ވައިގެ މަގުން ގަވާއިދާ ޚިލާފަށް ރާއްޖެއަށް އެތެރެކުރަން އުޅުނު 2062 ވޭޕްކުރާ ސާމާނު, މޯލްޑިވް ކަސްޓަމްސް ސާވިސްއިން އިއްޔެ އަތުލައިގެންފިއެވެ.
ކަސްޓަމްސްއިން މިއަދު ބުނީ އެ ތަކެތި އަތުލައިގެންފައި ވަނީ މެލޭޝިޔާއިން އިއްޔެ އައި ތިން ފަސިންޖަރެއްގެ ލަގެޖުގައި ފޮރުވާފައި ހުއްޓާ ކަމަށެވެ.
އެގޮތުން އަތުލައިގެން ތަކެތީގެ ތެރޭގައި 1714 ނެނޯސްޓިކް އާއި 200 ރެޓިއާ ސްޓިކް ހިމެނެއެވެ. އަދި މީގެ އިތުރުން 96 ކެލިބާން ކާޓްރިޖް އާއި 50 ވީމޭޓް ކާޓްރިޖާއި، އަދި ވޭޕް ފްލޭވާ ލިކުއިޑްފުޅި ވެސް އެ ތަކެތި ތެރޭގައި ހިމެނޭކަމަށް ކަސްޓަމްސްއިން ބުނެއެވެ.
އަދި ކަސްޓަމުން އެ މައްސަލަ އިތުރަށް ތަހުޤީޤްކުރަމުން ދާކަމަށް ވެސް ބުނެފައިވެއެވެ.
މި ރޯދަމަހުވެސް ކަނޑުމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު 400 ވޭޕް ކަސްޓަމްއިން ވަނީ އަތުލައިގެންފައެވެ.
މިދިޔަ ޑިސެމްބަރު މަހުގެ 15ވަނަ ދުވަހުން ފެށިގެން ރާއްޖޭގައި ވޭޕް ބޭނުން ކުރުން ވަނީ މަނާކޮށްފައެވެ. ވޭޕް މަނާ ކޮށްފައިވަނީ ކިޔަވާ ކުދިންނާއި ޒުވާނުން ވަރަށް ބޮޑަށް އެ ނުރައްކާތެރި ވަބާގައި ޖެހިފައި ވުމުންނެވެ.
ރާއްޖޭގައި ވޭޕް ބޭނުން ކުރުމާއި އޭގެ ވިޔަފާރި ކުރުމަކީ މިހާރު ގާނޫނީ ގޮތުން ކުށެކެވެ.
ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނަށް ގެނައި އިސްލާހާއެކު ހިލޭ މީހަކަށް ވޭޕެއް ދިނަސް 10،000 ރުފިޔާގެ އަދަދުން ޖޫރިމަނާ ކުރެވެއެވެ. އަދި ވޭޕް ބޭނުންކުރާ ކޮންމެ މީހަކު 5،000ގެ އަދަދަކުން ޖޫރިމަނާ ކުރެވެއެވެ.
އަދި ވޭޕް ވިއްކައިފި ނަމަ 20،000 ރުފިޔާގެ އަދަދަކުން ޖޫރިމަނާ ކުރާއިރު ވިއްކި ކޮންމެ ވޭޕަކަށް 10،000 ރުފިޔާގެ ޖޫރިމާނާއެއް އަންނާނެއެވެ.