މިއުޒިކް އަލްބަމް ނެރުން ހުއްޓާލާނަމޭ ބުނި ސެލީނާ އަލްބަމެއް ނެރެފި

ލަވަކިޔުން ހުއްޓާލައި މިއުޒިކް އިންޑަސްޓްރީއިން ރިޓަޔާވާން ދެ ފަހަރެއްގެ މަތީން ބުނެފައިވާ ހޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަދި އެކްޓަރު ސެލީނާ ގޮމޭޒް ސަޕްރައިޒް އަލްބަމެއް ރިލީޒްކޮށްފިއެވެ.

ސެލީނާ މިއުޒިކް އިންޑަސްޓްރީއާ ދުރަށް ދާން ނިންމާފައިވާ ކަން ހާމަކޮށްފައިވަނީ މިދިޔަ އަހަރުގެ ކުރީކޮޅުގައެވެ. އޭގެ ކުރީންވެސް އޭނާ ވަނީ ދެ ފަހަރެއްގެ މަތީން މިހެން ބުނެފައެވެ. ނަމަވެސް އެހެން ބުނުމަށްފަހު އަނެއްކާ ދާދިފަހުން އޭނާ ވަނީ ސަޕްރައިޒް އަލްބަމެއް ނެރެފައެވެ.

ސެލީނާ އާއި އޭނާ ކައިވެނި ކުރަން އުޅޭ ލަވަކިޔުންތެރިޔާ ބެނީ ބްލާންކޯ އާއެކު އަލަށް ނެރުނު އަލްބަމަކީ "އައި ސެއިޑް އައި ލަވް ޔޫ ފަސްޓް" އެވެ. މި އަލްބަމްގެ މިއުޒިކް އާއި ޕްރޮޑަކްޝަންގެ މަސައްކަތްތައް ކޮށްދީފައިވަނީ ބެނީ އެވެ.

މި އަލްބަމް އަކީ ފާއިތުވި ފަސް އަހަރުގެ ތެރޭގައި ސެލީނާ އަލްބަމެއް ނެރުނު ފުރަތަމަ ފަހަރެވެ. އެގޮތުން އޭނާ އެންމެ ފަހުން އަލްބަމެއް ނެރެފައިވަނީ 2020 ވަނަ އަހަރުގައެވެ. މި އަލްބަމަކީ ގިނަ ބަޔަކަށް ކަމުދިޔަ އަލްބަމް "ރެއާ" އެވެ.

އަލަށް ނެރުނު އަލްބަމްގައި ޖުމްލަ 14 ލަވަ ހިމެނޭއިރު މި ލަވަތަކުގައި ވަނީ ހޮލީވުޑްގައި ފާހަގަކޮށްލެވޭ ގިނަ ފަންނާނުން ވެސް މަސައްކަތްކޮށްފައެވެ. އޭގެތެރޭގައި ބައެއް ލަވަތައް ލިޔުމުގައި ޗާލީ އެކްސްސީއެކްސް އަދި މިކީ އެއްކޯ އާއި ފިނިއަސް އޮކޯނެލް ފަދަ ތަރީން މަސައްކަތް ކޮށްފައިވެއެވެ.

މި އަލްބަމްގައި ސެލީނާގެ ދިރިއުޅުމުގެ ވާހަކަތައް ކިޔައިދެއެވެ. އޭނާގެ ދިރިއުޅުމުގައި އޭނާގެ ހަޔާތަށް މިހާރު އައިސްފައިވާ ބަދަލުތަކުގެ ވާހަކަތައްވެސް މި އަލްބަމް މެދުވެރިކޮށް އޭނާ ކިޔައިދީފައިވެއެވެ. ފޭނުންނަށް މި އަލްބަމް ވަރަށް ބޮޑަށް ކަމުގޮސްފައިވެއެވެ. މުޅި ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ދައްކަމުން އަންނަނީ އަލްބަމްގެ މޮޅު ވާހަކައެވެ.

comment ކޮމެންޓް