އަންނަ ހޮނިހިރު ދުވަހުން ފެށިގެން ފިތުރު އީދަށް ރާއްޖޭގެ 65 ރަށެއް ދިއްލާނެ ކަމަށް ލޯކަލް ގަވަނަންސް މިނިސްޓަރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ.

މި އަހަރުގެ ބަރަކާތްތެރި ފިތުރު އީދަށް ރާއްޖެ ދިއްލައިލުމަށް ތައްޔާރުވުގެ މަސައްކަތް ސަރުކާރުގެ ބައެއް ކުންފުނިތަކާއި، ކައުންސިލްތަކުގެ އެހީތެރިކަމާއެކު މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވޯކްސްއިން ވަނީ ފަށައިފައެވެ.
އެކަމާ ގުޅިގެން މިނިސްޓަރު އާދަމް ޝަރީފު ރޭ ވިދާޅުވީ މި މަހުގެ 29 ވަނަ ދުވަހުގެ ރޭ އީދު ލައިޓްތައް ދިއްލިގެންދާނެ ކަމަށެވެ. އަދި ސަރުކާރުގެ ކުންފުނިތަކާ ގުޅިގެން މި އީދުގައި ވަރަށް ޚާއްސަ ހަރަކާތެއް މާލޭގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މި އަހަރު "އީދު އަލި" ދިއްލުމުގެ ބޮޑު އިވެންޓް ބޭއްވުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 29 ވަނަ ދުވަހުގެ ރޭ ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ. މިނިސްޓްރީން ބުނި ގޮތުގައި މި އިވެންޓްގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގަންނަވާނެއެވެ.

މިނިސްޓަރު އާދަމް ޝަރީފް އުމަރު -- ފޮޓޯ/ ރައީސް އޮފީސް
އީދަށް ދިއްލުމުގެ ހަރަކާތަކީ ރައީސް މުޢިއްޒު މާލޭގެ މޭޔަރު ކަމުގައި ހުންނެވި އިރު ފެއްޓެވި ހަރަކާތެއްކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ މުޅި ރާއްޖެ ދިއްލުމުގެ ހަރަކާތް ފެށުނީ އެ މަނިކުފާނުގެ ވެރިކަމުގެ ޒައާމަތުގައި މިދިޔަ އަހަރު ކަމަށެވެ. އަދި މި ދިއްލުން ވެގެން ދިޔައީ ކުޑަކުދިންނާއި، ޒުވާނުންގެ ޝައުގުވެރިކަން ވަރަށް ބޮޑަށް އިތުރުވެގެން ދިޔަ ހަރަކާތަކަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އާދަމް ޝަރީފް ވިދާޅުވީ މިދިޔަ އަހަރު ދިއްލި ރަށްތަކާއި، ސިޓީތަކުގެ އިތުރުން މި އަހަރު އިތުރު 36 ރަށަކަށް އީދު ލައިޓްތައް ފޮނުވަން ހަމަޖެހިފައިވާ ކަމަށެވެ. މީގެކުރިން މިނިސްޓަރު ވިދާޅުވި ގޮތުގައި އިތުރު 36 ރަށަށް އީދު ލައިޓު ގެންނަނީ 28 މިލިއަން ރުފިޔާ ޚަރަދުކޮށްގެންނެވެ.
އަދި މާލޭ ސިޓީގައި އީދު ލައިޓްތައް ޖެހުމުގެ މަސައްކަތް ވަރަށް ފޯރީގައި މިހާރު ފެށިގެން ކުރިއަށްދާ ކަމަށާއި، އެކަމުގައި ސްޓެލްކޯއާއި، ސަރުކާރުގެ ބައެއް ކުންފުނިތަކާއި، އެޗްޑީސީ އަދި މާލޭ ސިޓީ ކައުންސިލުން ބައިވެރިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މި އަހަރު އަލަށް ދިއްލާ 36 ރަށާއެކު ޖުމްލަ 65 ރަށެއް މި އަހަރު ފިތުރު އީދުގައި ދިއްލާނެއެވެ. އަދި އަލަށް ދިއްލޭ 36 ރަށަށް ފޮނުވާ ލައިޓްތަކާއި، ސްޕީކަރުތައް މި މަހުގެ 24 ވަނަ ދުވަހު ރަށްރަށަށް ފޮނުވުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
comment އަލީ
7 day 17 hour ago
ތި ކީއްކުރަން ކުރާކަމެއް