަފުން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ބިދޭސީންގެ އަތުން ނާޖާއިޒް މަންފާ ހޯދަމުން އަންނަކަމުގެ މައްސަލައިގެ ތުހުމަތުގައި ކަމަށެވެ.

ޝަމްއާންގެ މައްޗަށް ކުރެވޭ ކޮރަޕްޝަންގެ ތުހުމަތަށް ބާރުދޭ ކަންތައްތަކެއް ފުލުުހުން މިހާރު އިމިގްރޭޝަންގެ މުވައްޒަފުންތަކެއްގެ މައްޗަށް ހިންގާ ތަހުގީގުގައި ފެނިފައިވާކަން ރޭ ފުލުހުން ވަނީ ހާމަކޮށްފައެވެ.

ޝަމްއާން ވަހީދުގެ ގެއިން ފެނުނު ބައިމިލިއަނެއްހައި ނަގުދު ފައިސާއަކީ އޭނާގެ އަމުރަށް ޑިޓެންޝަނުން މިނިވަންކުރި ބިދޭސީއެއްގެ އަތުގައި ހުރި ފައިސާކަމަށް ފުލުހުން ރޭ ތުހުމަތުކޮށްފައިވެއެވެ.

އެ ފައިސާއަކީ އިމިގްރޭޝަނުން ބަންދުކުރި ބިދޭސީއެއްގެ އަތުގައި ހުރި 530،000 ރުފިޔާކަމަށް ތުހުމަތުކުރެވެއެވެ.

އަދި ޝަމްއާން ދިރިއުޅޭ ގެ ބަލައިފާސްކޮށް ގިނަ އަދަދެއްގެ ފައިސާއާއި އިލެކްޓްރޯނިކް ސާމާނުތަކެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެނައިކަމަށް ވެސް ފުލުހުން ބުންޏެވެ.

އަދި މި މައްސަލައިގައި ތުހުމަތުކުރެވޭ ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނި ނަމަވެސް، އެމީހުންގެ ވަނަވަރު ހާމަކޮށްފައެއްނުވެއެވެ.

https://sun.mv/203969

އެކަމާ ގުޅުވައި ސުވާލުކުރުމުން ފުލުހުންގެ އޮފިޝަލް ރޭ 'ސަން'އަށް ވިދާޅުވީ، އެމީހުންގެ ބަންދާ މެދޮ ގޮތެއް ނިންމަށް ކޯޓަށް ހާޒިރުކުރި ކަމަށެވެ. އެގޮތުން، އޭގެތެރެއިން ދެ މީހަކު 10 ދުވަހަށް ބަންދުކޮށް، އެކަކު ތިން ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

comment ކޮމެންޓް