އެޗްބީއޯއިން މިހާތަނަށް އެޅުވި އެންމެ ބޮޑު ޝޯ "ގޭމް އޮފް ތުރޯންސް"ގެ ސްޕިން އޮފް "ހައުސް އޮފް ދަ ޑްރެގަން"ގެ ތިންވަނަ ސީޒަންގެ ޝޫޓިން ފަށައިފިއެވެ.
ގޭމް އޮފް ތުރޯންސްގެ ދުނިޔެއަށް ބިނާކޮށް އުފެއްދި ޕްރީކުއެލް ޝޯ 2022 ވަނަ އަހަރު ދައްކަން ފެށުމާ އެކު އެ ޝޯ ވެފައިވަނީ ގިނަ ބައެއްގެ މެދުގައި މަގުބޫލުކަން ބޮޑު ޝޯއަކަށެވެ. އެއާއެކު ދެ އަހަރުގެ ދިގު އިންތިޒާރަކަށް ފަހު ޝޯގެ ދެވަނަ ސީޒަން ދައްކަން ފަށާފައިވަނީ މިދިޔަ މެއި މަހުގެ ތެރޭގައެވެ.
އަދި އެއަށްފަހު ޝޯގެ ތިންވަނަ ސީޒަންގެ މަސައްކަތްތައް ފެށި ނަމަވެސް އެ ޝޯގެ ޝޫޓިން އަދި ފަށާފައިވަނީ މި ހަފުތާ ބަންދުގައެވެ. މައުލޫމާތު ލިބޭގޮތުގައި ފިލްމުގެ ކާސްޓު އެއްކޮށް މިވަގުތު ތިބީ ސެޓުގައި އައިރަލެންޑުގައެވެ.
ފިލްމުގެ ޝޫޓިންގެ މަސައްކަތް މިއަހަރު އެއްކޮށް ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ. ނަމަވެސް އެއާ ގުޅޭ އިތުރު މައުލޫމާތުތަކެއް ހާމަކޮށްފައެއް ނުވެއެވެ.
ޝޯގެ ޝޫޓިން ކުރިއަށްދާއިރު އާންމުންނާ ހަމައަށް މި ޝޯ އަންނާނީ އަންނަ އަހަރުގެ މެދުތެރޭގައެވެ. އަދި އެއަށްފަހު ދައްކާނީ ޝޯގެ ފަހު ސީޒަނެވެ. އަލަށް ނެރުމަށް ހަމަޖެހިފައިވާ ސީޒަންގައި ހިމެނޭނީ އަށް އެޕިސޯޑެވެ.
ގޭމް އޮފް ތުރޯންސް ދުނިޔެއަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ދެވަނަ ޝޯ ނިމެން ގާތް ވަމުން ދާއިރު އެޗްބީއޯއިން ވަނީ އެ ދުނިޔެއަށް ބިނާކޮށް އާ ޝޯއެއް އިއުލާނުކޮށްފައެވެ. އަލަށް އިއުލާނު ކޮށްފައިވަނީ ޕްރީކުއެލް ޝޯއެއް ކަމަށްވާ "ނައިޓް އޮފް ދަ ސެވެން ކިންގްޑަމްސް" ނަމަކަށް ކިޔާ ޝޯއެކެވެ.
މި ޝޯގެ ޓައިމްލައިން ހިމެނެނީ ހައުސް އޮފް ޑްރެގަން އާއި ގޭމް އޮފް ތުރޯންސްގެ ދެމެދުގައި ހިނގާ ކަންތައްތަކަށެވެ. އަންނަ އަހަރު މި ޝޯ ދައްކަން ފަށާނެއެވެ.