ނާދިރު މައުދަންތަކާއި ހައިޓެކް ދާއިރާއިން ގުޅިގެން މަސައްކަތް ކުރުމަށް އިންޑިއާއާއި ބްރެޒިލް އެއްބަސްވެއްޖެ

މޯދީ އާއި ޑަ ސިލްވާ

ނިއުދިއްލީ (22 ފެބްރުއަރީ 2026) : ބްރެޒިލްގެ ރައީސް ލޫލާ ޑަ ސިލްވާ އިންޑިޔާއަށް ކުރައްވަމުން ގެންދަވާ ފަތުރުފުޅުގައި އެކިބާވަތުގެ ނާދިރު މައުދަންތައް ނެގުމާއި އޭގެ ވިޔަފާރީގެ ދާއިރާއިން ދެ ގައުމުގެ މެދުގައި އެއްބާރުލުން އިތުރުކުރުމުގެ އެއްބަސްވުންތަކާއި ވިޔަފާރިއާއި އިގްތިސާދާއި ޓެކްނޮލޮޖީގެ ދާއިރާތަކާބެހޭ އެއްބަސްވުންތަކެއްގައި އެ ދެ ގައުމުން ސޮއިކޮށްފިއެވެ.

އެ ދެ ގައުމުގެ މައިނިންގް އާބެހޭ ވަޒީރުން މި އެއްބަސްވުންތަކުގައި ސޮއިކުރެއްވީ މޯދީ އާއި ޑަ ސިލްވާ ގެ ހާޒިރުގައެވެ.

ހައިޓެކް އުފެއްދުންތަކަށް ބޭނުންވާ ނާދިރު މައުދަންތަކުގެ ގާތްގަނޑަކަށް 75 އިންސައްތަ ކޮންޓްރޯލް ކުރަނީ ޗައިނާއިންނެވެ. އެމެރިކާވެސް އެކިކަންކަމުގައި ޗައިނާއަށް ދޫދޭން މަޖުބޫރުވާ މައިގަނޑު ސަބަބަކީ ނާދިރު މައުދަންތައް އެމެރިކާއަށް ދިނުމަށް ޗައިނާ ގެންގުޅޭ ހަރުކަށި ސިޔާސަތެވެ.

ނާދިރު މައުދަންްތައް

ނާދިރު މައުދަންތައް ހުންނާނެކަމަށް ބެލެވޭ ސަރަހައްދުތައް ދެނެގަނެ އެތަންތަން މައިކޮށް ނާދިރު މައުދަން ހޯދުމުގެ މަސައްކަތަކީ ވަރަށް ބުރަ ވަރަށް އުނދަނގޫ އަދި ވަރަށް މަތީ ޓެކްނޮލޮޖީގެ މެޝިންތަކާއި ތަޖުރިބާކާރުން ބޭނުންވާ މަސައްކަތެކެވެ.

މި ދާއިރާގައި ބާރުވެރި ގައުމަކަށް ވުމަކީ އިންޑިއާގެ ބޮޑު އުންމީދެކެވެ. އެއީ ޗައިނާއާއެކު އޮންނަ ވާދަވެރިކަމާ ގުޅިގެންނެވެ. އިންޑިއާއާއި ބްރެޒީލް ސޮއިކުރި ނާދިރު މައުދަންތަކާބެހޭ މި އެއްބަސްވުމުގެ ދަށުން ދެ ގައުމުގެ ކަމާބެހޭ ކުންފުނިތައް ގުޅިގެން މިމަސައްކަތް ކުރުމަށް މަގުފަހިވެގެންދާނެއެވެ.

ބްރެޒިލްއަކީ ދަގަނޑުގެ ބައެއް ބާވަތްތައް ވަރަށް ގިނައިން އުފައްދާ ގައުމަކަށްވުމުގެ އިތުރުން އެ ގައުމަކީ ދަގަނޑު އުދެއްދުމަށް ބޭނުންވާ މިނަރެލްސްވެސް އެންމެ ގިނައިން ހުންނަ އެއް ގައުމެވެ. މިއީ އިންޑިއާ ބޭނުންވާ މިންވަރަށް ލިބުން ދަތިވެފައިވާ މައުދަންތަކެކެވެ.

މި އެއްބަސްވުމުގެ ސަބަބުން ދަގަނޑު އުދެއްދުމަށް ބޭނުންވާ މިނަރެލްސް ނުވަތަ މައުދަންތައް ބްރެޒީލްއިން އިންޑިއާއަށް ލިބުން ފަސޭހަ ވެގެންދާނެއެވެ. ނަތީޖާ އެއްގެ ގޮތުން އިންޑިޔާގައި އުފައްދާ ދަގަނޑަށް އިތުރުވަމުންދާ ޑިމާންޑްއާ އެއްވަރަށް ދަގަނޑު އުފެއްދުމުގެ ގާބިލްކަން އިންޑިއާއަށް ލިބިގެންދާނެއެވެ.

