ޑިޒްނީގެ ކްލެސިކް ކެރެކްޓަރު "ސްނޯ ވައިޓް"އަށް ބިނާކޮށް އުފައްދާ ލައިވް އެކްޝަން ފިލްމުގެ ލީޑު އެކްޓަރު ރޭޗަލް ޒެގްލާގެ އެކްޓިންއަށް ތަރުހީބު އޮހެން ފަށައިފިއެވެ.
ޑިޒްނީގެ ސްނޯ ވައިޓްގެ ފިލްމު އާންމުންނަށް ރިލީޒްކުރުމުގެ ކުރީން މީޑިއާތަކަށް ފިލްމު މިހާރު ވަނީ ދައްކަން ފަށާފައެވެ. އެއާއެކު ކްރިޓީކުންގެ ރިވިއުތައް އަންނަނީ ފިލްމަށް ލިބެމުންނެވެ.
ފިލްމާ ގުޅޭގޮތުން ތަފާތު އެކި ވާހަކަތަކެއް މީގެ ކުރީން ދެކެވިގެން އައި ނަމަވެސް އެންމެ ގިނައިން މިފަހަރު ދެކެވެމުން އަންނަނީ ރޭޗަލްގެ ވާހަކައެވެ.
މީގެކުރީން ރޭޗަލް ހުރި ގޮތަށް ފާޑު ކިޔަމުން ދިޔަ ނަމަވެސް ކްރިޓީކުންގެ ފަރާތުން ރޭޗަލް އަށް ލިބެމުން އަންނަނީ ތަރުހީބެވެ. އަދި މުޅި ފިލްމުގައި މައިގަނޑު ގޮތެއްގައި ސަމާލުކަން ހިފަހައްޓާ ހަމައެކަނި އެކްޓަރަކަށް ފެނިގެން ގޮސްފައިވަނީ ރޭޗަލްކަމަށް ވެސް ކްރިޓީކުން އަންނަނީ ބުނަމުންނެވެ.
ފިލްމުގައި ވިލަންގެ ރޯލުން ފެންނަ އިޒްރައިލް އެކްޓަރު ގަލް ގަޑޯޓްގެ އެކްޓިންއަށް ކްރިޓީކުން ވަނީ ފާޑު ކިޔާފައެވެ. އޭނާގެ އެކްޓިން އެކަށީގެންނުވާ ކަމަށް ވެސް އެތައް ކްރިޓީކުން ބުނެއެވެ.
މި ފިލްމު ރަސްމީކޮށް ދައްކަން ފެށުމަށް ހަމަޖެހިފައިވަނީ މި މަހުގެ 20ވާ ބުރާސްފަތި ދުވަހުން ފެށިގެންނެވެ.
ޑިޒްނީގެ އެންމެ މަގުބޫލު ކެރެކްޓަރުންގެ ތެރޭގައި ހިމެނޭ ސްނޯ ވައިޓަށް ބިނާކޮށް ފިލްމެއް ނެރެން އުޅޭކަން ޑިޒްނީން އިއުލާނު ކޮށްފައި ވަނީ 2022ވަނަ އަހަރުގައެވެ.
ފިލްމު އިއުލާނު ކުރުމާއެކު ފިލްމުގެ ކާސްޓާ މެދު އެތައް ބައެއްގެ މެދުގައި ވަނީ ހިޔާލު ތަފާތުވުންތަކެއް އުފެދިފައެވެ.
އެންމެ ފުރަތަމަ ވާހަކަ ދެކެވުނީ ސްނޯ ވައިޓްގެ ރޯލުން ފެންނަ ލެޓިން އެކްޓަރު ރޭޗެލް ޒެގްލާއާ ގުޅިގެންނެވެ. މީހުން ބުނާ ގޮތުގައި އޭނާގެ ހަމުގެ ކުލަ ރޯލަކަށް ނުފެތެއެވެ. ދެން ޚިޔާލު އުފެދުނީ އިޒްރާއިލު އެކްޓަރު ގަލް ގަޑޯޓް ފިލްމުގެ ލީޑު ރޯލަކަށް ހަމަޖެއްސުމާ ގުޅިގެންނެވެ.
މި ސަބަބުތަކާ ގުޅިގެން ފިލްމު ބޮއިކޮޓު ކުރުމަށް ވެސް ވަނީ ގޮވާލާފައެވެ. އަދި މި ފިލްމަކީ ބޮކްސް އޮފީހުގެ ފްލޮޕަކަށް ވާނެ ފިލްމެއް ކަމުގައި އެނަލިސްޓުން ވަނީ ލަފާ ވެސް ކޮށްފައެވެ.