ޝޯއެއް ހެދުމުގެ ނަމުގައި ނެޓްފްލިކްސްއިން 11 މިލިއަން ހޯދި މީހަކު ހައްޔަރުކޮށްފި

އެންމެ ބޮޑު ސްޓްރީމިން ސާވިސް ކަމަށްވާ ނެޓްފްލިކްސްއަށް ޝޯއެއް ހެދުމަށްޓަކައި އެ ކުންފުނިން 11 މިލިއަން ޑޮލަރު ނަގައި އެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރި އެމެރިކާގެ ޑައިރެކްޓަރަކު ހައްޔަރުކޮށްފިއެވެ.

އެމެރިކާގެ ޑައިރެކްޓަރެއް ކަމަށްވާ އެރިކް ރިންޝް ވަނީ ސައިފައި ޝޯއެއް ހެދުމަށް މަސައްކަތް ކުރާނެ ކަމަށް ބުނެ ނެޓްފްލިކްސްއިން 11 މިލިއަން ޑޮލަރުގެ ބަޖެޓެއް ހޯދާފައެވެ. މީގެކުރީން ބޮޑެތި ތަރިންނާއެކު މަސައްކަތް ކޮށްފައިވާ އެރިކް އެ ފައިސާ ހޯދި ނަމަވެސް ނެޓްފްލިކްސްއަށް ޝޯއެއް ލިބިފައި ނުވެއެވެ.

އެކަމާ ގުޅިގެން އެރިކް ވަނީ މި ހަފުތާގައި ހައްޔަރު ކޮށްފައެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ނެޓްފްލިކްސް ފައިސާ ބޭނުންކޮށްގެން ކްރިޕްޓޯކަރަންސީ ވިޔަފާރި ކުރަން އުޅުނު މައްސަލައަކާ ގުޅިގެންނެވެ. ކްރިޕްޓޯކަރަންސީ އިންވެސްޓްމެންޓްތަކާއެކު އަގުބޮޑު ފެރާރީއާއި ރޯލްސް ރޮއިސްތަކެއް ވެސް އޭނާ ވަނީ ގަނެފައެވެ.

ފުލުހުން އޭނާ ހައްޔަރުކޮށްފައިވާއިރު އޭނާގެ މައްޗަށް އުފުލާފައިވަނީ މަނީ ލޯންޑަރިންގެ ދައުވާއެވެ. މިކަމާ ގުޅިގެން ނެޓްފްލިކްސް އިން އަދި ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.

ރިޕޯޓުތަކުގައިވާ ގޮތުން އެރިކް ތައްޔާރުކުރަމުން ދިޔަ ޝޯއެއް ކަމަށްވާ "ވައިޓް ހޯސް" އެންމެ ފުރަތަމަ ކުންފުންޏަކުން ގަންނަން އުޅުނެވެ. އެއީ 44 މިލިއަން ޑޮލަރަށެވެ. ނަމަވެސް ނެޓްފްލިކްސްއަށް ދިނުމުގެ ކުރީން ޝޯ ނިންމަން ބޭނުންވާ ކަމަށް ބުނެ ނެޓްފްލިކްސްއިން އެރިކް ވަނީ 11 މިލިއަން ހޯދާފައެވެ. އެކަމަކު އެތައް ދުވަހެއް ވި އިރުވެސް މި ޝޯއެއް ނުނިމުނެވެ. އެއަށްފަހު ފައިސާއަށްވީ ގޮތް ވެސް ނޭނގުނެވެ. އެހާ ހިސާބުން ފައިސާއަށް ވީގޮތެއް ހޯދަން އުޅުމުގެ ތެރޭގައި މައްސަލައިގެ ހަގީގަތް އެނގުނެވެ.

comment ކޮމެންޓް