ބްރެޒިލްގެ ރައީސް ލޫލާ ޑަ ސިލްވާ އިންޑިޔާއަށް ކުރައްވަމުންދާ ފަތުރުފުޅުގައި އިންޑިއާގެ ބޮޑުވަޒީރު ނަރަންދުރަ މޯދީ ވަނީ ރަސްމީ ބައްދަލުކުރެއްވުން ބާއްވަވާފައެވެ. މި ބައްދަލުކުރެއްވުންތަކުގައި ދެ ބޭފުޅުން ވަނީ ދެ ގައުމުގެ ދެމެދުގައި ހިނގަމުންދާ ވިޔަފާރީގެ މުއާމަލާތްތަކުގެ މިންވަރު 15 ބިލިޔަން ޑޮލަރުން 20 ބިލިޔަން ޑޮލަރަށް ކުރިޔަށް އޮތް ފަސް އަހަރު ތެރޭގައި އިތުރު ކުރުމަށް އެއްބަސްވެ ވަޑައިގެންފައެވެ.

އަދި އެކި ދާއިރާތަކުގައި ދެ ގައުމުގެ ތަޖުރިބާ އެއްގައުމު އަނެއް ގައުމާ ހިއްސާ ކުރުމަށްވެސް ދެބޭފުޅުންވަނީ އެއްބަސްވެ ވަޑައިގެންފައެވެ.

އިންޑިއާ އާއި ބްރަޒިލް އަކީ ޗައިނާ އާއި ރަޝިއާ އިސް ދައުރެއް އަދާކުރާ ބްރިކްސް ޖަމާއަތުގެ އިސް ދެ މެންބަރުންނެވެ. ބްރިކްސް އަކީ ދުނިޔޭގެ އެންމެ ބޮޑު އިގްތިސާދީ ޖަމާއަތެވެ. ހުޅަނގުގެ އިގްތިސާދީ ޖަމާއަތްކަމަށްވާ "ޖީ 7" އަށް ވުރެވެސް ބްރިކްސްގެ އިގްތިސާދު ފުޅާވެފައި ވިޔަފާރީގެ ހަރަކާތްތައް މާ ގިނައެވެ.

ބްރިކްސްގައި ހިމެނޭ ގައުމުތަކުގެ އާބާދީ ބޮޑުވެފައި އަބާދީ ޒުވާން ވުމުން "ޖީ 7"އަށް ވުރެ ބްރިކްސްގެ އިގްތިސާދީ ބުރަދަން ދުނިޔޭގައި މާބޮޑެވެ.

ބްރެޒީލްގެ ރައީސް އިންޑިއާއަށް ކުރައްވާ ދަތުރުފުޅުގައި އެ ދެ ގައުމުގެ މަސްއޫލުވެރިން ވަނީ ޓެކްނޮލޮޖީއާއި އައުއީޖާދުތަކުގެ ދާއިރާއިންނާއި ޑިޖިޓަލް ޕަބްލިކް އިންފްރާސްޓްރަކްޗާ ދާއިރާފަދަ އެތައް ދާއިރާ އެއްގައި ގުޅިގެން މަސައްކަތް ކުރުމުގެ ފަހުމުނާމާތަކުގައި ސޮއިކޮށްފައެވެ.

މީގެ އިތުރުން މަސްނޫއީ ތޫނުފިލިކަން ނުވަތަ އާޓިފިޝަލް އިންޓެލިޖެންސްއާއި އިލެކްޓްރޯނިކް ޗިޕް އާއި ސެމިކޮންޑަކްޓަރު އުފެއްދުމުގެ ޓެކްނޮލޮޖީ ތަރައްގީ ކުރުމުގެ ދާއިރާގައިވެސް ދެގައުމުގެ ކުންފުނިތައް ގުޅިގެން އަދި އެއްގައުމު އަނެއް ގައުމަށް އެހީތެރިވެގެން މަސައްކަތް ކުރުމުގެ ފަހުމުނާމާތަކުގައި ވަނީ ސޮއިކޮށްފައެވެ.

ބްރެޒިލްއަކީ ލެޓިން އެމެރިކާ ސަރަހައްދުގައި އިންޑިއާގެ އެންމެ ބޮޑު ވިޔަފާރީގެ ބައިވެރިޔާއެވެ. އަނެއްކޮޅުން ބްރެޒީލްއަކީ ޗައިނާގެ ވަރަށް ބޮޑު އިގްތިސާދީ އަދި ޖިއޮޕޮލިޓިކަލް ބައިވެރިއެކެވެ.

comment ކޮމެންޓް