މޯލްޑިވްސް އިމިގްރޭޝަންގެ ބައެއް މުވައްޒަފުން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ބިދޭސީންގެ އަތުން ނާޖާއިޒް މަންފާ ހޯދި މައްސަލައިގައި، މާލޭގެ ގެއެއް ބަލައިފާސްކޮށް ހައްޔަރުކުރި ތިން މީހުންގެ ބަންދުގެ މުއްދަތު ޖަހައިފިއެވެ.
ރޭ ވަނީ، މޯލްޑިވްސް އިމިގްރޭޝަންގެ ބައެއް މުވައްޒަފުން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ބިދޭސީންގެ އަތުން ނާޖާއިޒް މަންފާ ހޯދަމުން އަންނަކަމުގެ ކޮރަޕްޝަން މައްސަލައެއް ތަހުގީގުކުރަން ފަށައިފައިވާ ކަމަށް ބުނެފައެވެ.
މި މައްސަލައާ ގުޅިގެން ރޭ މާލޭ ގެއެއް ބަލައި ފާސްކޮށް ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ކަމަށް ބުނި ނަމަވެސް، އެ މީހުންގެ ވަނަވަރު ހާމަކޮށްފައެއް ނުވެއެވެ.
އެކަމާ ގުޅިގެން "ސަން"އިން ސުވާލުކުރުމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަށް ކޯޓަށް ހާޒިރުކުރި ކަމަށެވެ. އެގޮތުން، އޭގެތެރެއިން ދެ މީހަކު 10 ދުވަހަށް ބަންދުކޮށް، އެކަކު ތިން ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
އެ މައްސަލައިގައި، އިިމިގްރޭޝަންގެ ކޮންޓްރޯލާ ޖެނެރަލްކަމުގެ މަގާމުން ރޭ ޝައްމާން ވަހީދު ވަނީ ވަކިކޮށްފައެވެ. އޭނާ މިރޭ ފުލުހަށް ހާޒިރުކުރުމުން ކޮރަޕްޝަންގެ ތުހުމަތުކޮށް، ވަނީ ހައްޔަރުކޮށްފައެވެ.
ޝަމްއާންގެ މައްޗަށް ކުރެވޭ ކޮރަޕްޝަންގެ ތުހުމަތަށް ބާރުދޭ ކަންތައްތަކެއް ފުލުުހުން މިހާރު އިމިގްރޭޝަންގެ މުވައްޒަފުންތަކެއްގެ މައްޗަށް ހިންގާ ތަހުގީގުގައި ފެނިފައިވާކަން މިރޭ ފުލުހުން ވަނީ ހާމަކޮށްފައެވެ.
ޝަމްއާން ވަހީދުގެ ގެއިން ފެނުނު ބައިމިލިއަނެއްހައި ނަގުދު ފައިސާއަކީ އޭނާގެ އަމުރަށް ޑިޓެންޝަނުން މިނިވަންކުރި ބިދޭސީއެއްގެ އަތުގައި ހުރި ފައިސާކަމަށް ފުލުހުން މިރޭ ތުހުމަތުކޮށްފައިވެއެވެ.
އެ ފައިސާއަކީ އިމިގްރޭޝަނުން ބަންދުކުރި ބިދޭސީއެއްގެ އަތުގައި ހުރި 530،000 ރުފިޔާކަމަށް ތުހުމަތުކުރެވެއެވެ.
އަދި ޝަމްއާން ދިރިއުޅޭ ގެ ބަލައިފާސްކޮށް ގިނަ އަދަދެއްގެ ފައިސާއާއި އިލެކްޓްރޯނިކް ސާމާނުތަކެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެނައިކަމަށް ވެސް ފުލުހުން ބުންޏެވެ.