ރޯދަމަހު ކީރިތި މާތް ރަސޫލާގެ ސިޔަރަތު އަޑުނީވޭ މީހަކު ހުރެދާނެހެއްޔެވެ؟ މި ޖީލުގައި އުޅެދާނެއެވެ. އެކަމަކު، ފަޟީލަތުއްޝައިޙް ޙުސައިން ޞަލާޙުއްދީންގެ އިލްމުގެ ބަގީޗާއިން ފޮނިކަން ނުލިބޭ މީހަކު ހުރެދާނެހެއްޔެވެ؟ ހިއެއް ނުވެއެވެ.
މާލޭ ބޮޑުގަލުގޭ މޫސާދީދީއާއި ދަރަވަންދޫ ކާސިން ކަލޭފާނުގެ ދޮންކަލޭފާނުގެ ޙައްވާ ތުއްތު މަނިކެގެ ދޮށީ ދަރިކަލުންނަކީ އިލްމުގެ ބަގީޗާއެކެވެ. އެ ބަގީޗާއަކުން އަދާ ހަމައަށް ފޮޅުވައިދޭ ގުލްދަސްތާގެ މީރު ވަހާއި އޭގެ ފޮނިކަމުގެ އަސަރުނުކުރާ މީހަކު ނުހުންނާނެއެވެ. މީގެ 144 އަހަރު ކުރިން މޭ 11، 1881 ވަނަ އަހަރު ދުނިޔޭގެ އަލިކަން ދެކެވަޑައިގެން ފަހުން އެ ބަގީޗާ ގެންދެވީ ބޮޑުކުރައްވަމުންނެވެ. އިލްމުން ޖަރީކުރައްވަމުންނެވެ.
ސްރީލަންކާގެ ސެންޓްރަލް ހޮސްޕިޓަލުގައި ސެޕްޓެންބަރު 20، 1948 ގައި އުމުރުފުޅުން 67 އަހަރުގައި އަވަހާރަވުމާ ހަމައަށެވެ.
"އާދޭހެވެ! ފަޟީލަތުއްޝައިހް ހުސައިން ސަލާހުއްދީނުގެ ސަންދޯއްޕުޅު ސިރީ ލަންކާގެ މުށިކުލައިގެ ވެލިތަކެއްގެ ތެރެއަށް ގެއްލިގެން ދިޔައީއެވެ. ދިވެހިރާއްޖޭގައި، އޭނާގެ މަގާމު ހުސްވީއެވެ. ދިވެހިންގެ އުލޫމްގެ މާބަގީޗާގެ ގަސްތައް، އަސަރުގެ މިލުމަކުން މިލުވައިލީއެވެ. މާމެލާމެލީގެ މާގަނޑުތައް، ހިތާމައިން ލެނބިލީއެވެ. ޝުކުރުވެރި ދިވެހި ހިތްތަކުން ހުރަހަކާ ނުލައި ލެއިކަރުނަތަކެއް އޮހޮރާން ފެށީއެވެ،"

ކުރީގެ ރައީސް މުހައްމަދު އަމީން ދީދީ: އަމީން ކައިވެނިކުރައްވައިގެން އުޅުއްވީ ސަލާހުއްދީންގެ ދަރިކަނބަލުންނާ --
ސަލާހުއްދީން އަވަހާރަވުމުގެ ހިތާމައިގައި "ސަރުކާރު ޚަބަރު"ގައި "ހަނދާނުގެ މާފައްޗެއް" މި ނަމުގައި އޭރުގެ ދާހިލީ ވަޒީރު އަދި ފަހުން ރައީސްކަން ކުރެއްވި ސުމުއްވުލް އަމީރު މުހައްމަދު އަމީން ދޮށިމޭނާ ކިލެގެފާނު ލިޔުއްވި އޮބިއުޗަރީގައި ފަށުއި އިބާރާތްތަކުން، އަސަރުގަދަ ބަސްތަކުން އެ ދުވަސް ސިފަކޮށްފައިވަނީ އެހެންނެވެ. އެކަމަކު، ރުއިމެއް ނެތެވެ.
