ކަނޑުމަގުން އެތެރެކުރި 400 ވޭޕް ކަސްޓަމުން އަތުލައިގެންފި

ފުލުހުންގެ އޮޕަރޭޝަނެއްގައި މީގެ ކުރިން އަތުލައިގަތް ވޭޕްތަކެއް: ކަނޑުމަގުން އެތެރެކުރި 400 ވޭޕް ކަސްޓަމުން ވަނީ އަތުލައިގެންފައި -- ފޮޓޯ/ ފުލުހުން

ކަނޑުމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު 400 ވޭޕް މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން އަތުލައިގެންފިއެވެ.

ކަސްޓަމުން މިއަދު މީޑިއާތަކާއި ހިއްސާކުރި މެސެޖެއްގައި ވަނީ މި ތަކެތި ފެނުނީ، މާލެ ކޮމާޝަލް ހާބަރަށް ގެނެސްފައިވާ ސީފްރައިޓް ޝިޕްމެންޓެއް ބަލައިފާސްކުރުމުގެ ތެރޭގައި ޝައްކުކުރެވޭ ޒާތުގެ ބާވަތްތަކެއް ހުރުމުން އިތުރަށް ބަލައި ފާސްކުރުމުން ކަމަށެވެ.

އެގޮތުން ޖެނެރަލް ކާގޯގެ ގޮތުގައި ކަސްޓަމްސްއަށް ޑިކްލެއާކޮށްފައިވާ އެ ޝިޕްމެންޓުގައި ހިމެނޭ މުދަލުގެ ތެރޭގައި ވޭޕް ސްޓިކް ފޮރުވާފައި ހުރިކަމަށް ކަސްޓަމްސްއަށް ޝައްކުކުރެވި އިތުރަށް ބެލި ބެލުމުން 400 ވޭޕް ހިމެނޭ ޕެކޭޖެއް ހޯދުނު ކަމަށް ކަސްޓަމްސްއިން ވަނީ މައުލޫމާތު ދީފައެވެ.

ފުލުހުންގެ ހިންގި އޮޕަރޭޝަނެއްގައި ވެސް، މާލެއިން ގިނަ އަދަދެއްގެ ވޭޕް އަތުލައިގެންފައިވާ ކަަމަށް މިއަދު އެ މުއައްސަސާއިން ބުނެފައިވެއެވެ.

ފުލުހުން ބުނެފައިވަނީ ބިދޭސީމީހަކު ދިރިއުޅޭ ތަނާއި އޭނާ މަސައްކަތްކުރާ ކެފޭބަލާފާސްކުރިއިރު، 84 ވޭޕް ކާޓްރިޖް އާއި ވޭޕް ވިއްކައިގެން ހޯދާފައިވާ ކަމަށް ތުހުމަތުކުރެވޭ ފައިސާ ފެނިފައިވާކަމަށެވެ.

https://sun.mv/203374

އެ މައްސަލައިގައި ފުލުުހުން ވަނީ، އެމްޑީ އަބޫ ސުފްޔާން ކިޔާ ބަންގްލަދޭޝްގެ 27 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައެވެ.

އޭގެ އިތުުރުން ގަލޮޅުގައި ހުންނަ ފިހާރައެއްގައި ވޭޕް ވިއްކައި ވިޔަފާރިކުރާ ކަަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން އެ ފިހާރަ ބަލައިފާސްކޮށް ގިނަ އަދަދެއްގެ ވޭޕް ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.

މިދިޔަ ޑިސެމްބަރު މަހުގެ 15ވަނަ ދުވަހުން ފެށިގެން ރާއްޖޭގައި ވޭޕް ބޭނުން ކުރުން ވަނީ މަނާކޮށްފައެވެ. ވޭޕް މަނާ ކޮށްފައިވަނީ ކިޔަވާ ކުދިންނާއި ޒުވާނުން ވަރަށް ބޮޑަށް އެ ނުރައްކާތެރި ވަބާގައި ޖެހިފައި ވުމުންނެވެ.

ރާއްޖޭގައި ވޭޕް ބޭނުން ކުރުމާއި އޭގެ ވިޔަފާރި ކުރުމަކީ މިހާރު ގާނޫނީ ގޮތުން ކުށެކެވެ.

ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނަށް ގެނައި އިސްލާހާއެކު ހިލޭ މީހަކަށް ވޭޕެއް ދިނަސް 10،000 ރުފިޔާގެ އަދަދުން ޖޫރިމަނާ ކުރެވެއެވެ. އަދި ވޭޕް ބޭނުންކުރާ ކޮންމެ މީހަކު 5،000ގެ އަދަދަކުން ޖޫރިމަނާ ކުރެވެއެވެ.

އަދި ވޭޕް ވިއްކައިފި ނަމަ 20،000 ރުފިޔާގެ އަދަދަކުން ޖޫރިމަނާ ކުރާއިރު ވިއްކި ކޮންމެ ވޭޕަކަށް 10،000 ރުފިޔާގެ ޖޫރިމާނާއެއް އަންނާނެއެވެ.

comment ކޮމެންޓް