ސަރުކާރުގެ ލޯނު ސްކީމުގެ ދަށުން ބާސެލޯނާގައި ކިޔަވަމުންދާ ދަރިވަރުންނަށް މާލީ ގޮތުން ދަތިތަކެއް ދިމާވެ، އެ މައްސަލަތައް ފެންމަތިވެފައިވަނިކޮށް، ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދާ ސުވާލުކުރެއްވުމަށް ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން މަރުޒޫގު މިއަދު ހުށަހަޅުއްވައިފިއެވެ.
ބާސެލޯނާގައި ކިޔަވަމުންދާ ދަރިވަރުންނަށް މާލީ ގޮތުން ދަތިތަކެއް ދިމާވެ، އެ މައްސަލަތައް ސިޓީއެއް މެދުވެރިކޮށް މިދިޔަ މަހުގެ 22ގައި ހަޔާ އެޑިއުކޭޝާން މިނިސްޓްރީއާ ވަނީ ހިއްސާކޮށްފައެވެ. އެ ސިޓީއަކީ ވިސާ ހޯދުމުގައި ދިމާވާ ދަތިތަކާއި އެކަމަށް އިތުރަށް ދާ ޚަރަދު، ދަރިވަރުންނަށް އެކަށީގެންވާ އަދަދެއްގެ ސްޓައިޕެންޑެއް ނުލިބި އަމިއްލައަށް ޚަރަދުކުރަން ޖެހުން އަދި ކޯހުގައި ހޭދަވާ މުއްދަތު، ލޯނު ދޭ މުއްދަތަށް ވުރެ އިތުރުވުމާ ގުޅިގެން ފޮނުވި ސިޓީއެކެވެ.
ނަމަވެސް, އެ ސިޓީ ފޮނުވިތާ މަހެއްވީއިރު ވެސް މިނިސްޓްރީގެ ޖަވާބެއް ލިބިފައިނުވާ ކަމަށް "ސަން"އާ ވާހަކަދެއްކި ދަރިވަރަކު ރޭ ބުންޏެވެ.
އެ މައްސަލަ ބޮޑުވެފައި ވަނިކޮށް، ބޭރުގައި ތައުލީމު ހާސިލުކުރަމުންދާ ދަރިވަރުންނަށް ދިމާވާ ބައެއް ގޮންޖެހުންތަކާ ގުޅޭ ގޮތުން ދަރިވަރުން ހިއްސާކޮށްފައިވާ ޝަކުވާތަކާ ގުޅިގެން، ހަޔާ އެޑިއުކޭޝަން މިނިސްޓަރު ހައިދަރާ ސުވާލު ކުރުމަށް މެންބަރު އަޒާން ވަނީ ހުށަހަޅައިފައެވެ.
އަޒާން ވަނީ ދެ ސުވާލެއް މިނިސްޓަރު ލިޔުމުން ޖަވާބު ފޮނުއްވައިދެއްވުމަށް އެދި ހުށަަހަޅައިފައެވެ.
އެއް ސުވާލަކީ ދަރިވަރުންގެ ސްޓައިޕެންޑް ފައިސާ ޖަމާކުރުމާއި ދައްކަންޖެހޭ ޓިއުޝަން ފީތައް ދެއްކުން ލަސްވަނީ ކީއްވެކަމާއި، އެގޮތަށް ލަސްވުމަށް މެދުވެރިވާ ސަބަބު ނައްތާލުމަށް ކުރެވިފައިވާ މަސައްކަތަކީ ކޮބައިކަން ސާފުކޮށްދިނުމަށް ހުށަހަޅާފައެވެ. އަދި, ދަރިވަރުން ފޮނުވާފައިވާ އީމެއިލް އަދި ސިޓީތަކަށް ޖަވާބުދިނުން ލަސްވަނީ ކީއްވެކަން ސާފުކުރުމަށް ވެސް ސުވާލެއް ފޮނުވިއެވެ.
ދަރިވަރުންގެ އެ ސިޓީ ހުށަހެޅީ މީގެ މަހެއްހާ ދުވަސް ކުރިން ނަމަވެސް، އެ ސިޓީގެ މައުލޫމާތު އާންމުވީ ސޯޝަލް މީޑިއާގައި އާންމުވީ މި ފަހުންނެވެ. އެއާއެކު ލޯން ސްކީމްގެ ދަށުން ކިޔަވާ ބައެއް އެހެން ދަރިވަރުން ވެސް ލޯނު ލިބުމުގައި ދިމާވާ ދަތިތައް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ.
އެހެން ދަރިވަރުން ވެސް ވަނީ، ސަރުކާރުން ކަނޑައަޅާފައިވާ ސްޓައިޕެންޑުން ޚަރަދުތައް ފޫނުބެއްދުމުގެ ކަންބޮޑުވުމުގެ އިތުރުން، ސްޓައިޕެންޑު ދިނުން ލަސްވުމުން އަމިއްލަ ޖީބުން ޚަރަދުތައް ކުރަން ޖެހުމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ.
އެ މައްސަލައާ ގުޅޭ ގޮތުން ހައިދަރާއި ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބަހެއް ހޯދަން މަސައްކަތް ކުރި ނަމަވެސް، މިހާތަނަށް ލިބިފައިނުވެއެވެ.