"ހުސައިން ސަލާހުއްދީން އެ އަވަހާރަވީ ކަލާނގެ މިންވަރުކުރައްވާފައިވާ ގޮތުގެ މަތީން އޭނާގެ ވާޖިބުތައް އަދާކުރެއްވުމަށް ފަހުގައެވެ. ހަޔާތުގެ ރޭހުން އަގުމާތް އިނާމުތަކެއްގެ ފަހުރުވެރި ވެރިޔަކަށް ވެވަޑައިގެންނެވުމަށް ފަހުގައެވެ. އޭނާއަށް ލިބިވަޑައިގެންފައިވި ދީނީ އިލްމުތަކުގެ އަސަރު ދިވެހިރާއްޖޭގެ ކަންކޮޅުތަކަށް ފަތުރުއްވާލައްވާފައެވެ،"
ސަލާހުއްދީންގެ އިލްމުގެ ދަތުރު ފެއްޓެވީ އައްޑުއަތޮޅުންނެވެ. އުމުރުފުޅުން 12 އަހަރުގައެވެ.
ފުރަތަމަ ކިޔަވާ ވިދާޅުވީ ދޮންބެއްޔާ އަރިހުންނެވެ. އެއީ، ޤުރުއާން ހިތުދަސް، ބޭސްވެރި، ނުޖޫމީ އިލްމުވެރިއެކެވެ. އެއަށް ފަހު، ޖަމާލުއްދީން ނައިބުތުއްތުގެ އަރިހުންނެވެ. ނައިބުތުއްތުގެ ބަސްފުޅުން ނަމަ، އޭނާއަށް ލިބިވަޑައިގެން ހުންނެވި ހުރިހާ އިލްމެއް ސަލާހުއްދީނަށް އުނގަންނައިދެއްވިއެވެ.
ސަލާހުއްދީން ދެން ވަޑައިގަތީ ހިޖާޒުކަރައަށެވެ. އެ މާތް ބިމުގައި އަރަބި ބަސް އުނގެނިވަޑައިގަތެވެ. ޢައްލާމާ މުޙައްމަދު ޙަބީބުﷲ އައްސިންގީތީއާއި އަލްޢައްލާމާ ސައްޔިދު ޒައިނީ ދަޙްލާން ފަދަ މަޝްހޫރު ބޭބޭފުޅުން އަރިހުން އުނގެނިވަޑައިގަތެވެ.

ހުސައިން ސަލާހުއްދީން: އޭނާ ބަންޑާރަނައިބު ކަމަށް އިސްކުރެވުނީ 18 އަހަރުގައި --
ރަދުން ހާޖީ އިމާދުއްދީން ދިވެހި ދައުލަތުގެ ބަންޑާރަނައިބު ކަމަށް ސަލާހުއްދީން އިސްކުރެއްވީ 18 އަހަރުގައެވެ.
އެކަމަކު، ސަލާހުއްދީންގެ އިލްމުގެ ކަނޑުގެ ފުންމިން އަދި އޮތީއެވެ.
ޙައްޖުގެ ދަތުރުފުޅަށް ފަހު އެނބުރި ވަޑައިގެން އިލްމު ފެތުރުއްވުމުގެ މަސައްކަތް ފެއްޓެވިއެވެ. މުޅިން އަމިއްލަފުޅުންނެވެ. ހާލުންނެވެ. ދަރަވަންދޫގޭގައްޔާއި، ޓަކިބެ މިސްކިތުގައްޔާއި ބައެއް ފަހަރު ބަގީޗާގޭގައި ވެސް ކިލާސްތައް ހައްދަވައިގެން އިލްމު ފެތުރުއްވިއެވެ.
އިލްމު ފެތުރުއްވުމަށް ސަލާހުއްދީން ކުރެއްވި މަސައްކަތުން މަދަރުސަތުއް ޞަލާޙިއްޔާގެ ނަމުގައި މަދަރުސާއެއް ހުޅުވިއެވެ. އެއީ، 1927 ގައި ރާއްޖޭގައި ހުޅުވުނު ފުރަތަމަ މަދަރުސާއެވެ. މިހާރުގެ ނަމުން ނަމަ މަޖީދިއްޔާ ސްކޫލެވެ.
ސަލާހުއްދީންގެ އިލްމުގެ ބަގީޗާއިން ފޮޅުނު ގުލްދާސްތާތަކުގެ ތެރޭގައި، އައްސައްޔިދު އަލްމަރްޙޫމް ބޮޑުފެންވަޅުގޭ ސީދީ، އަލްއުސްތާޛު އަލްމަރްޙޫމް އަޙްމަދު ކާމިލު ދީދީ، އަލްފާޟިލް އަލްމަރްޙޫމް ޙުސައިން ޙިލްމީ ދީދީ، އައްސައްޔިދު އަލްމަރްޙޫމް ޢަބްދުލްޤައްޔޫމް ދޮންސީދީ، އައްޝައިޚް އަލްމަރްޙޫމް މަލިމް މުޙައްމަދު ދީދީއާއި، އައްޝައިޚް އަލްމަރްޙޫމް އިބްރާހީމް މަލިމް މޫސާ ކަލޭފާނު ހިމެނެއެވެ.
އެކަމަކު، ސަލާހުއްދީން ޖީލުތަކަށް ދޫކުރެއްވި ހަމައެކަނި ހަދިޔާއަކީ އިލްމުވެރި ދަރިފަސްކޮޅެއް ނޫނެވެ.

ސަލާހުއްދީން (މ): މިއީ ޙައްޖުގެ އަޅުކަން އަދާކުރައްވަން ކުރެއްވި ދަތުރުފުޅުގެ ތެރެއިން ނެންގެވި ފޮޓޯއެއް --
"އަހަރެމެން ދިވެހީންނަކީވެސް ކިތަންމެ ޤައުމު މަދުވެފައި، ރާއްޖެ ކުޑައަކަސް އެންމެން އިސްލާމްވެ، އެކަލޭގެފާނުގެ މާތް ދީނުގައި ފައިތިލަ ސާބިތުކޮށްގެން އުޅޭތާ އަށެއްކަ ސަތޭކަ އަހަރު ވެއްޖެ ބައެކެވެ. މިބައިމީހުންގެ މެދުގައި ކިތަންމެ ކުޑަ މިންވަރަކަށް ނަމަވެސް، އިތުރު އެކަލޭގެފާނުންގެ ސިޔަރަތެއް މިބައިމީހުން މޮށެއުޅޭ ދިވެހިބަހުން ލިޔެވިގެންނެއް ނުވެއެވެ. އެންމެންނަކަށް ބޭރު ބަސްބަސް އުނގެނިގެން މިފަދަ ކަމެއް ދެނެގަތުމެއް ތަނަވަސް ވެގެންނެއް ނުވާހުއްޓެވެ. މިކަމަށްޓަކައި މި ރާއްޖޭގައި ޢަރަބި ކަލާމް އުނގެނިގެން ތިއްބަވާ ބެއިކަލުންގެ މައްޗަށް އިތުރު އެކަލޭގެފާނުންގެ ސިޔަރަތު ކޮންމެވެސް މިންވަރަކަށް ދިވެހިބަހަށް ތަރުޖަމާ ކުރެވުމީ ކިފާޔަތުގެ ފަރުޟެއް ކަމުގައި ނޫނީ ނިކަމެތި އަޅާއަކަށް ނުފެނެއެވެ. މިހެންވެގެން، މި ނިކަމެތި އަޅާއަށް މާތް ދޭވަތާއިންގެ ފަޟްލުވަންތަކަމުން ޢަރަބި ކަލާމުން ކޮންމެވެސް ހިސާބަކަށް އަންގަވައިފައި ވާތީވެ، މި ފަރުޟު އަދާކުޅައުމުގެ ތައުފީޤް ދެއްވަތްތޯ އެސުވާމީންގެ ކިބައިން އެދި ދުޢާކުރާތާ އެތައް ދުވަހަކަށްފަހު، މިކަމަށް ފަށައިފީމެވެ،" ރޯދަމަހުގެ ކޮންމެ ދުވަހަކު އަދިއަދަށް ވެސް ގެނެސްދޭ ކީރިތި މާތް ރަސޫލާގެ ސިޔަރަތު ލިޔުއްވިއިރު 1937 ވަނަ އަހަރު އެ ސިޔަރަތުގެ ދީބާޖާގައި ސަލާހުއްދީން ލިޔުއްވާފައިވެއެވެ.
ސަލާހުއްދީންގެ ފަށުއި ބަސްފުޅުތަކުން، ތާޒާ އިބާރާތްތަކުން ލިޔުއްވި ސިޔަރަތު އަދިވެސް ކޮންމެ ރޯދައެއްގައި އިވިއިވި އެ ހުންނަނީ ހާޖަރާ މުހައްމަދު ތައުފީގު (ތަޅަމުދިގޭ ތައުފީގު)ގެ އަޑުފުޅުންނެވެ.
ސަލާހުއްދީންގެ އިލްމުގެ ކަނޑުގެ އަޑިއަށް މި ފީނުނީއަކީ ނޫނެވެ. މި ފެށުނީއެވެ. އެއީ، އަދީބެއް، އުސްތާޛެއް، ޝާއިރެއް ވެސް މެއެވެ.
ދޮންބީފާނު ވާހަކައާއި، ނުޢުމާން ވަ މަރްޔަމްގެ ވާހަކައާއި، ބޮޑުތަކުރުފާނު ވާހަކައާއި، ޝައިޚް ޒުބައިރު ފަދަ ފޮތްފޮތުގެ ސަފުހާތަކުގައިވާ ބަސްކޮށާރުގެ މުއްސަނދިކަމާއި ބަސްފުޅުތަކުގެ ފަށުއިކަމުން ބަހުގެ އުސޫލުތަކާއި އަދަބީ އުންސުރުތައް ދެނެގަންނަން ލުއިވެފައި ފަސޭހައެވެ. ދިވެހިބަހުގެ ފަށުއިކަމާއި ފަރިތަކަން ކިޔައިދެއްވާ ފަދައެވެ. އެއީ، އަދަބީ ގުލްޝަނުގައި ފަތިހުގެ ތަރިއެވެ.

ހުސައިން ސަލާހުއްދީން --
"ޒަމާނަށް ހެއިނުލާ ތިބެގެން އަމާނެއް ލިބިނެތޭ ދާކަށް
ކަމާއިބަހާ މި ދުނިޔޭގައި ހިނގާމަގު ވިސްނަވަން ވާނޭ
ނެތޭ މޮޅު އެއްކަމެއް ލިބިފައި އަބުރުވެރިއަކު ކަމަށް ވެވިފައި
ތިމާގެ މަސައްކަތުން ނޫނީ ދިމާއަށް ބާރު ލިބިދާނޭ"
މިހެން ވިދާޅުވެފައި ދެން ވިދާޅުވަނީ:
"ބޮއިގެންނެ ބޮނޑިތަކެއް މި އިންސާނާ ކުރިއަށް ދަނީ
ފޮއިދަށުގައި ޗިސްވެގެންނެ ހީނާފަތަށް ކުލަ އަންނަނީ"
މިއީ ސަލާހުއްދީންގެ ދަރުސެކެވެ. ޅެންވެރިކަމުގެ ބަގީޗާއިން އެންމެ މަލެކެވެ.
ދިވެހީންގެ މަސައްކަތްތެރިކަން ގެއްލި، ހީވަގިކަން ކެނޑި، ކަންނެތްވަނީ ކަމަށް ސަލާހުއްދީނަށް ފެނިވަޑައިގަތީމާ ޅެންބަހުން އެ ވާހަކަ ވިދާޅުވީ ވެސް ފަށުއިކަމާއި ސާދާކަމާ އެކެވެ.
"މާމުޔާ ގިތެޔޮ އުޑުން ވެހިވެހި ވާރޭކަމުގައި
ކާނެވަރަކަށް ކެއުމަށް ވާނަމައޭ ހަމަރަނގަޅީ
ކަނޑުވެ ޝަރުބަތުކަމުގައި ވެލިވެ މުޅިން ހަކުރުކަމަށް
މަޑުވެ ފައުރޮށިކަމުގައި ފަރުބަދަތައް ވާނަމަ ރަނގަޅީ
ކަންނެތެއްކަމަކު އަޖައިބެއްފަދަ ކަންނެތްކަމުގައި
ވަންހަ ނިމިދާއިރުވެސް ސޮހޮލުވެ ތިބުމޭ ރަނގަޅީ"
އެކަމަކު، ބަހަށް ދިރުން ގެނުވި ޅެންތައް އެކަންޏެއް ނޫނެވެ. ރައިވަރުތަކުން އެތައް ނަސޭހަތެއް ވެސް ދެއްވިއެވެ.
"ދާވި ބަބުޅާއެކީ
ޢާލަމަށް ނަތްތެރި މިޒީ
ތާޖެކޭ ބުގެ ހެއުނަސީ
ޗާލު އަދަބުގެ ލިބުނުމީ
ގާށައަން މި ބުނަނީ ލުންއަ
ހާށެ ކޮޔާ އުފަލުންއަ"
އެ ނަސޭހަތްތެރި ރައިވަރުން ނިންމަވައިނުލައްވައެވެ. ސަލާހުއްދީން ކަންބޮޑުވެވަޑައިގަތެވެ. އެ ނަސޭހަތްޕުޅާ އެކު ސަލާހުއްދީން ލިޔުއްވާފައިވަނީ މިހެންނެވެ.
"ދިވެހީންނަށް، ބޭރު ރަށްރަށުގައި ލިބި އޮތް އެންމެ ޤަދަރުހުރި ކަންފުޅަކީ، އެތައް ޒަމާނަކުއްސުރެ މިއޮތް ކުޑަ ދެރަ، މީސްކޮޅު މަދު ދައުލަތް، މިއޮތް ދަތި ޒަމާނުގައި، އަމިއްލަކަންމަތީގައި އިސްލާމްދީން ހިފަހައްޓައިގެން މުސްތަޤިއްލު ވެރިކަމެއް ކުރާން ތިބޭކަމެވެ.
މިކަމަށް އެންމެން އުފާވެއެވެ. ޢަޖައިބުވެސްވޭމެއެވެ. މިކަން ނެތެނިކޮށް ދިވެހީންނަކީ، އެއްވެސް ބަޔެއް ނޫންކަމަށް ވެދާނެއެވެ. މިއީ ކުޑަ ނިޢުމަތެއް ނޫނެވެ."
މީގެ 77 އަހަރު ކުރިން ސަލާހުއްދީން އަބަދުގެ އަބަދަށް ވަކިވެވަޑައިގެން ނަމަވެސް، އެ އިލްމުވެރިކަމުގެ ކަނޑުން ފެން ބޮއެބޮއެ އެތައް ޖީލެއްގެ އިލްމުވެރިން އަދިވެސް އެ ތިބީއެވެ. އެ ބަގީޗާއިން އެތައް ޖީލަކަށް އެ ފޮޅުވައިދެނީ އެތައް ގުލްދަސްތާއެކެވެ.
ސަލާހުއްދީންގެ އިލްމީ ބަގީޗާއިން ލިއްބައިދޭ ދަރުސްތަކަށް ނިމުމެއް ނެތެވެ.