މި ރޯދަ މަސް ފެށުނު ފަހުން ކަރާ ލިބުން ދަތިވެ، ކަރަލުގެ އަގު ފުރަތަމަ ފަހަރަށް މައްޗަށް ގޮސްފިއެވެ.
ދަތުރުވެރިންގެ މާރުކޭޓުގެ ވިޔަފާރިވެރިއެއް ކަމަށްވާ އަހުމަދު ހަބީބް 'ސަން' އަށް ބުނި ގޮތުގައި މިހާރު ކަރާ ކިލޯއެއްގެ އަގު އުޅެނީ 30 ރުފިޔާއަށެވެ. މި ރޯދަ މަސް ފެށުނުއިރު ކަރާ ކިލޯއެއް އުޅުނީ 20 ރުފިޔާއަށް ކަމަށް ހަބީބް ބުންޏެވެ.
ހަބީބް ބުނީ މިހާރު ކަރާ ލިބުން ވަރަށް ދަތި ކަމަށެވެ. އާއްމުކޮށް ކަރަލުގެ ޝިޕްމަންޓް ލިބޭ އއ. ތޮއްޑޫ ފަދަ ރަށްރަށުން މިހާރު އެއްގޮތަކަށް ވެސް ނުލިބޭ ކަމަށް އޭނާ ބުންޏެވެ.
އެހެންކަމުން މި ރޯދަމަހުގެ ކުރިއަށް އޮތް ދުވަސްތަކުގައި ކަރާގެ އަގު މިހާރަށްވުރެ ވެސް ބޮޑުވާނެ ކަމަށާއި، ކަރާ ނުލިބުން ވެސް އެކަށީގެންވާ ކަމަށް އޭނާ ބުންޏެވެ.
އޭނާ ބުނި ގޮތުގައި މިއީ މި ރޯދަ މަސް ފެށުނު ފަހުން ކަރަލުގެ އަގު މައްޗަށް ދިޔަ ފުރަތަމަ ފަހަރެވެ.

ރޯދަ މަހު މާލޭގެ ބާޒާރުމަތީގައި ކަރަލާއި އެހެނިހެން މޭވާތައް ވިއްކަނީ -- ސަން ފޮޓޯ
ދަތުރުވެރިންގެ މާރުކޭޓުން 'ސަން' އާ ވާހަކަދެއްކި ވިޔަފާރިވެރިއެއް ކަމަށްވާ ކެލާ އަހުމަދު، ބުނި ގޮތުގައި ކަރާ ލިބުމުގައި ދަތިތަކެއް އެބަހުއްޓެވެ.
އަހުމަދު ބުނި ގޮތުގައި ކަރާ ލިބުމުގައި އުޅޭ އެއް ދައްޗަކީ މާލޭ ބާޒާރަށް އަތޮޅުތެރެއިން ކަރާ ގެންނަ މިންވަރު މަދުވުމެވެ. އެހެންކަމުން ކަރާ ލިބެން ހުރި ތަންތަނުން ވެސް ކަރާގެ ޝިޕްމަންޓް ގެނައުމުގައި ލަސްތަކެއް އެބަހުރި ކަމަށް އޭނާ ބުންޏެވެ. އަދި އެހެން ރޯދަ މަސް މަހާ އަޅާބަލާއިރު މި ރޯދަމަހު ނިސްބަތުން ކަރާ ލިބޭ ވަރު މަދު ކަމަށް އޭނާ ބުންޏެވެ.
ފާހަގަކޮށްލެވޭ ގޮތުގައި އެހެން ރޯދަ މަސް މަހާ ޚިލާފަށް މި ރޯދަމަހު މާރުކޭޓު ވިޔަފާރިތައް ވަރަށް ބޮޑަށް ވަނީ ދަށްވެފައެވެ. އެގޮތުން ދުވާލަކު 30،000 ރުފިޔާ ލިބޭ ވިޔަފާރިތަކަށް މިހާރު އެވެރެޖުކޮށް ލިބެނީ 4،000 ރުފިޔާއެވެ.

ކިހާދޫ ދަނޑެއްގައި ކަރާތަކެއް -- ފޮޓޯ/ އޭދަފުށީ ވޮއިސް
"ސަން" އާ ވާހަކަދައްކި ތޮއްޑޫގެ ދަނޑު ހައްދާ މީހެއް ކަމަށްވާ އައިޝަތު ޖުނައިދާ ބުނި ގޮތުގައި މި ރޯދަމަހު އެ ރަށުގެ ދަނޑުތަކުން މާ ބޮޑު މަންފާއެއް ނުލިބެއެވެ. އެގޮތުން މި ފަހުން މުޅި ރާއްޖެއަށް ކުރި ވިއްސާރައިގައި އެ ރަށުގެ ދަނޑުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބުނު ކަމަށް ވެސް އޭނާ ބުންޏެވެ. އަދި ދަނޑުތަކަށް ބަލި ޖެހިފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.
ތޮއްޑޫއަކީ އާންމު ގޮތެއްގައި ކަރައާއި މިރުސް، ރޯދައަށް ތިޔާގި ރަށެކެވެ. އަދި ތޮއްޑޫގެ ކަރައަކީ ވެސް ރާއްޖެއަށް މަޝްހޫރު އެއްޗެކެވެ. ނަމަވެސް މި ރޯދަމަހު، މީގެ ކުރީގެ ރޯދަމަސްތަކާ އަޅާ ބަލާއިރު އެ ރަށުގެ ވިޔަފާރިތައް ވެސް ދަށެވެ.