ދިވެހި ފިލްމީ ދާއިރާގައި ވަރަށް ބައިވަރު ހުނަރުވެރިން އެބަ ތިއްބެވެ. އެކަމަކު މޫމިން ފުއާދު މިއީ އަދި މުޅިން އެހެން ލެވެލް އެކެވެ.
އެކަމަކު މި ވާހަކަ އަދި އިހަށް ބާއްވާލާފައި، އޭނާ އެންމެ ދައްކާ ހިތްވާ ވާހަކައިން ފަށަމާ ހިނގާށެވެ. އެއީ ނޭނގުމުގެ ވާހަކައެވެ. ތިމާ އަށް ހަމަ އެއްވެސް ކަމެއް ނޭނގޭކަން ތިމާގެ އަމިއްލަ ނަފުސަށް އިހުސާސުވި ތަޖުރިބާތަކުގެ ވާހަކައެވެ. އިންޓަވިއުތަކުގައި އޭނާ އަބަދުވެސް އެންމެ ޝައުގުވެރިކަމާ އެކުގައި ކިޔައިދިން ވާހަކަ އަކީ ވެސް މިއެވެ.
ތަފާތު ފިލްމުތަކެއް ލިޔެ ޑައިރެކްޓްކޮށްގެން ޝަރަފްވެރި އެތައް އެވޯޑެއް ހާސިލުކޮށްފައިވާ ޑައިރެކްޓަރުގެ މި ކާމިޔާބު ދަތުރުގެ އެންމެ އަސާސީ ބިންގަލަކީ މިއެވެ.

މޫމިން ފުއާދު ފިލްމެއްގެ ޑައިރެކްޝަން މަސައްކަތުގައި--
"މި ދަތުރުގައި އަޅުގަނޑަށް ލިބުނު އެންމެ އުފާވެރި ޚަބަރަކީ އެއީ، އަމިއްލަ ނަފްސު ދިން އެ ޚަބަރަކީ، (އަޅުގަނޑަށް ހުރިހާ ކަމެއް) ނޭނގޭކަން އެނގުން. ހުރިހާ މޮޅެއް ނޭނގުން. މީހަކަށް ނުވެސް އެނގޭނެ. އެއީ އަޅުގަނޑު ޤަބޫލުކުރާ ގޮތަކީ ވެސް،" ހޭލާ އާއި ލޫދިފާ އަދި ހެޕީ ބާތު ޑޭ ފަދަ ކާމިޔާބު، ބޮޑެތި ފިލްމުތައް ލިޔެ ޑައިރެކްޓްކޮށްފައިވާ މޫމިން ކިޔައިދިނެވެ.
"ނޭނގޭތީވެ އެކަން އެނގުމަށްޓަކައި، ކަންކަން ހޯދުމަށްޓަކައި ހުރޭ ވަރަށް ބޮޑު ޝައުޤުވެރިކަމެއް. އެގޮތުން މިހާތަނަށް ބައިވަރު މަސައްކަތްތަކެއް ކުރެވިއްޖެ. ފިލްމުތައް ހެދިއްޖެ. ސީރީޒް ވެސް ހެދިއްޖެ. އެކަމަކު މި މަސައްކަތުގައި އަދިވެސް، ހަމަ ކޮންމެ ދުވަހަކީ، މަށަށް އާ ދުވަހެއް"
"ހަމަ ކޮންމެ ވަގުތުކޮޅަކީ އާ ވަގުތުކޮޅެއް."
މޫމިން އެ ކިޔައި ދިނީ ކިހައި އިންސްޕަޔަރިން އަދި ކިހައި ބޮޑު ހަގީގަތެއްގެ ވާހަކަ ހެއްޔެވެ؟ މޫމިން ފުއާދުގެ ފިލްމުތައް ދިވެހި އެހެން ފިލްމަތަކަށް ވުރެ ތަފާތުވެފައި، ހުރިހާ ގޮތަކުން ވެސް މޮޅުވާ ސަބަބު އެ އޮތީ އޭނާގެ މި ވާހަކައިގައި ވަރަށް ސާފުކޮށް ކިޔައިދީފައެވެ.

މޫމިން ފުއާދު ފިލްމެއްގެ ޑައިރެކްޝަންގެ މަސައްކަތުގައި--
ކުރުކޮށް ބުނަނީ ނަމަ، މޫމިން ފުއާދަކީ އެއްވެސް އިރަކު 'މަމޮޅޭ ހެދިގެން' ރަށު ތެރޭގައި އުޅުނު ފިލްމު ޑައިރެކްޓަރެއް ނޫނެވެ.
މިއީ ހަގީގަތުގައި ވެސް އެހެން ދިވެހި ފިލްމު ޑައިރެކްޓަރުންނާ މޫމިން ވަކިކޮށް، ގެންގޮސް އެހެން ހަރުފަތެއްގައި ބައިންދައިދޭ ސިފައެކެވެ. ފިލްމީ ދާއިރާ އިން މަދުން ނޫނީ ނުފެންނަ ޒާތުގެ ސިފަ އެކެވެ.
