ހަފުތާއެއްތެރޭ ދެވަނަ ފަހަރު: ވައިގެ މަގުން އެތެރެކުރަން އުޅުނު ދެހާހަށް ވުރެ ގިނަ ވޭޕް ސާމާނު އަތުލައިގެންފި

ފުލުހުންގެ އޮޕަރޭޝަނެއްގައި މީގެ ކުރިން އަތުލައިގަތް ވޭޕްތަކެއް: ވައިގެ މަގުން އެތެރެކުރަން އުޅުނު ދެހާހަށް ވުރެ ގިނަ ވޭޕް ސާމާނު އަތުލައިގެންފި -- ފޮޓޯ/ ފުލުހުން

ހަފުތާއެއް ތެރޭ ދެވަނަ ފަހަރަށް ވައިގެ މަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު ދެހާހަށް ވުރެ ގިނަ ވޭޕްގެ ސާމާނު ކަސްޓަމްސް އިން އަތުލައިގެންފިއެވެ.

އެންމެ ފުރަތަމަ ކަސްޓަމްސްއިން ވޭޕްގެ ސާމާނުތަކެއް އަތުލައިގަތީ، މިދިޔަ ހަފުތާގެ ބުދަ ދުވަހެވެ. އެ ދުވަހު 2،008 ވޭޕް ސާމާނު އަތުލައިގަތީ ސިއްރުން ރާއްޖެއަށް އެތެރެކޮށްފައިވާ އެއާކޯގެ ޝިޕްމަންޓެއްގައި ވޭޕް ފޮރުވާފައި ހުރި ކަމަށް ޝައްކުކުރެވިގެން އިތުރަށް ބަލާ ފާސްކުރުމުގެ ތެރޭގައެވެ.

އޭގެފަހުން، އިއްޔެ ވަނީ ޖުމުލަ 2062 ވޭޕްކުރާ ސާމާނުގެ އިތުރު ޝިޕްމަންޓެއް އަތުލައިގެންފައެވެ. އަތުލައިގެން ތަކެތީގެ ތެރޭގައި 1714 ނެނޯސްޓިކް އާއި 200 ރެޓިއާ ސްޓިކް ހިމެނެއެވެ. އަދި މީގެ އިތުރުން 96 ކެލިބާން ކާޓްރިޖް އާއި 50 ވީމޭޓް ކާޓްރިޖާއި، އަދި ވޭޕް ފްލޭވާ ލިކުއިޑްފުޅި ވެސް އެ ތަކެތި ތެރޭގައި ހިމެނޭކަމަށް ކަސްޓަމްސްއިން ބުނެއެވެ.

މި ދެ މައްސަލަ ވެސް ކަސްޓަމްސް އިން ތަހުގީގު ކުރަމުން އަންނައިރު، މި ރޯދަ މަސް ވެސް ކަނޑުމަގުން އެތެރެކުރަން އުޅެނިކޮށް 400 ވޭޕް ކަސްޓަމްސް އިން ވަނީ އަތުލައިގެންފައެވެ.

މިދިޔަ ޑިސެމްބަރު މަހުގެ 15ވަނަ ދުވަހުން ފެށިގެން ރާއްޖޭގައި ވޭޕް ބޭނުން ކުރުން ވަނީ މަނާކޮށްފައެވެ. ވޭޕް މަނާ ކޮށްފައިވަނީ ކިޔަވާ ކުދިންނާއި ޒުވާނުން ވަރަށް ބޮޑަށް އެ ނުރައްކާތެރި ވަބާގައި ޖެހިފައި ވުމުންނެވެ.

ރާއްޖޭގައި ވޭޕް ބޭނުން ކުރުމާއި އޭގެ ވިޔަފާރި ކުރުމަކީ މިހާރު ގާނޫނީ ގޮތުން ކުށެކެވެ.

ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނަށް ގެނައި އިސްލާހާއެކު ހިލޭ މީހަކަށް ވޭޕެއް ދިނަސް 10،000 ރުފިޔާގެ އަދަދުން ޖޫރިމަނާ ކުރެވެއެވެ. އަދި ވޭޕް ބޭނުންކުރާ ކޮންމެ މީހަކު 5،000ގެ އަދަދަކުން ޖޫރިމަނާ ކުރެވެއެވެ.

އަދި ވޭޕް ވިއްކައިފި ނަމަ 20،000 ރުފިޔާގެ އަދަދަކުން ޖޫރިމަނާ ކުރާއިރު ވިއްކި ކޮންމެ ވޭޕަކަށް 10،000 ރުފިޔާގެ ޖޫރިމާނާއެއް އަންނާނެއެވެ.

comment ކޮމެންޓް