މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށް ބިދޭސީން އަތުން ނާޖާއިޒު ފައިދާ ނަގާ ކަމުގެ ތުހުމަތުކޮށް, އިމިގްރޭޝަންގެ ކޮންޓްރޯލާ ޖެނެރަލްގެ މަގާމުން ރޭ ވަކިކުރި، މުޙައްމަދު ޝަމްއާން ވަހީދުގެ އެޕާޓްމަންޓް ފުލުހުން ބަލައި ފާސްކުރިއިރު ގިނަ އަދަދަކަށް ނަގުދު ފައިސާ ފެނުނުކަން "ސަން" އަށް އެނގިއްޖެއެވެ.
ކުއްލި ގޮތަކަށް ރޭ ރައީސް ޑރ. މުޙައްމަދު މުއިއްޒު, ޝަމްއާން މަގާމުން ވަކިކުރައްވާފައިވާއިރު ފުލުހުން ވަނީ އޭނާ ދިރިއުޅޭ އެޕާޓްމަންޓް ރޭ ބަލައި ފާސްކޮށްފައެވެ.
"ސަން" އަށް އެނގިފައިވާ ގޮތުގައި ފުލުހުންގެ މި އޮޕަރޭޝަންގެ ތެރެއިން ޝަމްއާންގެ އެޕާޓްމަންޓުން ވަނީ ގިނަ އަދަދެއްގެ ނަގުދު ފައިސާ ހޯދައިފައެވެ. އަދި އެ ފައިސާތައް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
ޝަމްއާންގެ ގެއިން ފުލުހުން ހޯދި ފައިސާގެ ސީދާ އަދަދެއް އަދި ޔަގީނެއް ނުވެއެވެ. ނަމަވެސް އެ އަދަދު އެތައް ލައްކަ ރުފިޔާއަކަށް އަރާކަމަށް ބުނެވެއެވެ.
އޭނާ މަގާމުން ވަކިކުރިއިރު ފުލުހުން ރޭ ވަނީ، އިމިގްރޭޝަންގެ ބައެއް މުވައްޒަފުން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ބިދޭސީންގެ އަތުން ނާޖާއިޒް މަންފާ ހޯދަމުން އަންނަކަމުގެ ކޮރަޕްޝަން މައްސަލައެއް ތަހުގީގުކުރަން ފަށައިފައިވާ ކަމަށް ބުނެފައެވެ. އަދި އެ މައްސަލައާ ގުޅިގެން ރޭ މާލޭ ގެއެއް ބަލައި ފާސްކޮށް ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ވެސް ރޭ ފުލުހުން ބުންޏެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ޝަމްއާން ވަހީދު ރޭ މަގާމުން ވަކިކުރުމާއެކު، ހަމަ ރޭ އެ މަގާމަށް ކުރީގެ ޕޮލިސް ކޮމިޝަނަރު އަޙުމަދު ފަސީހު ވަނީ އައްޔަނުކޮށްފައެވެ.
ނުގަވައިދުން އުޅޭ ބިދޭސީންގެ މައްސަލައަކީ މިހާތަނަށް ހައްލު ނުވެ އޮތް ބޮޑު މައްސަލައަކަށްވާއިރު މިކަން މިހާ ދޯދިޔާ ވެގެން ގޮސްފައިވަނީ އިމިގްރޭޝަންގެ ވެރިންނަށް ތިއްބަވާ ބޭފުޅުން އެކިއެކި ނާޖާއިޒު ފައިދާތައް ނަގާތީ ކަމަށް އަބަދުވެސް ތުހުމަތު ކުރެވެއެވެ. ނަމަވެސް މިއީ މިފަދަ ގޮތަކަށް އިމިގްރޭޝަންގެ އެންމެ މަތީ ވެރިއެއްގެ މައްސަލަ މިހެން ބަލާ ފުރަތަމަ ފަހަރެވެ.
ޝަމްއާން އިމިގްރޭޝަން ކޮންޓްރޯލަރުކަމުގައި ހުންނަވައިގެން ނުގަވައިދުން އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރަން ދޮޅު އަހަރެއްހައި ދުވަސްތެރޭ ކުރި މަސައްކަތަކީ ގިނަ ބައެއްގެ ތައުރީފް ލިބުނު މަސައްކަތެކެވެ.