ޖަލަށްލާފައިވާ ބްރެޒިލްގެ ކުރީގެ ރައީސް ބޮލްސޮނާރޯގެ ދަރިކަލުން ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަނީ

ބްރެޒިލްގެ ކުރީގެ ރައީސް ޖައިރް ބޮލްސޮނާރޯގެ ދަރިފުޅު ފްލެވިއޯ ބޮލްސޮނާރޯ. ފޮޓޯ/ރޮއިޓާސް

ބްރެޒިލްގެ ރިޔާސީ އިންތިޚާބުގައި އެ ގައުމުގެ ކުރީގެ ރައީސް ޖައިރް ބޮލްސޮނާރޯގެ ދަރިފުޅު ފްލެވިއޯ ބޮލްސޮނާރޯ ވާދަކުރަން ނިންމައިފިއެވެ.

ބޮލްސޮނާރޯ ވިދާޅުވީ, 2026 ވަނަ އަހަރު ރިޔާސީ އިންތިޚާބުގެ ޕްރީ ކެންޑިޑޭޓެއްގެ ގޮތުގައި ފުލެވިއޯ ބޮލްސޮނާރޯ ނޮމިނޭޓްކުރަން ނިންމާފައިވާ ކަމަށެވެ.

"2026 ވަނަ އަހަރު ރިޔާސީ އިންތިޚާބުގެ ޕްރީ ކެންޑިޑޭޓެއްގެ ގޮތުގައި ފްލެވިއޯ ބޮލްސޮނާރޯ ނޮމިނޭޓްކުރަން އަޅުގަނޑު ނިންމައިފިން," ފުލެވިއޯ ނޮމިނޭޓްކުރައްވައި ބޮލްސޮނާރޯ ނެރުއްވި ބަޔާނުގައި ވިދާޅުވިއެވެ.

އެ ކަމާ ގުޅިގެން އުމުރުން 44 އަހަރުގެ ސެނެޓާ ފުލެވިއޯ ވެސް ވަނީ އަންނަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަތަރުވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ އިންތިޚާބުގައި ބައްޕަގެ ކޮންޒަވޭޓިވް ލެގަސީ ވަރުގަދަކުރަން ގަސްތުކުރާ ކަމަށް ވިދާޅުވެފައެވެ.

ހަތަވީސް އަހަރުގެ ޖަލު ހުކުމެއް ފުރުއްވަމުން ގެންދަވާ ބޮލްސޮނާރޯ އިއްޔެ ވަނީ ހާނިއާ އޮޕަރޭޝަނެއް ކޮށްފައެވެ.

އޮޕަރޭޝަން ކުރުމަށް ޖަލުން ބޭރަށް ނުކުންނަށް ބޮލްސޮނާރޯއަށް ހުއްދަ ދިން ނަމަވެސް، އޭނާ އޮންނެވި ހޮސްޕިޓަލްގެ ކޮޓަރީގެ ބޭރުގައި ތިބުމަށް ފުލުހުންނަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. އަދި، އެ ތަނުގައި މޯބައިލް ފޯނާއި ކޮމްޕިއުޓަރު ބޭނުންކުރުން ވެސް މަނަލެވެ.

މިހާރު އުމުރުން 70 އަހަރުގެ ބޮލްސޮނާރޯއަށް 2018 ވަނަ އަހަރުގެ އިންތިޚާބުގެ ކެމްޕޭނު ދުވަސްވަރު އަމާޒުވި ވަޅީގެ ހަމަލާއަށް ފަހު، ތަކުރާރުކޮށް އެތައް ސިއްހީ މައްސަލަތަކެއް ކުރިމަތިވެފައިވާއިރު، ދާދި ފަހުން ބަނޑުގެ އެތައް އޮޕަރޭޝަނެއް ވެސް ކުރައްވާފައިވެއެވެ.

ދެހާސް ބާވީސްވަނަ އަހަރު ބޭއްވި ބްރެޒިލްގެ ރިޔާސީ އިންތިޚާބުގައި ބަލިވުމުން ވެރިކަން ދެމެހެއްޓުމަށް ބަޣާވާތެއް ކުރަން ރޭވިކަމުގެ ކުށް ސާބިތުވެ، ބޮލްސޮނާރޯއަށް ޖަލު ހުކުމް އިއްވީ މިދިޔަ ނޮވެންބަރު މަހެވެ.

އޭނާގެ މައްޗަށް 27 އަހަރާއި ތިން މަސް ދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް