މިދިޔަ މަހު އެންމެ ގިނަ ފަތުރުވެރިން އައި، އިނގިރޭސިވިލާތް މާކެޓުގެ ތިނަކަށް ވެއްޓިއްޖެ

ފަތުރުވެރިން ރާއްޖެއައިސް ވެލާނާ އެއާރ ޕޯޓްގައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިދިޔަ ފެބްރުއަރީ މަހު އެންމެ ގިނައިން ފަތުވެރިން ޒިޔާރަތްކުރި އިނގިރޭސިވިލާތް މާކެޓުގެ ތިންވަނައަށް ވެއްޓިއްޖެއެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުން، މި އަހަރު ފެށިގެން މި މަހުގެ 19ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ 549،747 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. ނަމަވެސް، މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް އައިސްފައި ވަނީ، 524،340 ފަތުރުވެރިންނެވެ. އެއީ، މިދިޔަ އަހަރާ ބަލާއިރު، 4.8 އިންސައްތަ ކުރިއެރުމެކެވެ.

މިދިޔަ މަހު އެވަރެޖު ގޮތެއްގައި ދުވާލެއްގެ މައްޗަށް 7،048 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވެއެވެ.

އޭގެއިތުރުން، މި ހިނގާ މާޗު މަހުގެ 19ވަނަ ދުވަހުގެ ނިޔަލަށް 67،414 ފަތުރުވެރިން ޒިޔާރަތްކޮށްގެން މާކެޓުގެ އެއްވަނައިގައި އޮތީ ޗައިނާއެވެ. ދެވަނައަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރީ ރަޝިއާއިންނެވެ. އެ ގައުމުން 56،575 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.

ނަމަވެސް، މިދިޔަ މަހު އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްގެން މާކެޓު އެއްވަނައިން ޖާގަ ހޯދި އިނގިރޭސިވިލާތުން މިިދިޔަ ބުދަ ދުވަހުގެ ނިޔަލަށް އައީ 56،183 ފަތުރުވެރިންނެވެ.

މާކެޓުގެ އިތުރު ބައެއް ގައުމުތަކުގެ ތެރޭގައި ހިމެނެނީ:

  • އިޓަލީ: 51،808 ފަތުރުވެރިން
  • ޖަރުމަނު: 38،263 ފަތުރުވެރިން
  • އިންޑިއާ: 26،914 ފަތުރުވެރިން
  • ފްރާންސް: 22،729 ފަތުރުވެރިން

މިނިސްޓްރީގެ ހިސާބުތަކުން ދައްކާ ގޮތުން، މިހާރު ރާއްޖޭގައި 62،587 ޓޫރިސްޓު އެނދު އޮޕަރޭޓު ކުރެއެވެ. އޭގެތެރެއިން، އެންމެ ބޮޑު އަދަދެއްގެ އެނދުތައް އޮޕަރޭޓުކުރަނީ ރިސޯޓުތަކުގައެވެ. އެގޮތުން، ރިސޯޓުތަކުގައި 43،217 އެނދު އޮޕަރޭޓުކުރާއިރު، 838 ގެސްޓުހައުސްތަކުގައި އޮޕަރޭޓުކުރަނީ 14،188 އެނދެވެ.

ސަފާރީތަކުގައި ހުރީ 3144 އެނދު ކަމަށްވާއިރު، ބާކީ 2023 އެނދު އޮޕަރޭޓު ކުރަނީ ހޮޓާތަކުގައެވެ.

މިދިޔަ އަހަރު ދެ މިލިއަނަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރިއެވެ.

ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ފުޅާ ދާއިރާއެއްގައި ކުރަމުންނެވެ.

ފަތުރުވެރިން ރާއްޖެ އައިސް ހޭދަކުރާ ދުވަސް އިތުރުކުރުމަށް ޓަކައި ވެސް މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ.

comment ކޮމެންޓް