ބިސްމި ކިޔާފައި އަލަށް ވެސް އޭނާ ލިޔުނު 'ލިޔުމަކީ' ގައުމީ ފިލްމު އެވޯޑްސްގައި 2008 ވަނަ އަހަރު ޝަރަފްވެރި ފަސް އެވޯޑް ކާމިޔާބުކުރި ދިވެހި ފިލްމު 'ހޭލާ'އެވެ. އެ ފިލްމަށް އޭނާ ލިޔުނު ސްކްރިޕްޓަކަށް އެފަހަރުގެ އެންމެ މޮޅު ސްކްރިޕްޓެކެވެ.
"އެއީ އެގޮތަށް އަޅުގަނޑު ލިޔުނު ފުރަތަމަ ސްކްރިޕްޓް. އޭގެ ކުރިން މަޒުމޫނެއް ވެސް ވާހަކައެއް ވެސް ލިޔުނު މީހެއް ނޫން އަޅުގަނޑަކީ. ސްކޫލްގައި އުޅުނުއިރު ވެސް އެކަހަލަ އެއްވެސް ކަމެއްގައި ނޫޅެން،" ފިލްމު ޑައިރެކްޓަރެއްގެ ދަތުރު ފެށުނު ގޮތް ކިޔައިދެމުން މޫމިން ބުންޏެވެ.
އޭނާގެ އެ ފިލްމަކީ ބެލުންތެރިންގެ މެދުގައި މާ ބޮޑު ސަމާލުކަމެއް އޭރު ނުލިބުނަސް، ފިލްމީ ދާއިރާގެ އެތެރޭގައި ލޮޅުންތަކެއް އަރުވާލި މަސައްކަތެކެވެ. ސަބަބަކަށްވީ ދިވެހި ފިލްމުތައް އުފައްދާ އާންމު އުސޫލުތަކާއި ވިސްނުންތަކާއި އުކުޅުތަކާ މުޅިން ބީރައްޓެހި ފިލްމަކަށް މޫމިން އާއި (ޑާކް ރެއިން އެންޓަޓެއިންމަންޓްގެ މިހާރުގެ ޑައިރެކްޓަރު) އަލީ ޝިފާއުގެ އެ ފިލްމު ވުމެވެ.
މިސާލަކަށް އެ ފިލްމުގައި 'ހޭންޑް ހެލްޑް ކެމެރާގައި ނަގާފައިވާ' ގިނަ މަންޒަރުތަކެއް ހުރުމުން 'އެއީ ދެން މީހުން ފިލްމު ހަދާ ގޮތް ހެއްޔޭ' ކިޔާފައި ވެސް ބައެއް މަޝްހޫރު ދިވެހި ޑައިރެކްޓަރުން އެ ފިލްމަށް ފާޑުކިޔާފައި އެބަހުއްޓެވެ.
ކޮންމެއަކަސް ފިލްމީ ދާއިރާގެ އެތެރެއިން އޭނާގެ ހުނަރުވެރިކަމަށް ކިތަންމެ ގަލެއް އުކިޔަސް، އޭނާ ލިޔެ ޑައިރެކްޓްކުރަން ފެށި ދިވެހި ފިލްމުތައް އެއީ ދުނިޔެ ބަލައިގެންފައިވާ 'ފިލްމު ލެންގުއޭޖުގެ އަސްލު ސިފަތައް' ފައުޅުވާން ފެށި ފުރަތަމަ ދިވެހި ފިލްމުތަކޭ ވެސް ބުނެވިދާނެއެވެ. – މޫމިންގެ ފިލްމުތައް ދިވެހި އެހެން ފިލްމުތަކަށް ވުރެ ތަފާތުވެފައި މޮޅުވާން ފެށި އެންމެ ބޮޑު ހަގީގަތަކީ މިއެވެ.
އެއް ވަނަ ދުނިޔޭގެ ފިލްމުތަކުން ފެންނަ 'ފިލްމު ލެންގުއޭޖު' ނުވަތަ 'ވިޝުއަލް ސްޓޯރީޓެލިން' ގެ އުކުޅުތައް ދިވެހި ސިނަމާ އަށް ތައާރަފްކޮށްދިން ޑައިރެކްޓަރަކީ ޔަގީނަށް ވެސް މޫމިން ފުއާދެވެ. 'ހޭލާ' ގެ ވާހަކަ ބާއްވާފައި، މިސާލަކަށް 'ލޫދިފާ' ނަގަމާ ހިނގާށެވެ. އޭނާ މީގެ 15 އަހަރު ކުރިން ގެނެސްދިން އެ ފިލްމަކީ މިއަދު ވެސް ދިވެހި ފިލްމު އާކައިވުން ހުނިޖަހާލާފައި ނެގޭނެ އެންމެ މޮޅު ދިވެހި ފިލްމެވެ.
