ބްރެޒިލް ޤައުމީ ޓީމުގެ ކީޕާ އެލިސަން ބެކާ ޤައުމީ ޓީމަށް ކުޅެނިކޮށް އޭނާގެ ބޮލަށް ލިބުނު އަނިޔާ އަކާގުޅިގެން އުނބުރި ލިވަޕޫލަށް ގޮސްފިއެވެ.
އެލިސަންގެ ބޮލަށް އަނިޔާވެފައިވަނީ ވޯލްޑް ކަޕް ކޮލިފައިންގައި ބްރެޒިލް އާއި ކޮލޮމްބިއާ ބައްދަލުކުރި މެޗުގައެވެ. މި މެޗު ނިމެން ގާތް ވެފައިވަނިކޮށް އެލިސަންއަށް އަނިޔާވެފައިވަނީ ކޮލޮމްބިއާގެ ޑިފެންޑާ ޑެވިންސަން ސަންޗޭޒް އާއި އެލިސަން ބޯޅައެއް ހޯދަން އުޅުމުގެ ތެރޭގައި ދެކުޅުންތެރިންގެ ބޯޖެހުމުގެ ސަބަބުންނެވެ.
މި ހާދިސާ ހިނގުމާއެކު އެލިސަން ވަނީ ބަދަލުކޮށްފައެވެ. މި އަނިޔާގެ ސަބަބުން ބްރެޒިލް އަންނަ ބުދަ ދުވަހު އާޖެންޓީނާ އާ ބައްދަލުކުރާ މެޗުގައި އެލިސަންއަށް ނުކުޅޭނެއެވެ. އަދި އޭނާ މިހާރު ވަނީ އިތުރު ޓެސްޓްތައް ހެދުމަށްޓަކައި އޭނާ ކުޅޭ ކްލަބް ލިވަޕޫލަށް އެނބުރި ގޮސްފައެވެ.
ބްރެޒިލް ޤައުމީ ޓީމުގެ ޑޮކްޓާ ރޮޑްރިގޯ ލަސްމާރު ހާމަކުރިގޮތުގައި އެލިސަންގެ ބޮލަށް ވަނީ އަނިޔާ ވެފައިކަމަށާއި އަދި އޭނާ ކޮލޮމްބިއާ މެޗުގައި ބަދަލުކޮށްފައިވަނީ އެހެން ކަމުން ކަމަށެވެ. ރޮޑްރިގޯ ބުނިގޮތުގައި މިކަމުގައި ދެން އަމަލު ކުރާނީ މިފަދަ ހާލަތްތަކުގައި އަމަލުކުރުމަށް ބްރެޒިލްގެ ފެޑެރޭޝަނުން އެކުލަވާލާފައިވާ ޕްރޮޓިކޯލްއާ އެއްގޮތަށެވެ. މިގޮތުން މިފަދަ ހާލަތްތަކުގައި ހަދަން ޖެހޭނެ ކަމަށް އަންގާފައިވާ ޓެސްޓްތައް އެލިސަން ހަދާނެ ކަމަށް އޭނާ ބުންޏެވެ.
ބޯ އެނބުރުމާއި އެއްވެސް ކަމެއް ހަނދާން ނެތުމުގެ މައްސަލައެއް ހުރިކަން ފާހަގަވެފައި ނުވާ ކަމަށް ވެސް ޑޮކްޓަރު ބުންޏެވެ.
މި އަނިޔާ އާއެކު އާޖެންޓީނާ މެޗު އެލިސަންއަށް ގެއްލުނު ކަމަށްވީ ނަމަވެސް އިންޓަނޭޝަނަލް ބްރޭކްއަށް ފަހު އޭޕްރީލް މަހުގެ ދެ ވަނަ ދުވަހު ޕްރިމިއާ ލީގުގައި އެވަޓަން އާއި ދެކޮޅަށް ކުޅޭ މެޗުގައި އޭނާއަށް ކުޅެވޭނެކަމަށް ބެލެވެއެވެ.
ވޯލްޑް ކަޕް ކޮލިފައިންގައި ބްރެޒިލް އާއި ކޮލޮމްބިއާ ބައްދަލުކުރި މި މެޗު ދެ ލަނޑު އެއް ލަނޑުން ކާމިޔާބު ކޮށްފައިވަނީ ބްރެޒިލްއެވެ. މި މެޗުގެ ހަ ވަނަ މިނެޓުގައި ބްރެޒިލްއަށް ރަފީނިއާ ލީޑު ނަގައިދިން ނަމަވެސް އެލިސަން އާއެކު ލިވަޕޫލަށް ކުލެމުންދާ ލުއިސް ޑިއާޒް ވަނީ ކޮލޮމްބިއާއަށް އެއްވަރު ކޮށްދީފައެވެ. މިމެޗުން ބްރެޒިލް މޮޅުވެފައިވަނީ މެޗުގެ އިތުރު ވަގުތުގެ ނުވަ ވަނަ މިނެޓުގައި ވިނީޝިއަސް ޖޫނިއާ ކާމިޔާބު ކޮށްދިން ލަނޑުންނެވެ.
މި ކާމިޔާބީ އާއެކު ބްރެޒިލް މިހާރު އުޅެނީ 21 ޕޮއިންޓާއެކު ދެކުނު އެމެރިކާ ސަރަހައްދުގެ ވޯލްޑް ކަޕް ކޮލިފައިންގެ ތިން ވަނައިގައެވެ. އަދި ކޮލޮމްބިއާ އުޅެނީ 19 ޕޮއިންޓާއެކު ތާވަލްގެ ހަ ވަނައިގައެވެ.