ގޭބަންދަށް އެދި ބޮލްސޮނާރޯ ހުށަހެޅި މައްސަލަ ބްރެޒިލް ކޯޓުން ބާތިލުކޮށްފި

ބްރެޒިލްގެ ކުރީގެ ރައީސް ޖައިޜް ބޮލްސޮނާރޯ. އޭނާ ގޭބަންދަށް އެދި ހުށެހެޅި މައްސަލަ ކޯޓުން ވަނީ ބާތިލުކޮށްފައި.ފޮޓޯ/އޭއެފްޕީ

ހަތާވީސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ބްރެޒިލްގެ ކުރީގެ ރައީސް ޖައިރް ބޮލްސޮނާރޯ ގޭބަންދަށް ބަދަލުކޮށްދިނުމަށް އެދި ހުށަހެޅި މައްސަލަ ބްރެޒިލްގެ ފެޑެރަލް ސުޕްރީމް ކޯޓުން ބާތިލުކޮށްފިއެވެ.

ހާނިއާ އޮޕަރޭޝަނަކަށްފަހު އުމުރުން 70 އަހަރުގެ ބޮލްސޮނާރޯ ހޮސްޕިޓަލްގައި އޮންނަވާތާ ހަފްތާއަކަށްވުރެ ގިނަ ދުވަސްވެއްޖެއެވެ.

ކޯޓުގެ ނިންމުން ހާމަކުރައްވަމުން ފަނޑިޔާރު އެލެގްޒެންޑާ ޑި މޮރޭސް ވިދާޅުވީ ބޮލްސޮނާރޯއަށް މިހާރުވެސް ފުލުހުންގެ ބެލުމުގެ ދަށުގައި 24 ގަޑިއިރު ސިއްހީ ފަރުވާ ލިބޭނެ ކަމަށެވެ.

"ދިފާއުން ތުހުމަތުކުރާ ގޮތާ ހިލާފަށް ޖައިރް މެސިއަސް ބޮލްސޮނާރޯގެ ސިއްހީ ހާލަތު ގޯސްވެފައެއް ނުވޭ. އޭގެ ބަދަލުގައި އޭނާގެ ކްލިނިކަލް ކޮންޑިޝަންގައި އިލެކްޓިވް ސާޖަރީތަކަށް ފަހު ކުރިމަތިވަމުން ދިޔަ ސިއްޙީ މައްސަލަތައް ރަނގަޅުވެފައިވާ ކަމަށް އޭނާގެ އަމިއްލަ ޑޮކްޓަރުންގެ ރިޕޯޓުގައި ފާހަގަކޮށްފައިވޭ." ފަނޑިޔާރުގެ ނިންމުމުގައި ވިދާޅުވިއެވެ.

ގޭ ބަންދަށް ބަދަލުކޮށްދިނުމަށް އެދި ބޮލްސޮނާރީ މީގެކުރިންވެސް ވަނީ އެދިފައެވެ.

ކަނާތުފިޔައިގެ ކުރީގެ ލީޑަރު، ބޮލްސޮނާރޯއަށް ޖަލު ހުކުމް އިއްވީ 2022 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގައި ބަލިވުމުން ވެރިކަން ދެމެހެއްޓުމަށް ބަޣާވާތެއް ކުރިކަން ސާބިތުވުމުންނެވެ. ޖަލުގައި ބަންދުކޮށްފައި ހުރީ ވެރިރަށް ބްރެޒިލިއާގެ ފެޑެރަލް ޕޮލިސްގެ މައި މަރުކަޒުގައެވެ.

އޭނާގެ މައްޗަށް 27 އަހަރާއި ތިން މަސް ދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވެއެވެ.

ނަމަވެސް، އިސްތިއުނާފުކުރަން ފުރުސަތު ދިނުމަށް އެ ހުކުމް ފެށުން ލަސްކުރީއެވެ. ބޮލްސޮނާރޯއަކީ ރައީސް ކަމަށް ވަޑައިގަތުމުގެ ކުރިން ގާތްގަނޑަކަށް 27 އަހަރު ވަންދެން ޗެމްބަރު އޮފް ޑެޕިއުޓީސްގައި މަސައްކަތް ކުރެއްވި ކުރީގެ ސިފައިންގެ ކެޕްޓަނެކެވެ.

ރިޔާސީ އިންތިޚާބުން ބްލޮސޮނާރޯ ބަލިވެ، ބްރެޒިލްގެ ރައީސްކަމުގެ މަގާމު ލިބުނީ ލުއިޒް އިނާސިއޯ ލޫލާ ޑަ ސިލްވާއަށެވެ. ނަމަވެސް، ބަލި ގަބޫލުކުރަން ބްލޮސޮނާރޯ ދެކޮޅު ހައްދަވައި، ކޯޓަށް މައްސަލަ ހުށަހެޅުއްވިއެވެ. އެއްވެސް ހެއްކެއް ނެތް ކަމަށް ބުނެ، އޭރު ކޯޓުން ވަނީ މައްސަލަ ބަލައިނުގެންފައެވެ. އަދި، ބޮލްސޮނާރޯގެ ޓީމު ގާތްގަނޑަކަށް 4.3 މިލިއަން ޑޮލަރުން ޖޫރިމަނާ ވެސް ކުރިއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް