އިންޑިއާގެ އެންމެ މަޝްހޫރު އެއް ކްރިކެޓް ޓީމުކަމުގައިވާ މުމްބާއި އިންޑިއަންސްގެ އޮފިޝަލް ޓޫރިސްޓް ޑެސްޓިނޭޝަން ޕާޓްނަރުގެ ގޮތުގައި ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ހަމަޖައްސައިފިއެވެ.
އެމްއެމްޕީއާރުސީން ބުނީ މިއީ ވިޒިޓް މޯލްޑިވްސްއިން އިންޑިއާއަށް އަމާޒުކޮށްގެން ހެދި މިފަދަ ފުރަތަމަ ޕާޓްނާޝިޕް ކަމަށެވެ. އަދި މި ޕާޓްނާޝިޕްގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް އެންމެ މުހިންމު އެއް މާކެޓުގައި ރާއްޖޭގެ މަގާމު އިތުރަށް ހަރުދަނާވެގެން ދާނެކަމަށް އެމްއެމްޕީއާރުސީއިން ބުނެއެވެ.
ދުނިޔޭގެ ދެވަނައަށް އެންމެ މަގުބޫލު ކުޅިވަރު ކްރިކެޓަކީ ޑިސްޕޯސަބަލް އިންކަމް ބޮޑު އޯޑިއަންސްއެއް ލިބިފައިވާ ކުޅިވަރެއްކަމުން މި ޕާޓްނާޝިޕަކީ އިންޑިއާގެ އިތުރުން ބައިނަލްއަގްވާމީ ފަތުރުވެރީންގެ މެދުގައި ރާއްޖޭގެ ބްރޭންޑް ހަރުދަނާކުރުމަށް އަޅާ ފިޔަވަޅެއް ކަމަށް އެ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.
ފަސް އަހަރު ދުވަހު ޗެމްޕިއަންކަން ހޯދާފައިވާ މުމްބާއީ އިންޑިއަންސްއަކީ އިންޑިއާގެ އެންމެ ކާމިޔާބު އަދި އެންމެ އަގުހުރި ފަރެންޗައިޒް ކްރިކެޓް ޓީމު ކަމަށްވާއިރު، އިންޑިއާއަކީ ރާއްޖޭގެ ޓޮޕް ސޯސް މާކެޓަށް ވުމުން މި ޕާޓްނާޝިޕަކީ އިންޑިއާއިން އަންނަ ފަތުރުވެރީންގެ އަދަދު އިތުރުކޮށް އިންޑިއާގެ އެކި ސިޓީތަކުން ފަތުރުވެރިން އިތުރުކުރަން އުފެއްދޭނެ ޕާޓްނާޝިޕެއް ކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ.
އެ ކޯޕަރޭޝަނުން ބުނީ މި އަހަރު އިންޑިއާއިން 200،000 ފަތުރުވެރީން ގެނައުމަށް ކަނޑައަޅާފައިވާ އަމާޒަށް ވާސިލްވުމަށް ވެސް މި އެއްބަސްވުން ވަރަށް މުހިންމު ދައުރެއް އަދާކުރާނެ ކަމަށެވެ. މި ޕާޓްނާޝިޕްގެ ތެރެއިން ޑިޖިޓަލް ޕްރޮމޯޝަންތަކާއި އޮންގްރައުންޑް އެކްޓިވޭޝަންތަކާއި ރާއްޖެއަކީ އެންމެ މަގުބޫލު ލަގްޒަރީ ޓްރެވަލް މަންޒިލްގެ ގޮތުގައި ޝައުގުވެރި ކެމްޕޭންތަކެއް ފަށާނެ ކަމަށް އެމްއެމްޕީއާރުސީން ބުންޏެވެ.
މިކަމާ ގުޅިގެން މުމްބާއީ އިންޑިއަންސްގެ ތަރުޖަމާނު ބުނީ ކްރިކެޓާއި ޗުއްޓީއަކީ އުމުރު ދުވަހަށް ދެމިގެންދާ ހަނދާންތައް ހޯދައިދޭ ކަންތައްތަކެއް ކަމަށެވެ. އަދި ވިޒިޓް މޯލްޑިވްސްއާއެކު ހެދި މި ޕާޓްނާޝިޕާއެކު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ސަޕޯޓަރުންނަށް ރާއްޖެ ދައްކާލުމަށް ތައްޔާރަށް ތިބިކަމަށް އޭނާ ވަނީ ބުނެފައެވެ.
އިންޑިއާއަކީ 2021ވަނަ އަހަރާއި 2022ވަނަ އަހަރާއި 2023ވަނަ އަހަރު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި ގައުމެވެ. އެ ގައުމުން އަހަރެއްގެ މައްޗަށް ދެ ލައްކައަށް ވުރެ ގިނަ ޓޫރިސްޓުން ވަނީ ރާއްޖެ ޒިޔަރާތް ކޮށްފައެވެ.
ނަމަވެސް 2023 ވަނަ އަހަރުގެ ފަހުކޮޅު އިންޑިއާ މާކެޓު ވަނީ ދަށަށް ދާން ފަށައިފައެވެ. އެފަހުން 2024 ވަނަ އަހަރު ފެށުނުއިރު އެއްވަނަ މާކެޓެއްގެ ގޮތުގައި ރަޝިއާ އޮތުމަށްފަހު، ޗައިނާއިން ވަނީ ކުރި ހޯދައިފައެވެ. އަދި އަހަރު ނިމުނީ ވެސް ޗައިނާ މާކެޓު އެއްވަނައިގައި އޮވެގެންނެވެ.
މިއަހަރު ފެށުނުއިރު އިންޑިއާ މާކެޓު އޮތީ ފަސްވަނައިގައެވެ. ނަމަވެސް ޖެނުއަރީ 11ގައި އިންޑިއާގެ މާކެޓު ވަނީ ހަވަނައަށް ވެއްޓިފައެވެ. އިންޑިއާ މާކެޓު ހަވަނައަށް ވެއްޓުނީ އަހަރު ފެށުނުއިރު ނުވަ ވަނައިގައި އޮތް ޗައިނާގެ މާކެޓު ކުރިއަށް ޖައްސާލައި ފަސް ވަނައަށް އެރުމުންނެވެ. އެއަށްފަހު ޖެނުއަރީ މަހުގެ 26 ހިސާބުގައި ޗައިނާ ވަނީ އެއްވަނަ މާކެޓަށް ވެފައެވެ. މިއަދާ ހަމައަށްވެސް ޗައިނާ އޮތީ އެއްވަނަ މާކެޓުގެ ގޮތުގައެވެ.
ޓޫރިޒަމް މިނިސްޓްރީން އެންމެ ފަހުން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ ހަފުތާގެ އަންގާރަ ދުވަހުގެ ނިޔަލަށް އިންޑިއާއިން ރާއްޖެއަށް އައިސްފައި ވަނީ 23،823 ފަތުރުވެރިންނެވެ.
އެހެންކަމުން ސަރުކާރުން ވަނީ އިންޑިއާ މާކެޓު ވަރުގަދަކުރަން މަސައްކަތްތަކެއް ފަށައިފައެވެ.
އިނގިރޭސިވިލާތުގެ މަޝްހޫރު ފުޓުބޯޅަ ކްލަބު، ލިވަޕޫލުގެ ރަސްމީ ޓޫރިސްޓް ޑެސްޓިނޭޝަން ޕާޓްނަރަކަށް ވެސް އެމްއެމްޕީއާރުސީ ވަނީ ދާދިފާހުން ހަމަޖައްސައިފައެވެ.