'ލޫދިފާ' އަކީ މޫމިންގެ ހަގީގީ މާސްޓަޕީސްއެވެ. އަދި އެއީ ފިލްމު ލިޔެ ޑައިރެކްޓްކުރުމުގައި ބެލުންތެރިންނާއި މުޅި ފިލްމީ ދާއިރާ އަށް އޭނާ ނަގައިދިން މާސްޓަކްލާހެކެވެ. ވަކިން ހާއްސަކޮށް އޭނާ އެ ފިލްމަށް ލިޔުނު 'އިންޓަލޮކިން ސްޓޯރީލައިނެއް' ހިމެނޭ ސްކްރިޕްޓަކީ ހަގީގަތުގައި ވެސް 'ވޯލްޑް ކްލާސް' ސިފަ އޭގައި ޖެހިފައިވާ މަސައްކަތެކެވެ.
މޫމިންގެ އެ ފިލްމަށް ވަނީ ރާއްޖޭގެ އެންމެ ޝަރަފްވެރި އެވޯޑްތައް ލިބިފައެވެ. އަދި މި ސަރަހައްދުގެ ގައުމުތައް ތަމްސީލުކުރާ ސާކް ފިލްމު ފެސްޓިވަލްގެ ސަމާލުކަމާއި އެވޯޑް ވެސް ލިބިފައެވެ. ނަމަވެސް މޫމިން އަކީ 'މަމޮޅޭ ހެދިގެން' އެއްވެސް އިރެއްގައި ރަށު ތެރޭގައި އުޅުނު އަދި އުޅޭނެ ޑައިރެކްޓަރެއް ވެސް ނޫނެވެ.
މޫމިންގެ ހުނަރުވެރިކަމާއި އޭނާގެ އާދަޔާހިލާފު މަސައްކަތްތަކަށް ގިނަ ދިވެހި ބެލުންތެރިން އަދިވެސް ބީރައްޓެހީ ފަހަރުގައި މި ސަބަބާ ހެދި ކަމަށް ވެދާނެ އެވެ. އަދި އޭނާ އަނެއްކާވެސް އާ ފީޗާ ފިލްމެއް އޮލިމްޕަހަށް ގެނައުމުގެ ތައްޔާރީތައް ފަށައިގެން އުޅޭއިރު، މޫމިންގެ މަސައްކަތެއްގައި ހުންނާނެ ކޮލިޓީ އަށް މުޅި ގައުމު އަހުލުވެރިކޮށް ހޭލުންތެރިކުރަން ޖެހިފައި މި އޮތީ ވެސް އެހެންވެގެންނެވެ.
އެންމެ މޮޅު ދިވެހި ފިލްމު ހަދަނީ ތިމަންނާއެކޭ މޫމިނެއް ދުވަހަކުވެސް ނުބުނާނެއެވެ. އެކަމަކު އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ދިވެހި ސިނަމާގެ މިއަދުގެ ހަގީގަތަކީ މިއެވެ. އަދި ވަކިން ހާއްސަކޮށް، ކްރިއޭޓިވް ފުރިހަމަ ފްރީޑަމް ލިބިގެން އޭނާ ފިލްމެއް ހަދާ ނަމަ އެ ފިލްމެއް ބޮޑުތަނުން ތަފާތުވާނެއެވެ.
މިސާލެއްގެ ގޮތުގައި އަޅުވާކިޔާ ނަމަ، 'ހޭލާ' އާއި 'ލޫދިފާ' އަކީ ކްރިއޭޓިވް މިނިވަން ޖައްވެއްގައި އޭނާ އުފެއްދި ދެ ފިލްމެވެ. އަދި 'ހެޕީ ބާތު ޑޭ' އާއި 'ނިވައިރޯޅި' އަކީ ތަންކޮޅެއް އެ ފިލްމުތަކުގެ ޕްރޮޑިއުސަރުންގެ ނުފޫޒު އެއަށް ވަދެފައިވާ ފިލްމުތަކެވެ. އަދި މި ހަތަރު ފިލްމު ބެލި މީހުންނަށް މި ހަގީގަތް ވަރަށް ރަނގަޅަށް ފާހަގަ ވެސް ކުރެވޭނެއެވެ.
އެހެންކަމުން ކުރިއަށް އޮތް ފިލްމަކީ އަނެއްކާވެސް ކްރިއޭޓިވް މިނިވަން ޖައްވެއްގައި އިނދެ މޫމިން ލިޔެ ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. އެ ފިލްމުގެ ނަމަކީ 'އަބަދަށް' އެވެ.
'ލޫދިފާ' ގެނެސްދިން ޕްރޮޑިއުސަރު ހުސެން ނޫރައްދީންގެ ނޫރު އެން މޫވީޒްގެ ބެނާގެ ދަށުން މި ފިލްމު އޮލިމްޕަހުގައި ޕްރިމިއާކުރަން ހަމަޖެހިފައި ވަނީ އަންނަ އެޕްރީލް މަހުގެ 28 ވަނަ ދުވަހުއެވެ.